ސުޕްރީމް ކޯޓް

މިއަދުގެ އަޑުއެހުން ނިންމާލައިފި، ސިއްރު ހެކި ނެގުމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމަނީ

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

އެ މައްސަލައިގެ އަޑުއެހުމަށްފަހު ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވީ މާދަމާ އޮތީ ސިއްރު ހެކި ނެގުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ބެންޗުން ގޮތެއް ނިންމައި އެކަން އިއުލާންކުރެއްވުން ކަމަށެވެ.

ހިސާން ވިދާޅުވީ މިއަދުވެސް މައްސަލައަށް ތަދައްހުލްވި ގުޅިފައިވާ ޕާޓީތަކުން ފާހަގަކޮށްފައިވަނީ މައްސަލައިގެ ހުށަހެޅުނު ކަންތައްތަކަށް ބަލާއިރު އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނުބެލޭނެ ކަމަށާއި ޕީޕީއެމްގެ ފަރާތުން ވިދާޅުވެފައިވަނީ އެ މައްސަލަ ބަލައިގެންފައިވަނީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ކޯޓަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޝަރީއަތް ނިންމާލަމުން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައަކީ ރައީސް ޔާމީނަށް ބަލިގަބޫނުކުރެއްވިގެން ހުށަހެޅުއްވި މައްސަލައެއް ކަމަށް ފާހަގަކޮށްފައިވާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ވޯޓް އޮޅުވާލުމުގައި ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އަނގޮޓިތަކެއް ރާއްޖެއިން ބޭރުން ގެނައި ކަމަށް ބުނެ ތިން މީހަކު ދީފައިވާ ހެކިބަހެއް ރައީސް ޔާމީންގެ ފަރާތުން މިއަދު ސުޕްރީމް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެ ތިން ހެކިންގެ ބަޔާން ސިއްރު ކުރަން ރައީސް ޔާމީންގެ ވަކީލުން ވަނީ އެދިވަޑައިގެންފައެވެ.