މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގެ ފުރަތަމަ މެޗުތައް ރޭ ކުޅެފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، މެޗުތައް ފެށީ ހއ. އަތޮޅާއި ހދ. އަތޮޅުންނެވެ. މުބާރާތުގައި ހއ. އަތޮޅުން 12 ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ މެޗުތައް ކުޅެމުންދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
ހއ. އަތޮޅުގެ ގުރޫޕް އެކެއްގައި ކެލާއިން ރޭ ކުޅުނު މެޗުގައި 2-0 އިން މާރަންދޫ ބަލިކޮށްފައިވާ އިރު، މެޗުގެ ގޯލުތައް ޖެހީ އަހުމަދު ޝަފަގާއި އަހުމަދު ވަހީދެވެ. އެ ގުރޫޕްގައި އަނެއް މެޗުން ބާރަށް ވަނީ 4-1 އިން ތުރާކުރު ކައިރިން މޮޅުވެފައެވެ. ތުރާކުނު ކޮޅަށް ބާރަށުގެ ގޯލުތައް ޖެހީ އަހުމަދު ޝަޒީމް، ހުސެއިން ސިނާން އަދި އަބްދުﷲ މިސްބާހެވެ. ތުރާކުނުގެ ހަމައެކަނި ގޯލު ޖެހީ ހުސެއިން އާޒިމެވެ. މެޗުގައި ތުރާކުނުގެ މުހައްމަދު ސަމީހު އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ.
ހއ. ގެ ގުރޫޕް ދޭއްގައި އުތީމާއި ހޯރަފުށި އެއްވަރުވި އިރު، އުތީމުގެ ގޯލުތައް ޖެހީ އަހުމަދު އައިހަމްއާއި އަލީ އިލްހާމެވެ. ހޯރަފުށީގެ ގޯލުތައް ޖެހީ އަބްދުﷲ ޔާމީނާއި މުހައްމަދު ރިޝާނެވެ. އެ ގްރޫޕްގެ އަނެއް މެޗުން ވަށަފަރު ވަނީ 4-0 އިން އިހަވަންދޫ ބަލިކޮށްފައެވެ. މެޗުގައި އިހަވަންދޫގެ ސާޖިދު ރަޝީދާއި އަހުމަދު ސިނާން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ހއ.ގެ ތިން ވަނަ ގުރޫޕުގައި ތަކަންދޫ އަތުން ދިއްދޫ މޮޅުވީ 5-0 އިންނެވެ. ދިއްދޫގެ ގޯލުތައް ޖަހައިދިނީ އަހްޒަމް ރަޝީދު، ހައިސަން ރަޝީދު، ފަތުހުﷲ ޖަމީލް، އިމާދު ސަލީމްގެ އިތުރުން އަހުމަދު މުނައްވަރެވެ. އެ ގުރޫޕުގައި މުރައިދޫ އަތުން ފިއްލަދޫ މޮޅުވީ 4-1 އިންނެވެ. ފިއްލަދޫގެ މުހައްމަދު ހުސާމް ދެ ގޯލު ޖަހައިދިން އިރު، ދެން ގޯލުތައް ޖަހައިދިނީ އަބްދުﷲ އިހުވާނާއި އާދަމް އަބްދުލް ރަހީމެވެ. މުރައިދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އިޔާން އަހުމަދު ރަޝީދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި ފަހަރުގެ މުބާރާތުގައި ހދ. އަތޮޅުން ނުވަ ޓީމު ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ރޭ ކުޅުނު ހދ.ގެ ގުރޫޕް ދޭއްގެ ދެ މެޗެވެ.
ފުރަތަމަ މެޗުގައި ފިނޭ އަތުން ކުމުންދޫ 1-0 އިން މޮޅުވި އިރު، މަކުނުދޫ އަތުން ނެއްލައިދޫ މޮޅުވީ 3-1 އިންނެވެ. ފިނޭ ކޮޅަށް ކުމުންދޫގެ ހަމައެކަނި ގޯލު ޖެހީ ޝިނާން އިބްރާހިމެވެ. މަކުނުދޫ ކޮޅަށް ނެއްލައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ސާވިން، އަހުމަދު ޒިމާމް އަދި މުހައްމަދު ވިސާމެވެ. މަކުނުދޫގެ ހަމައެކަނި ގޯލު ޖެހީ ކެޕްޓަން، ނުހާދު ފައުޒީއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ގއ. ގެމަނަފުށި - ގއ. ދެއްވަދޫ
20:00 ގއ. ކޮނޑޭ - ގއ. ކަނޑުހުޅުދޫ
21:00 ގއ. ވިލިނގިލި - ގއ. މާމެންދޫ
21:00 ގއ. ދާންދޫ - ގއ. ނިލަންދޫ
22:00 ށ. މިލަންދޫ - ށ. މަރޮށި
22:00 ށ. ފޯކައިދު - ށ. ފީވަށް
23:00 ށ. ކަނޑިތީމް - ށ. ބިލެތްފަހި
23:00 ރ. މީދޫ - ރ. ދުވާފަރު