ޝަހީދާ އަބްދުﷲ ސައީދު
ގދ. މާވަރުލުގައި ހަދަން ނިންމާފައިވާ އެއާޕޯޓްގެ ކުރެޑިޓް ނެގޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ބަހުސްގައި ކެންޑިޑޭޓަކު ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި މާވަރުލު އެއާޕޯޓް ހަދަން ބަޔަކާ ހަވާލުކުރި ނަމަވެސް ހަވާލުވި ކުންފުނީގެ އިހުމާލުން އެކަން ހުއްޓިފައިވާ ކަމަށެވެ.
އަދި އެއާޕޯޓް ހަދަން ހަވާލުވިތާ ހަތް އަހަރުވެގެން ދިއުމުން ރައީސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލުކޮށް އަލުން ވުޖޫދަށް ގެނެސްފައިވަނީ އެއްވެސް ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނުނެގޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންގެ ސަރުކާރުން މާވަރުލު އެއާޕޯޓް އަޅަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށާއި އެއާޕޯޓްގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
ގދ. މާވަރުލުގައި ހަދާ އެއާޕޯޓު އެޅުމުގެ މަސައްކަތް 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ މޫވިން އިންޓަނޭޝަނަލް ކުންފުންޏާއެވެ.
އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒާހިރެވެ. އަހުމަދު ޒާހިރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އާއި ޓްރާންޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމެވެ.
ނަމަވެސް ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ އެތަން ސަރުކާރަށް ވަނީ ނަގާފައެވެ. އަދި މާވާރުލު އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ ގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ގައެވެ.
މިއީ ދައުލަތުގެ ބަޖެޓުން 57 މިލިއަން ހަރަދުކޮށްގެން އަޅާ އެއާޕޯޓެކެވެ.
ޓޫރިޒަމް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މާވާރުލުގައި އެއާޕޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.