ރިޕޯޓް

މިސްމެޗް ސޮކްސް: މިއީ ކިހިނެއް ވާކަމެއް؟

ކޮންމެ އަހަރަކުވެސް މާޗް މަހުގައި މުޅި ސޯޝަލް މީޑިއާ ފުރިގެން ދަނީ ''މިސްމެޗް'' ކޮށް އިސްޓާކީނަށް އަރައިގެން ނަގާފައި ހުންނަ ފޮޓޯ ތަކުންނެވެ. ގިނަ ބަޔަކަށް މިއީ ސޯޝަލް މީޑިއާ ޓްރެންޑެކޭ ހީވި ނަމަވެސް މިކަމަކީ އޭގެ އަޑީގައި ފުން މާނައެއް އެކުލެވޭ ކަމެކެވެ.

''މިސްމެޗް'' ކޮށް އިސްޓާކީނު ލުމަކީ ޓްރެންޑެއް ނޫނެވެ. ނަމަވެސް ޑައުންސިންޑްރަމް ދުވަހާ ގުޅިގެން، ޑައުންސިންޑްރަމާ ގުޅޭ ގޮތުން މީހުން އިތުރަށް ހޭލުންތެރި ކުރުވުމަށް ކޮންމެ އަހަރަކުވެސް ޑައުންސިންޑްރަމް ދުވަހާ ގުޅުވައިގެން މުޅި ދުނިޔޭގައި ކުރިއަށްގެންދާ ހަރަކާތެކެވެ. LotsOfSocks# ހޭޝްޓެގާއެކު މި ހަރަކާތް ފަށާފައިވަނީ ޑައުންސިންޑްރަމް އިންޓަނޭޝަނަލް ކިޔާ އޯގަނައިޒޭޝަނަކުންނެވެ. ޑައުންސިންޑްރަމް އިންޓަނޭޝަނަލްގެ އަމާޒަކަށް ވީ ޑައުންސިންޑްރަމްއާ ގުޅޭ ގޮތުން ގިނަ ބަޔަކު ވާހަކަދައްކައި، އެކަމާމެދު އިތުރަށް ހޭލުންތެރިވުމެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިސްނެގުމަކާއެކު 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މާޗް 21 އަންނަނީ މުޅި ދުނިޔޭގައި ޑައުންސިންޑްރަމް ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންނެވެ. ގިނަބަޔަކަށް ޑައުންސިންޑްރަމަކީ ބައްޔެއް ކަމަށް ހީކުރެވެއެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑު އުފެދުމަށް ބޭނުންވާ 46 ކްރޮމޮސޯމްގެ ތެރެއިން 21 ވަނަ ކްރޮމޮސޯމްގެ އިތުރު ކޮޕީއެއް ނުވަތަ ކޮޕީއެއްގެ ބައެއް އުފެދުމުން ދިމާވާ މި ޖެނެޓިކް ޑިސްއޯޑާ އަކީ ރާއްޖޭގައި ގިނައިން ފެންނަ ސިކުނޑީގެ ނުކުޅެދުންތެރިކަމެކެވެ. ބައްޔެއް ނޫނެވެ.

ޑައުންސިންޑްރަމް ހުންނަ ކުދިންނަކީ ހަމަ އެހެން ކުދިންނެކޭވެސް އެއްގޮތައް ކިޔަވާ، ހެލިފެލިވެ އުޅެވޭނެ ކުދިންނެވެ. ނަމަވެސް ތަފާތަކީ މިކުދިން ހެދިބޮޑުވުމުގައި ލަސްތަކާ ކުރިމަތިވެ، ހަރަކާތްތެރިވުން ލަސްވުމުގެ އިތުރުން އުނގެނުމުގައި އެހެން ކުދިންނަށް ވުރެ ލަސްކަމެއް ހުރުމެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އެކުދިންގެ ހަގީގީ ޓެލެންޓްއަށް އުނިކަމެއް ނާންނާނެއެވެ.

ޑައުންސިންޑްރަމަކީ މުޅިން ރަނގަޅު ކުރެވެނެ ކަމެއް ނޫންނަމަވެސް، ކުއްޖާ އެންމެ ތުއްތު އިރުން ފެށިގެން އެކުއްޖާއަށް ބޭނުންވާ ތެރެޕީ އެންމެ އެދެވޭގޮތުގައި އެ ކުއްޖާއަށް ދެވިއްޖެ ނަމަ މުސްތަގުބަލުގައި އެކުއްޖާ އަމިއްލައަށް އެކި ކަންކަން ކުރުމުގެ ގާބިލިއްޔަތު ލިބޭ ފަދަ މީހަކަށް ހެދޭނެއެވެ. ގިނަ ބަޔަކަށް މި ކުދިންނަކީ ވަކި ކްލާހެއްގައި ވަކި ހާއްސަ ކަމެއް ދީގެން އުނގަންނައިދޭން ޖެހޭ ކުދިންތަކެއް ކަމަށް ހީކުރެއެވެ. ނަމަވެސް އެކި ސްޕެޝަލް އެޑިއުކޭޝަން ޓީޗަރުންގެ އިތުރުން މިކަމާ ގުޅޭ މާހިރުން ހާމަކުރާގޮތުގައި ޑައުންސިންޑްރަމް ހުންނަ ކުދިންނާ އެންމެ އެކަށީގެންވަނީ އިންކްލޫސިވް ކްލާސްރޫމެއްގައި ތައުލީމް ހާސިލް ކުރުމެވެ. އެހެން ކުދިންނާއެކު އެއް ކްލާހެއްގައި ކިޔެވުމުގެ ސަބަބުން ޑައުންސިންޑްރަމް ހުންނަ ކުދިންނަށް އިތުރު ކަންކަން ދަސްވެ، ގިނަ ބަޔަކާއެކު އުޅުމަށް ދަސްވެގެންދެއެވެ.

ޑައުންސިންޑްރަމް އަށް ދިވެހިން ހޭލުންތެރި ކުރުމުގެ އިތުރުން ޑައުންސިންޑްރަމް ހުންނަ ކުދިންގެ މައިންބަފައިންނަށް އެހީތެރިވުމުގެ ގޮތުން އެކަމަށް ހާއްސަ ވަކި ޖަމިއްޔާއެއް ރާއްޖޭގައިވެސް ހަރަކާތްތެރިވެއެވެ. އެ ޖަމިއްޔާ އަކީ ބިއުޓިފުލް އައިޒް މޯލްޑިވްސް އެވެ.

ބައިނަލްއަގުވާމީ ޑައުންސިންޑްރަމް ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު މިއަހަރުގެ ޝިއާރަކީ ''ލީވް ނޯ ވަން ބިހައިންޑް'' އެވެ. މި ޝިއާރުގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކުގައި މިއަދު ވަނީ ޑައުންސިންޑްރަމް ދުވަސް ފާހަގަކޮށްފައެވެ.

*މައުލޫމާތު ނަގާފައިވަނީ ބިއުޓިފުލް އައިޒް އިން އާންމުކޮށްފައިވާ އެކި ލިޔުމުން*