އުމަރު ނަސީރު

އަމާންކަން ގާއިމް ކުރުމަށް ޤިޞާސް ހިފަންޖެހޭ، ޑްރަގް ޑީލަރުންނަށް ހަރުކަށި އަދަބު ދޭންޖެހޭ: އުމަރު

2

ގައުމުގެ އަމާންކަން ގާއިމް ކުރުމަށްޓަކައި މަރަށް މަރު ހިފަންޖެހޭ ކަމަށާއި މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ ބޮޑުންނަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ ''ފަންސާސް މިނެޓް'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކުށްކުރާ ފަރާތްތަކަށް ގާނޫނުގައި އަދަބު ކަނޑައަޅާފައި އޮންނަނީ، އަދަބުތަކަށް ވެރިން ބަލަން ތިބެން ނޫން ކަމަށާއި އެ އަދަބުތައް ކުށްވެރިންނަށް ދިނުމަށް ވެރިންގެ މައްޗަށް ލާޒިމުވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ގޭންގުތައް ހިންގާ މީހުންނާމެދު ވެސް ހަރުކަށި ފިޔަވަޅުއަޅަންޖެހޭނެ ކަމަށާއި ގޭންގްތަކުގެ ބައިވެރިންގެ ފައިގައި ޓެގްވެސް އަޅުވަންޖެހޭނެ ކަމަށެވެ.

އަދި އުމަރު ވިދާޅުވީ ގޭންގްތަކުގައި ތިބޭ ކުޑަކުދިން ސަލާމަތްކުރުމުގެ ގޮތުން އެމީހުންގެ އަތްދަށުން ނެރެ، ތަމްރީނު ދީގެން އަނބުރާ މުޖުތަމައަށް ނެރެވެންވެސް ޖެހޭނެ ކަމަށެވެ.

އުމަރުގެ ވާހަކައިގައި، އޭނާގެ ހޯމްމިނިސްޓަރު ކަމުގައި ގޭންގްތައް ނައްތާލުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވައި ވިދާޅުވީ ގޭންގްތައް ނައްތާލަން ކުށްވެރިންގެ ފައިގައި ޓެގް އެޅުވި ކަމަށާއި އެމަސައްކަތުގައި އެދެވޭ ހައްލެއް ފެނިގެންދިޔަކަމަށެވެ.

އެގޮތުން ގޭންގުގައި މަސައްކަތް ކުރާ 25 މީހެއްގެ ފައިގައި ޓެގް އެޅުވި ކަމަށާއި އެކަމުގައި ފުރިހަމަ ކާމިޔާބެއް ނުލިބުނީ ގޭންގްތައް ސަރުކާރުގެ ތެރެއަށް، ނުވަތަ ދައުލަތުގެ ތެރެއަށްވަދެފައިވާލެއް ފުންކަމުން ކަމަށް އުމަރު ވިދާޅުވިއެވެ.

އަދި ގޭންގްތައް ނައްތާލުމަށް ދައުލަތުގެ އެންމެ މަތީވެރިޔާ އިސްނަގައިފި ނަމަ އެއީ އެއްވެސްކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