ވިޔަފާރި

އެމްޓީސީސީގެ "ސުޕަވައިޒާސް ފޯރަމް 2023" ބާއްވައިފި

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ "ސުޕަވައިޒާސް ފޯރަމް 2023" ބާއްވައިފިއެވެ.

"ސުޕަވައިޒާސް ފޯރަމް 2023" އަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިޕާޓްމެންޓާއި އެޗްއާރް ޑިޕާޓްމެންޓް ގުޅިގެން އެއް ދުވަހުގެ މުއްދަތަށް ހޮޓެލް ޖެންގައި ބޭއްވި ފޯރަމެކެވެ. އެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޮޓަލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

އެމްޓީސީސީން ބުނީ އެ ފޯރަމުގައި އެ ކުންފުނީގެ އެކި ރަށްރަށުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިޕާޓުންޓުގެ ވެރިން ހިމެނޭ ގޮތަށް 88 ސުޕަވައިޒަރުން ބައިވެރިވި ކަމަށެވެ.

މިއީ ސުޕަވައިޒާސް ފޯރަމް ބޭއްވި ދެވަނަ ފަހަރު ކަމަށާއި އެ ފޯރަމުގެ ބޭނުމަކީ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ފޯރަމްގެ ސެޝަންތަކުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައިވެރިންނަށް މަޝްރޫއުތައް ހިންގުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައިކަމަށް އެމްޓީސީސީން ބުންޏެވެ. މީގެ އިތުރުން އެ ފޯރަމްގައި އެމްޓީސީސީގެ އެކިއެކި ޑިޕާޓުމެންޓުތަކުގެ ވެރިންނާއި ޓެކްނިކަލް އެކްސްޕާޓުންވެސް ވަނީ ބައިވެރިންނަށް މައުލޫމާތު ދީފައި ކަމަށެވެ.

އެގޮތުން އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއި، ސަރުކާރުން ބޭނުންވާ އަވަސް މިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، ހަރަދުކުޑަކޮށް، މަޝްރޫއުތައް ނިންމަން، އޮންނަ ވަގުތުގެތެރޭ އެފިޝެންޓްކޮށް މަޝްރޫއުތައް ނިންމުމާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އެމްޓީސީސީގެ މެޝިންތަކާއި ވަސީލަތްތައް ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް" ގެ އިމުގުތެރެއިން ކުންފުންޏަށް އެންމެ ފައިދާވާ ގޮތަށް މެޝިނަރީޒް ބޭނުންކުރުމާ ގުޅޭގޮތުންވެސް ވަނީ މައުލޫމާތުދީފައި ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމާ ގުޅޭގޮތުން ފޯރަމްގައި މަޝްވަރާކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި އާއްމުން ސިއްހީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަން ޖެހޭ މިންގަނޑުތަކުގެ މައުލޫމާތު ދީފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަރޝިޕް އާއި ޓްރޭނިން ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު، 2،043 މުވައްޒަފުން 26،920 ގަޑިއިރުގެ ޓްރޭނިން ފުރިހަމަ ކޮށްފައިވާ ކަމަށާއި އަދި 2021 ވަނަ އަހަރު 11 ސްކޮލާޝިޕް އަދި މިދިޔަ އަހަރު 8 ސްކޮލަރޝިޕް ފުރުސަތު، ތަފާތު ރޮނގުތަކުން ރާއްޖޭން ބޭރުގައި ކިޔެވުމަށް، މުވައްޒަފުންނަށް ފޯރުކޮށްދީފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.