ގޯލްޑަން ފުޓްސަލް ޗެލެންޖް

ހއ. އަތޮޅުގެ ކުއާޓާ ޓީމުތައް ޔަގީންވެއްޖެ، ޗެމްޕިއަން ތިމަރަފުއްޓަށް ބޮޑު މޮޅެއް

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކާއެކު ހއ. އަތޮޅުގެ އަތޮޅު ކުއާޓާ ފައިނަލަށް ދިޔަ ޓީމުތައް ޔަގީންވި އިރު، އެންމެފަހުން ޗެމްޕިއަން ތިމަރަފުށިން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ތ. ބުރުނި ބަލިކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، އިއްޔެ ހަވީރާއި ރޭވެސް މެޗުތައް ކުޅެފައިވެއެވެ. އިއްޔެ ހަވީރު ހަތަރު މެޗު ކުޅެފައިވާއިރު، ރޭ ވަނީ އަށް މެޗު ކުޅެފައެވެ. ރޭ ކުޅުނު އަށް މެޗުގެ ތެރެއިން އެއް މެޗަކީ ކ. އަތޮޅުގެ ގްރޫޕް ދޭއްގެ މެޗެވެ. އޭގެ އިތުރުން ތ. އަތޮޅު ގްރޫޕް ދޭއްގެ ތިމަރަފުށި މެޗު ރޭ ކުޅުނު އިރު، އަނެއް ހަ މެޗަކީ ހއ. އަތޮޅުގެ ތިން ގްރޫޕްގެ ފަހު މެޗުތަކެވެ.

ރޭ ކުޅުނު ކ. އަތޮޅުގެ މެޗުގައި ހިންމަފުށި ކައިރިން މާފުށި މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާފުށީގެ ގޯލުތައް ޖެހީ ހަސަން އިމްރާނާއި ޒުލްކިފުލް ޒާހިރެވެ. ހިންމަފުށީގެ ހަމައެކަނި ގޯލް ޖެހީ އަހުމަދު ޖައިލަމެވެ.

އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން މި އަހަރު މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ރޭ ބުރުނީ ބަލިކުރީ 8-1ގެ ނަތީޖާ އަކުންނެވެ. މެޗުގައި ތިމަރަފުށީގެ އިބްރާހީމް ހަމްދާން (މެސީ) ފަސް ގޯލް ޖެހި އިރު، އަލީ ޝިފާއު ވަނީ ދެ ގޯލް ޖަހައިފައެވެ. އަދި ތިމަރަފުށީގެ އަނެއް ގޯލް ޖެހީ އިބްރާހީމް ސިނާހް (ސިނާ) އެވެ. މެޗުގައި ބުރުނީގެ ހަމައެކަނި ގޯލް ޖެހީ މަހުމޫދް ސަލީމެވެ.

ހއ. އަތޮޅުގެ ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އެ އަތޮޅު ކުއާޓާއަށް ދިޔަ ކެލާއިން ރޭ ކުޅުނު މެޗުގައި ތުރާކުނު ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ކެލާގެ ގޯލުތައް ޖެހީ އަހުމަދު އިނާދާއި އަލީ އިނާދެވެ. އެ ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި މާރަންދޫން 3-2 އިން ބާރަށް ބަލިކުރި ނަމަވެސް، ބާރަށް ވަނީ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ޔަގީންކޮށްފައެވެ. އަދި މާރަންދޫން ވަނީ އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގައި ހިމެނި އަތޮޅު ކުއާޓާ ޔަގީންކޮށްފައެވެ.

މާރަންދޫގެ ގޯލުތައް ރޭގެ މެޗުގައި ޖެހީ އަހުމަދު މުހައްމަދާއި ސަމްހާން އަބްދުލް ރަހުމާން އަދި މުހައްމަދު ރަމީޒެވެ. ބާރަށުގެ ގޯލުތައް ޖެހީ ސަމްއާން އަބްދުލް ޝުހޫރާއި އަހުމަދު ފައިޒާނެވެ.

