މެންބަރު އަބްދުﷲ ރިޔާޒް

ވައުދުތައް ފުއްދުމަށް އިޚުލާސްތެރި ބައިވެރިއެއްގެ ގޮތުގައި ހުންނާނަން: ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އިޚުލާސްތެރި ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނާއެކު ދެމިހުންނަވާނެ ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އުންމީދީ ބަދަލެއް ކަމަށާއި އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އަދި ލިބޭ އާމްދަނީ އިތުރުވާނެ ފުރުސަތުތަކަކަށް ރައްޔިތުން އެދޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގަތީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި އެއްވެސް ބަޔަކަށް ދެރަގޮތެއް ނަހަދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެވެ.

ފަހަކަށް އައިސް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ބާއްވާ ކެމްޕއެިން ޖަލްސާތަކުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ދެބޭފުޅުންގެ މެދުގައި ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް މިދަނޑިވަޅު ވަނީ އުފެދިފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ކޯލިޝަން ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅެވެ.