ސުޕްރީމް ކޯޓް

އިންތިހާބާ ގުޅޭ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު 10:30ގައި

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ ހެނދުނު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ސިއްރު ހެކި ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން ގޮތެއް ނިންމައި، މާދަމާ އެކަން އިއުލާންކުރާނެއެވެ. އެ މައްސަލައިގެ ފަހު އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.

މާދަމާ ހެނދުނު ބާއްވާ އަޑުއެހުމަށްފަހު ދެން އޮންނާނީ އެ މައްސަލައަށް ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ވަގުތެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނެ ތިން މީހަކު ދީފައިވާ ހެކިބަހެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެ ތިން ހެކިންގެ ބަޔާން ސިއްރު ކުރަން ރައީސް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ.

ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވެއެވެ.

ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.

އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެއެވެ.

އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.