ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ ގެއްލުނު މީހުންގެ ތެރޭގައި ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއާއި ނިއުކާސަލަށް ކުޅުނު ކްރިސްޓިއަން އަޓްސޫ ހިމެނޭ ކަމަށް ތުރުކީގެ އިދާރާތަކުން ބުނެފިއެވެ.
ތުރުކީއާއި ސީރިއާގެ ސަރަހައްދަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސް، އެތައް އިމާރާތެއް ވެއްޓި، އެތައް ބަޔަކަށް އަނިޔާތައް ލިބިފައިވެއެވެ. ބިންހެލުމުގެ އަސަރު ތުރުކީއަށް ވަރަށް ބޮޑަށް ކޮށްފައިވާ އިރު، އެ ގައުމަށް 7.8 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ތުރުކީގެ ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ އިރު، އެގައުމުގެ ކްލަބު، ހަޓޭސްޕޯގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބި އިމާރާތެއްވެސް ވަނީ ބިމާ ހަމަވެފައެވެ. އެ ކްލަބަކީ ކުރިން ޗެލްސީއާއި ނިއުކާސަލްގެ އިތުރުން އެވަޓަންއާއި ބޯންމައުތު އަދި މަލާގާއަށްވެސް ކުޅުނު ގާނާގެ 31 އަހަރުގެ ފޯވަޑް އަޓްސޫވެސް ކުޅެމުންދާ ކްލަބެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުން ކްލަބުގެ ބައެއް ކުޅުންތެރިން މިހާރު ސަލާމަތްވެފައިވާ އިރު، ނުފެންނަނީ އަޓްސޫއާއި ސްޕޯޓިން ޑިރެކްޓަރު ޓާނާ ސަވުޓެވެ. އަޓްސޫއާއި ސްޕޯޓިން ޑިރެކްޓަރު ހޯދުމަށް މިހާރު ވަނީ ކްލަބުން ހާއްސަ އޮަޕަރޭޝަނެއް ފަށައިފައެވެ.
އަޓްސޫގެ ކުރީގެ ކްލަބު ނިއުކާސަލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ "ކްލަބުން އެދެމުން ދަނީ އަޓްސޫގެ ހެޔޮ ހަބަރަކަށް،" ކަމަށެވެ.
އަޓްސޫ ތުރުކީ ލީގަށް ބަދަލުވީ މިދިޔަ އަހަރުއެވެ. ތުރުކީގެ ކަހްރަމަންމަރާސްއަށް މިއަދުގެ ވަގުތެއްގައި ބާރުގަދަ ދެ ބިންހެލުން އައިސްފައިވާ އިރު، މަރުވި މީހުންގެ އަދަދު މިހާރު 1600 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.