ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ ހެނދުނުގެ ދަންފަޅި ނިންމައިލައިފި އެވެ. ދެން ފަށަން ހަމަޖައްސާފައި ވަނީ މެންދުރު ފަހު 1:30 ގަ އެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި މައްސަލައިގެ ދެވަނަ އަޑު އެހުން މިއަދު ހެނދުނު 10:30 ގައި ބާއްވަން ނިންމާފައިވާ އިރު، މި އަޑު އެހުމަށް ކޯޓަށް ވަންނަން ރޭ ފަތިހުއްސުރެ މީހުން ސުޕްރީމް ކޯޓު ބޭރުގައި ކިޔު ހަދައިފި އެވެ.
އެ ސަރަހައްދުގައި ތިބި ބައެއް މީހުން "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ ރޭ ފަތިހު ފަތިސް ނަމާދުކޮށްގެން ކިޔުގައި ޖެހިފައިވާ ކަމަށެވެ.
"އެހެންވީމަ މަދުވެގެން ހަގަޑި އިރު ކޮޅަށް ތިބެން ޖެހޭނެކަން ޔަގީން. އެކަމަކު މިތަނަށް ވަދެވެން އޮތް ގޮތަކީ މީ. ލަހުން އަންނަ މީހަކަށް ވަދެވޭ ވަރަށްވުރެ ތަނުގެ ޖާގަ ދަތި،" ކިޔުގައި ހުރި މީހަކު ކިޔައިދިނެވެ.
"ވަން" ގެ ނޫސްވެރީންނަށް ފާހަގަކުރެވުނު ގޮތުގައި މިއަދު ކިޔުގައި ތިބި ގިނަ ބަޔަކު ތިބީ އަމިއްލަ އަށް ހަދާފައިވާ ކިޔު ނަންބަރުތަކެއް ވެސް ހިފައިގެނެވެ. އެ މީހުން ބުނި ގޮތުގައި އެގޮތަށް ކަންތައް ކުރަން ޖެހުނީ އިއްޔެ ކަންތައްތައް ދިމާވި ގޮތުންނެވެ.
"މިހާރު އަޅުގަނޑުމެން މިތބީ ކިޔު ނަންބަރުވެސް ހިފައިގެން. އެހެން ވީމަ ކުރިން އައީ ކާކުތޯ ފަހުން އައީ ކާކުތޯ ސުވާލެއް ނުއުފެދޭނެ. މިހެންވީމަ މަސްލަހަތު ގެއްލުމުގެ ފުރުސަތު ވެސް ކުޑަވާނެ،" ނަންބަރެއް ހިފައިގެން ހުރި މީހަކު ބުންޏެވެ.