ގއ. ވިލިނގިލީގައި މަރުވެފައި އޮއްވައި ފެނުނު ހުސައިން ސިމާދު މަރުވީ ހަރުގެ ބަލަހައްޓާ މީހާ ޖެހި ކަރަންޓް ދަންތުރައިގައި ޖެހިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި ސިމާދު ހަރުގޭގައި އޮތްކަން ފުލުހުންނަށް ރިޕޯޓްކުރީވެސް ހަރުގެ ބަލަހައްޓާ މީހާކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ހަރުގޭގައި ކަރަންޓު ދަންތުރަ ހެދި ކަމަށް ތުހުމަތު ކުރެވެނީ އެ ރަށު ސައިސަން، ސައީދު ހަސަނަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައީދަކީ އެރަށު އިންޖީނުގޭގައި ވަޒީފާ އަދާކުރާތާ ދިހަ އަހަރުވެފައިވާ މީހެކެވެ. އަދި ކަރަންޓްގެ މަސައްކަތްކުރާތާ 40 އަހަރުވެފައިވާ މީހެކެވެ.
މިދިޔަ ފެބްރުއަރީމަހުގެ 16 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދިޔަ ސިމާދު ހަރުގޭގައި ޖަހާފައިވާ ކަރަންޓް ދަންތުރައެއްގައި ޖެހިގެން މަރުވެފައި އޮއްވައި ފެނުނީ އެމަހުގެ 17 ވަނަ ދުވަހުއެވެ.
ޝިފާއު ވިދާޅުވީ ސަތާރަވަނަ ދުވަހުގެ ހެނދުނު ސައީދު ހަސަން ފުލުހަށް ހާޒިރުވެ، ހަރުގެ ތެރެއަށްވާ ގޮތަށް ޓިނުގަނޑުގެ ދޭތެރޭގައި މީހަކު ތާށިވެފައިވާ ކަމަށްބުނެ މައްސަލަ ހުށަހެޅުމުން ފުލުހުން ހާދިސާ ހިނގި ތަނަށް ގޮސް ބެލިއިރު، ހަރުގޭގެ އުތުރުފަރާތު މެދެއްހާ ހިސާބުގައި މީހަކު ތާށިވެފައި އޮތްވާ ފެނިފައިވާ ކަމަށާއި ފެނުނު އިރު ހަރަކާތެއް ނެތް ކަމަށެވެ.
އަދި މީހާ އޮތީ ހަރުދަނޑިވެ، ހަށިގަނޑަށް ހިނި އަރާފައި ކަމަށާއި ފައިގެ ކުޑަކަޅުވައިން ފެށިގެން ހަށިގަނޑުގެ މަތީބައި އެއްކޮށް އޮތީ ހަރުގޭގެ އެތެރޭގައި ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، ހަރުގެއަށް ހަމައެކަނި ވަދެނިކުމެވޭ ގޮތަށް ހުރިތަނަކީ ސިމާދު އޮތް ބާގަނޑު ކަމަށާއި ސިމާދު އޮތް ތަނުން އިތުރު މީހަކަށް ވަދެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި އެހެން ހުރިހާ ތަނެއް ހުރީ ތަޅުލާފައި ކަމަށެވެ.
ޝިފާއު ވިދާޅުވީ، އެކަން ތަހުގީގު ކުރުމުން ސިމާދު ހަރުގެއަށް ވަދެ އޮތް ބާގަނޑާ ދިމާލުގައި ކަރަންޓް ދީފައިވާ ދެނަރު އޮތް ކަމަށެވެ. އެ ނަރުގަނޑު ފެނިފައިވަނީ ސިމާދު އޮތް ތަނާ 40 ވަރަކަށް ފޫޓް ދުރުން ކަމަށެވެ.
އަދި ކަރަންޓްގައި ޖެހުމުން ނަރުގަނޑު ދުރަށް އެއްލާލާފައިވާ ކަމަށާއި އެ ނަރުގަނޑުން ސިމާދުގެ ޑީއެންއޭ ވެސް ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ސާކިޓް ބްރޭކަރުތައް ހުރީ ގަސްދުގައި ނިއްވާލާފައި ކަމަށާއި އެތަނުގެ ކަރަންޓު ބްރޭކަރު ބައިޕާސް ކޮށްފައިވާ ކަމަށެވެ.
ސިމާދުގެ މަރުގެ މައްސަލައިގައި ސައީދުގެ މައްޗަށް ތުހުމަތު ކުރި ނަމަވެސް އެނާ ހުންނަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ނުވަނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަންޖެހޭ ފަރާތަކަށް ނުވާތީ ކަމަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
އައްޑޫ ސިޓީއަށް އުފަން ސިމާދަކީ ވިލިނގިލީ މީހަކާ އިނދެގެން އެރަށުގައި 17 އަހަރު ވަންދެން ދިރިއުޅުނު މީހެކެވެ.