ހއ. އަތޮޅު ގްރޫޕް ދެއަކުން ވަށަފަރާއި އުތީމުން އަތޮޅު ކުއާޓާ ޔަގީންކުރި އިރު، ވަށަފަރުން ރޭ އުތީމު 2-1 އިން ބަލިކޮށް ގްރޫޕް އެއްވަނަ ޔަގީންކުރިއެވެ. ވަށަފަރުގެ ގޯލުތައް ޖެހީ އިބްރާހީމް ސަނޫނާއި އަބްދުﷲ ސިނާނެވެ. އުތީމުގެ ހަމައެކަނި ގޯލް ޖެހީ އާދަމް އިޔާޒެވެ.

އެ ގްރޫޕްގައި ރޭ އިހަވަންދުއާއި ހޯރަފުށި ކުޅުނު މެޗު 2-2 އިން އެއްވަރުވުމާއެކު އެ ދެ ޓީމަށް ވަނީ އަތޮޅު ކުއާޓާގެ ފުރުސަތު ގެއްލިފައެވެ.

ހއ. ގްރޫޕް ތިނަކުން ދިއްދުއާއި ފިއްލަދޫ އަދި މުރައިދޫވެސް އަތޮޅު ކުއާޓާ ޔަގީންކުރި އިރު، އެއްވަނައަކީ ދިއްދުއެވެ. ދިއްދޫން ރޭ ކުޅުނު މެޗުގައި މުރައިދުއާ 2-2 އިން އެއްވަރުވި އިރު، މުރައިދޫގެ ގޯލުތައް މެޗުގައި ޖެހީ އިޔާން އަހުމަދު ރަޝީދާއި ހުސައިން އިރުފާން އަލީއެވެ. ދިއްދޫގެ ގޯލުތައް ޖެހީ ހައިސަމް ރަޝީދާއި އާދަމް ނަސީމެވެ.

ގްރޫޕްގެ ދެވަނައިގައި ގޮތުގައި އަތޮޅު ކުއާޓާއަށް ދިޔަ ފިއްލަދޫން ރޭ ކުޅުނު މެޗުގައި ތަކަންދޫ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. ފިއްލަދޫގެ އަލީ ކާމިލް މެޗުގައި ހެޓްރިކް ހެދި އިރު، ތަކަންދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ހަސަން އަހުމަދާއި މުހައްމަދު ސިމްހާނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މިއަދާއި މިރޭ އޮތް މެޗުތައް

16:00 ށ. މަރޮށި - ށ. ކަނޑިތީމް (ގްރައުންޑް 1)
16:00 އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި (ގްރައުންޑް 2)
17:00 ށ. ބިލެއްފަހި - ށ. މިލަންދޫ (ގްރައުންޑް 1)
17:00 އއ. ރަސްދޫ - އއ. ތޮއްޑޫ (ގްރައުންޑް 2)
20:00 އދ. މަހިބަދޫ - އދ. ފެންފުށި (ގްރައުންޑް 1)
20:00 އދ. ހަންޏާމީދޫ - އދ. ދަނގެތި (ގްރައުންޑް 2)
21:00 ގއ. ދެއްވަދޫ - ގއ. ވިލިނގިލި (ގްރައުންޑް 1)
21:00 ގއ. ދާންދޫ - ގއ. ކޮނޑޭ (ގްރައުންޑް 2)
22:00 ގއ. މާމެންދޫ - ގއ. ގެމަނަފުށި (ގްރައުންޑް 1)
22:00 ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ (ގްރައުންޑް 2)
23:00 ރ. އަލިފުށި - ރ. އިންނަމާދޫ (ގްރައުންޑް 1)
23:00 ރ. މީދޫ - ރ. އިނގުރައިދޫ (ގްރައުންޑް 2)