މި އަހަރުގެ ފިލްމު ފެއާ އެވޯޑުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަގްބޫލު ބަތަލާ ހެމާ މާލިނީއަށް ލިބިއްޖެއެވެ.
ހެމާ އަށް އެވޯޑު ހަވާލު ކުރީ ލިޔުންތެރިއާ އަދި ޝާއިރު ކަމަށްވާ ގުލްޒާރުއެވެ. ހެމާ އަކީ އެކްޓް ކުރުމުގެ އިތުރުން، ފިލްމު އުފެއްދުމާއި ޑައިރެކްޓް ކުރުމާއި ލިޔެ އަދި ޕްރޮޑިއުސްވެސް ކުރާ ފަރާތެކެވެ. މީގެ އިތުރުން ހެމާ ވަނީ އިންޑިއާގެ މަޖިލިސް މެންބަރުކަންވެސް ކޮށްފައެވެ.
ބޮލީވުޑްގައި 50 އަހަރު ހޭދަކޮށް ހެމާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި 11 ފަހަރު ފިލްމު ފެއާ އެވޯޑުގެ އެންމެ މޮޅު ބަތަލާއަށް ނޮމިނޭޓްވެފައިވާއިރު 1972 ވަނަ އަހަރު ފިލްމު ސީތާ އޯރު ގީތާ އިން ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ލިބިފައެވެ.
ހެމާ އަކީ ބޮލީވުޑްގެ "ޑްރީމް ގާލް" ގެ ނަމުން މަޝްހޫރުވެފައިވާ ތަރިއެކެވެ. އަދި 1977 ވަނަ އަހަރު އޭނާ ވަނީ ޑްރީމް ގާލްގެ ނަމުގައި ފިލްމެއްވެސް ކުޅެފައެވެ. އެއަހަރު ހެމާ އަށް ވަނީ އިންޑިއާގެ ހަތަރު ވަނަ އަށް އެންމެ މަތީ ޝަރަފު ކަމުގައިވާ ޕަޑްމާ ޝްރީ އެވޯޑުވެސް ލިބިފައެވެ.
އެވޯޑު ލިބުމުން ހެމާ ބުނި ގޮތުގައި އެންމެ ފުރަތަމަ ފިލްމީ ދުނިޔެއަށް ވަން އިރު ހީކުރީ މި ދާއިރާގައި ހުރެވޭނީ އެންމެ ދެ އަހަރު ކަމަށާއި ނަމަވެސް އޭނާ ރިޖެކްޓް ކުރިހާ މީހުނަށް އޭނާގެ ގާބިލިއްޔަތުކަން ސާބިތު ކޮށްދިނުމުގެ އަޒުމުގައި މަސައްކަތް ކުރިއަށް ގެންދިޔަ ގޮތަށް 50 އަހަރު ދާއިރާއަށް މިހާރު ދެވިފައިވާކަމަށެވެ.
ހެމާ އިތުރަށް ބުނި ގޮތުގައި މިހާރު ބޮލީވުޑްގައި ޑްރީމް ގާލްގެ މަގާމު ނެގޭނެ ތަރިން ކަމުގައި އޭނާ އަށް ފެންނަނީ އައިޝްވަރިޔާ ރާއީ އާއި ދީޕިކާ ޕަޑުކޯންއެވެ.