މި އަހަރު ފެށުނީއްސުރެ އަޑު އިވެމުން އަންނަނީ އަހަރު ތެރޭ ކުރެވިގެންދާނެ ކައިވެނި ތަކުގެ ވާހަކައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފަރްޚާން އަޚްތަރާއި ޝިބާނީ ދަންދޭކަރު، ރަންބީރު ކަޕޫރާއި އާލިޔާ ބަޓް އަދި އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ މި އަހަރު ކައިވެނި ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ރަސްމީކޮށް މި ކައިވެނި ތަކާ ބެހޭ މައުލޫމާތު އެ ތަރިންގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެންމެ ފަހުން އަޑު ފެތުރިފައިވާ ގޮތުގައި ޝްރައްދާ ކަަޕޫރުވެސް ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ. ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތްރާ އާއި ޝްރައްދާގެ ކައިވެނި ކުރުން އޮތީ އަންނަ އަހަރު ކަމަށް ވެއެވެ. ދެ ބައިވެރިން އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ރަސްމީކޮށް ރައްޓެހިވީ މިދިޔަ އަހަރުއެވެ.
ހަބަރުތައް ބުނާ ގޮތުގައި ޝްރައްދާގެ މައިންބަފައިންވެސް ވަނީ އެ ކައިވެންޏަށް ތައްޔާރުވެފައެވެ. ޝްރައްދާ އަކީ މަގުބޫލު ކޮމީޑިއަން އެކްޓަރު ޝަކްތީ ކަޕޫރުގެ ދަރިއެވެ.
މަސައްކަތުގެ ގޮތުން މި ދުވަސްވަރު ޝްރައްދާ އަންނަނީ "ޗިޗޯރު" ކިޔާ ފިލްމެއްގެ ޝޫޓިން ކުރަމުންނެވެ. އެ ފިލްމުގައި ޝުޝާންތް ސިންގް ރާޖްޕުޓް ލީޑް ބަތަލުގެ ގޮތުގައި ފެނިގެން ދާނެއެވެ. މީގެ އިތުރުން "ސާހޯ" އާއި "ސްޓްރީޓް ޑާންސާ"ގެ މަސައްކަތްވެސް ޝްރައްދާ އަންނަނީ ކުރަމުންނެވެ.