ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ވައިކަރަދޫ ދާއިރާއަށް ވާދަކުރާ ސަގީފުގެ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓްގައި ނުކުތް ހުސައިން ސަގީފުގެ ކެމްޕެއިން ޕޯސްޓަރުތަކާއި ބެނާތަކަށް ބަޔަކު ގެއްލުން ދީފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ސަގީފު ވިދާޅުވީ ވައިކަރަދޫ ދާއިރާގައި ހިމެނޭ ހދ. ނެއްލައިދޫގައި ހަރުކޮށްފައިވާ ބައެއް ޕޯސްޓަރުތައް ވީދައި ބެނާތައް ހަލާކުކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.

އަދި ކޮންމެ ކެންޑިޑޭޓަކަށް ވެސް ކެމްޕެއިން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި ކެމްޕެއިނަށް ހުރަސްއެޅުމަކީ އިންތިޚާބީ ހައްގަށް ހުރަސްއެޅުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަގީފު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން ކޮންމެ ކެނޑިޑޭޓަކަށްވެސް އޮންނަން ޖެހޭ ކަމަށާއި ޕޯސްޓަރު ވީދައި ބެނާތައް ކެނޑުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

ސަގީފަކީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ވާދަކޮށް، ހދ. އަތޮޅު ކައުންސިލުގެ މެމްބަރު ކަމުގެ އިތުރުން އެއް އަހަރު އަތޮޅު ކައުންސިލުގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އަތޮޅުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައި ހަރަކާތެރިވާ ސަގީފަކީ އަތޮޅު ރައްޔިތުން ދަންނަ ފަރިތަ މޫނެކެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ފަރާތުން ހުސައިން ސަގީފާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އަބްދުﷲ ޝަރީފާއި އެމްޑީޕީގެ ފަރާތުން ހުސައިން ޒިޔާދެވެ.

އިންތިހާބާ ދިމާކޮށް ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތަކުގެ އިތުރުން ބިލް ބޯޑުތަކަށް ގެއްލުންދޭ މައްސަލައިގައި ބައެއް ސަޕޯޓަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ފޭދޫ ދާއިރާގެ މިހާރުގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވާ އިބްރާހީމް ދީދީ (އައިބީ)ގެ ކެމްޕެއިން ބިލްބޯޑުތަކަކަށް ރޭ ވަނީ ގެއްލުން ދީފައެވެ. އައްޑޫ ސިޓީ ފޭދޫގައި ޖަހާފައި ހުރި އައިބީގެ ބިލްބޯޑުތަކެއް އަންދާލައި އެ ތަކެއްޗަށް ބަޔަކު ގެއްލުން ދީފައިވެއެވެ.