ބޮލީވުޑް

64 ވަނަ ފިލްމު ފެއާ އެވޯޑްސް: އެންމެ މޮޅު ބަތަލަކަށް ރަންބީރު، ބަތަލާ އަށް އާލިއާ

64 ވަނަ ފިލްމު ފެއާ އެވޯޑްސް ގައި އެންމެ މޮޅު ބަތަލަކަށް ރަންބީރު ކަޕޫރު ހޮވުނުއިރު އެންމެ މޮޅު ބަތަލާއަށް ހޮވިފައިވަނީ އާލިއާ ބަޓްއެވެ.

ފިލްމު ޕެޑް މޭން އިން އަކްޝޭ ކުމާރު، ފިލްމު އަންދާދުން އިން އަޔުޝްމަން ކުރާނާ، ފިލްމު ސްޓްރީ އިން ރާޖްކުމާރު ރާއޯ، ފިލްމު ޒީރޯ އިން ޝާހުރުކް ޚާން އަދި ފިލްމު ޕަޑްމާވަތް އިން ރަންވީރު ސިންގްއާ ވާދަކޮށްގެން ރަންބީރު ކަޕޫރަށް އެންމެ މޮޅު ބަތަލުގެ އެވޯޑް ލިބިފައިވަނީ އޭނާ ކުޅުނު ސަންޖޭ ދަތްގެ ބައޯޕިކް "ސަންޖޫ" އިންނެވެ.

އާލިއާ އަށް އެންމެ މޮޅު ބަތަލާ ލިބިފައިވަނީ ފިލްމު ޕަޑްމާވަތް އިން ދީޕިކާ ޕަޑުކޯން، ފިލްމު ބަދާއީ ހޯ އިން ނީނާ ގުޕްތާ، ފިލްމު ހިޗްކީ އިން ރާނީ މުކަރްޖީ އަދި ފިލްމު އަންދާދުން އިން ތާބޫ އާ ވާދަކޮށްގެނެވެ. އާލިއާއަށް އެވޯޑު ލިބިފައިވަނީ ފިލްމު ރާޒީ ގައި އޭނާ ދައްކައިދީފައިވާ މޮޅު ހުނަރުންނެވެ.

މިއީ ރަންބީރު އަށް ފިލްމު ފެއާ ގެ އެންމެ މޮޅު ބަތަލު ލިބުނު ތިންވަނަ ފަަހަރުއެވެ. މީގެ ކުރިން ފިލްމު ރޮކްސްޓާ އަދި ބަރްފީ އިންވެސް ރަންބީރަށް ވަނީ އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިފައެވެ. އަދި މިއީ އާލިއާއަށް އެންމެ މޮޅު ބަތަލު ލިބޭ ދެވަނަ ފަހަރުއެވެ. 2016 ވަނަ އަހަރު އުޅުތާ ޕަންޖާބުންވެސް އާލިއާ އަށް ވަނީ ފިލްމް ފެއާ ގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.

އެވޯޑު ލިބުމުން އާލިއާ ވަނީ ކަރަން ޖޯހަރު އާއި އޭނާގެ ބައްޕަ އަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ރަންބީރުއަށް ނިސްބަތްކޮށް ލޯބިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރަންބީރު ވަނީ ފިލްމުގައި އޭނާ އާއެކު މަސައްކަތް ކުރި ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެވޯޑު ލިބެނީ ހަމަ އެކަނި އެކްޓު ކުރުމާ ނަށަން އެނގުމުން ނޫން ކަމަށާއި މީހާގެ މުޅި 'ސޯލް" އެ ފިލްމަކަށް ލައިގެން ކުޅުމުން ނޫނީ ބެލުންތެރިން އެ ފިލްމެއް ބަލައިނުގަންނަ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

މި އަހަރު ކައިވެނި ކުރާ ވާހަކަތަކެއް ދެކެވިފައިވާ ދެ ލޯބިވެރިން ކަމުގައިވާ ރަންބީރު އާއި އާލިއާ އެވޯޑާ އެކު ސްޓޭޖުގައި ފޮޓޯނެގުމަށްފަހު ސްޓޭޖުން ފޭބީ އަތުގުޅާލައިގެންނެވެ.