ސ. މަރަދޫފޭދޫ/ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ)ގެ ހަބަރެއް ނުވެގެން ހޯދާތާ މިއަދަށް ތިން ދުވަސް ވެއްޖެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާއިން އަދިވެސް ކުރަމުން އަންނައިރު އެކަމުގައި މާ ބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ދިޔައީ ކޮންތާކަށް، ވީ ކިހިނެއް ކަމެއްވެސް އެނގޭ މީހަކު ނެތެވެ. ފޯނަކަށް ނުގުޅެއެވެ. އެނގެން އޮތް ކަމަކީ، އާސިރު އެންމެ ފަހުން ފެނުނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރު ކަމާއި އެއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެއް ކަމެވެ.
އާސިރުގެ އާއިލާގެ މީހަކު "ވަން"އަށް ކިޔައިދިން ގޮތުގައި، އާސިރު ގެއިން ނުކުތީ ހުޅުމާލޭގައި އޭނާ މަސައްކަތް ކުރާ ފިހާރައަށް ދިއުމަށެވެ. އާސިރު އުޅެނީ މާލޭގައި އަށެއް ޖަހަންވާއިރަށް ފިހާރައަށް ދެވޭނީ 30 ވަރަކަށް މިނެޓް ކުރީން ގެއިން ނުކުތުމުން ކަމަށްވާތީއެވެ. އާސިރު މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ފިހާރައެއްގައެވެ. އެއީ އާއިލާގެ މެންބަރަކު ހިންގަމުން އަންނަ އަންނައުނު ފިހާރައެކެވެ.
"އާއްމުކޮށް ދާނީވެސް ސައިކަލުގަ، އެކަމު އެ ދުވަހު އާސިރު ނުކުތްއިރު ސައިކަލު ތަޅުގަނޑިވެސް ކޮޓަރީގަ އެބައޮތް" އާއިލާގެ މީހާ "ވަން" އަށް ކިޔައިދިނެވެ.
އާސިރު ދިރިއުޅެމުން އަންނަނީ، އޭނާގެ މަންމަ ފަރާތު ބޭބެއެއްގެ ގެއިން އެމީހުންނަށް ލިބިފައިވާ ތަންކޮޅުގައެވެ. ހެންވޭރުގައި ހުންނަ އެގޭގައި އާސިރާއެކު އޭނާގެ މައިންބަފައިންނާއި ދެ އަންހެން ކޮއްކޮވެސް ދިރިއުޅެއެވެ. އާސިރު ދިރިއުޅޭ ގޭގެ ކުރިމައްޗަށް ކަހަލަ ގޮތަކަށް ހުންނަ ފިހާރައެއްގެ ކެމަރާއަށް އާސިރު ގެއިން ނުކުންނަ މަންޒަރު އަރާފައިވިޔަސް އެއިން އާދަޔާ ހިލާފުކަމެއް ފާހަގައެއް ނުކުރެވެއެވެ.
"ފޫޓޭޖުން މި ފެންނަނީ އެކަނި ގެއިން ނުކުމެގެން ގޮސް، ރޯޝަނީ މަގާއި ހަމަޔަށްދާތަން. އޭގެ ފަހުން އާސިރު ދިޔަތަނެއް ނޭނގެ. ކިލޯ ގްރާމް ފިހާރަ ކުރިމައްޗަށް އޮންނަ ގޯޅީގައި އެ މީހުންގެ ގެ ހުންނާނީ" އާއިލާގެ މީހާ "ވަން" އަށް ބުންޏެވެ.
އާސިރުގެ އާއިލާއިން ބުނި ގޮތުގައި އޭނާގެ މާ ބައިވަރު ރަށްޓެހިންނެއް ނުތިބެއެވެ. އާއްމުކޮށް ފިހާރައިން ނިމޭ ގޮތަށް އާސިރު އަންނަނީ ގެއަށެވެ. ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. ބައެއް ދުވަސް ދުވަހު އާސިރު ފިހާރައިން ނިމޭއިރު ހުންނަނީ ރޭގަނޑު އެގާރަ ޖަހާވެސް ބޮޑުވެފައެވެ. ނަމަވެސް އާސިރު ގެއްލުނު ރޭ، އޭނާ ފިހާރައަށް ގޮސްފައެއް ނުވެއެވެ.
އާއިލާއިން މައުލޫމާތުދޭ ގޮތުގައި އާސިރަކީ ހަޔާތުގައި ދިމާވި ކަމެއްގެ ސަބަބުން ސިކުނޑީގެ ކަމަކަށް ފަރުވާކުރާ މީހެކެވެ. ނަމަވެސް އެެއީ ކޮން ކަމެއްކަމެއް އާއިލާއަކުން ނުބުނެއެވެ. ބުނިހާވެސް އެއްޗަކީ އާސިރު މެލޭޝިޔާގައި ކިޔަވަން އުޅުނުއިރު ދިމާވި ކަމެއްކަމަށެވެ. އެ ކަމަށް އާސިރު އަދިވެސް ފަރުވާކުރާއިރު ގަވައިދުން ބޭސްކާން ޖެހެއެވެ. ނަމަވެސް އޭނާގެ ފަރާތުން އާދަޔާ ހިލާފުކަމެއް ފާހަގަވެފައި ނުވާ ކަމަށް އާއިލާއިން ބުންޏެވެ.
ވީނުވީއެއް ނޭނގި އާސިރު ގެއްލިފައިވާއިރު، އޭނާގެ އާއިލާއިން ތިބީ އާސިރު ފެންނާނެކަމުގެ އުންމީދުގައެވެ. "ވަން" އިންވެސް އެދެނީ އާސިރު ހެޔޮހާލުގައި ފެނުމެވެ.