އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޕީޕީއެމްގެ ލީޑަޝިޕް ފަހަތަށް ޖައްސައިލެވޭ ވަރުގެ އިއްތިހާދެއް މިގައުމަކު ނޯންނާނެ: އަދުރޭ

ޕީޕީއެމްގެ ލީޑަޝިޕް ފަހަތަކަށް ނުޖެހޭ ކަމަށާއި ޕީޕީއެމްގެ ލީޑަޝިޕް ފަހަތަށް ޖައްސައިލެވޭ ވަރުގެ އިއްތިހާދެއް މިގައުމަކު ނޯންނާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ރޭ ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕް އޮތީ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ވެސް ތައްޔާރަށް ކަމަށެވެ.

"ޕީޕީއެމްގެ ލީޑަޝިޕް ފަހަތަކަށް ނުޖެހޭ. ޕީޕީއެމްގެ ލީޑާޝިޕް ފަހަތަށް ޖައްސާލެވޭ ވަރުގެ އިއްތިހާދެއް މިގައުމަކު ނޯންނާނެ. އަޅުގަނޑުމެން މިތިބީ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނެވީ ދިވެހި ރައްޔިތުންނާއެކު ކަމަށާއި އެމަނިކުފާނު ބިރުން ފިލާ ގެއަކު ނޯންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަދުރޭ ވަނީ ނިމިދިޔަ އިންތިހާބާ ގުޅޭގޮތުން ވެސް ވާހަކަދައްކަވައިފައެވެ. އަދުރޭ ވިދާޅުވީ އިންތިހާބުގައި ކަންކަން ކޮށްފައި ހުރީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފައިދާވާގޮތަށް ކަމަށާއި ކޯޓުގައި އެކަންކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ.

"ކޯޓުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ސާބިތުކޮށްދޭނަން. އިރާދަކުރެއްވިއްޔާ މާތް ﷲގެ ވާގިފުޅާއެކީގައި އަޅުގަނޑުމެންގެ މައްސަލަ އަޅުގަނޑުމެންނާ އެއްކޮޅަށް ކާމިޔާބުކޮށްގެން ނުކުމެ ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑުމެން ދެވަނަ ފަހަރަށް އިންސާފުވެރި އިންތިހާބަކަށް ދާނަން،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އިދިކޮޅުން ކަންބޮޑުވަނީ ރައީސް ޔާމީން ގެންނެވި ތަރައްގީގެ ސަބަބުން ކަމަށާއި އެބޭފުޅުންނަށް ގައުމު ނުހިންގޭނެ ކަމަށެވެ. އަދި އެބޭފުޅުންގެ ރައީސް ޔާމީން ފައްޓަވާފައި ހުރި ތަރައްގީގެ މަޝްރޫތައް ކުރިއަށްގެންދިއުމުގެ ވިސްނުމެއް، ހިޔާލެއް، ފިކުރެއް ނުހުންނާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ބުރިޖު ވަރަށް ސަޅި ދެއްތޯ. ބުރިޖުގައި އެމީހުން ދާއިރު ވެސް ހިތަށް އަރާނެ ރައީސް ޔާމީން ހާދަ މަސައްކަތެއް މިގައުމަށް ކޮށްދެއްވައިފިއޭ. މާފަންނު ކޮޅަށް ވަޑައިގަތީމަ ހިތްޕުޅަށް އަރާނެ ހާދަ ރީތި ހޮސްޕިޓަލެކޭ. އެކަމާ މި މޭކަރަނީ. އެކަމާ ކަންބޮޑުވަނީ. އެބޭފުޅުންނަށް މި ގައުމެއް ނުހިންގޭނެ. ހިންގުމުގެ ގާބިލުކަމެއް ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ނިންމާލި އިރު، ދެވަނަ އަޑުއެހުން މިއަދު ހެނދުނު 10:30 އަށް ވަނީ ތާވަލުކޮށްފައެވެ.