ބޮލީވުޑް

އިންތިހާބުގައި ވާދަނުކުރަން އަދި ކެމްޕެއިނެއްވެސް ނުކުރަން: ސަލްމާން

ބޮލީވުޑް ތަރި ސަލްމާން ޚާން އިންޑިއާގެ ލޮކް ސަބާ އިންތިހާބުގައި ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކުރާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ސަލްމާން މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ސަލްމާން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އޭނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ނުކުރާކަމަށާއި، އިންތިހާބުގައި ވާދަވެސް ނުކުރާކަމަށެވެ.

މި ވާހަކަތައް ފެތުރިފައި ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކޮށްފައިވާ ޓުވީޓެއް ސަލްމާން ރީޓުވީޓު ކުރުމުންނެވެ. މޯދީގެ ޓުވީޓުގައި ވަނީ ވޯޓު ލުމަށް ހިތްވަރުދީ އަދި ސަރުކާރު ބިނާކުރުމުގައި އެހީވެދިނުމަށް އެދިފައެވެ.

ނަމަވެސް މިއީ ހަމަ އެކަނި ސަލްމާނަށް މޯދީ ކުރި ޓުވީޓެއް ނޫނެވެ. މޯދީ ވަނީ 13 މާރޗްގައިވެސް ގިނަ ތަރިންތަކެއް ޓެގް ކޮށް އެ ތަރިންގެ ފޭނުންނަށް ވޯޓުލުމަށް ހިތްވަރު ދިނުމަށް އެދިފައެވެ. އޭގެ ތެރޭގައި ދީޕިކާ ޕަޑުކޯންވެސް ހިމެނެއެވެ.

އިންޑިއާގެ އިންތިހާބު އޮންނާނީ އޭޕްރިލް 11 އިން މެއި 19 އަށެވެ. އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ މެއި 23 ގައެވެ.