މިނިސްޓަރު އިމްރާން އަބްދުﷲ

ކުޅުދުއްފުށީ ލޯކަލް މާރުކޭޓު ހުޅުވައިދެއްވައިފި

ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތްކުރި ލޯކަލް މާރުކެޓް ހުޅުވައިދެއްވައިފި އެވެ.

މާރުކޭޓް ހުޅުވައުދެއްވީ އެކަމަށްޓަކާ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާނު އަބުދުﷲއެވެ.

މާރުކޭޓް ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިފަދަ މަޝްރޫއުތަކުގެ ސަބަބުން އެސަރަހައްދަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީގައި ހުޅުވި މާރުކޭޓަކީ ހޯމް މިނިސްޓްރީގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި މާރުކޭޓެކެވެ.

ދިވެހި އުފެއްދުންތަކަށް ވިއްކުމަށް ހާއްސަ ކުރެވިގެން ހެދި މި މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުރެއެވެ. އެތަނުން ދެ ގޮޅި ހާއްސަކުރެވިފައިވަނީ ވަޅޯމަސް ވިއްކުމަށެވެ. އޮފީސް ބަޔަކާއި ފާޚާނާއާއެކު އިމާރާތްކުރި މާރުކޭޓް އިމާރާތްކޮށްފައިވަނީ ހޫނު ކުޑަވާނެ ހެން ވައި ދައުރުވާގޮތަށެވެ.

އަދި އަންނަ ހަފްތާތެރޭގައި ގޮޅިތައް ދޫކުރުމަށް އިއުލާންކުރާނެ ކަމަށާއި ގަވައިދު ގެޒެޓްކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.