ޝަހީދާ އަބްދުﷲ ސައީދު
ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، މަރުވެފައިވާ ބަންގްލަދޭޝްގެ އަށް އަހަރުގެ ރައުޝާން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަ މީހެއްގެ މައްޗަށް ކުރާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރަނީ އިންޑިއާ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ.
އެގޮތުން އިންޑިއާގެ ރައްޔިތެއްކަމަށްވާ ރައްޖާވް އަލީގެ މައްޗަށް ދައުވާކުރަނީ މީހަކު މަރުވެ ދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކުރަނީ މީހަކު މަރުވެ ދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކެޝަރިލަލް ޗައުހަން އާއި ގުލަމް މަހަމުދުގެ މައްޗަށް ދައުވާ ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާއެވެ.
މީގެއިތުރުން އެމައްސަލައިގައި ކ. މާލެ، ދަފްތަރު ރސ. ނަމްބަރު : 8424، މޫސާ ހަސަން އާއި ކ. މާލޭ، ދަފްތަރު ރސ. ނަމްބަރު : 7198، އާދަމް ޝަފީގުގެ މައްޗަށް، މީހަކު މަރުވެ ދިޔަ ކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ.
މިދައުވާ މިދެފަރާތުގެ މައްޗަށް ކޮށްފައިވާ ސަބަބަކީ މޫސާ ހަސަން، ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސީނިއަރ ސައިޓް ސްޕަވައިޒަރެއްގެ މަގާމުގައި ހުރެ، އަދި އާދަމް ޝަފީގު، ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ މަގާމުގައި ހުރެ މިދެފަރާތުގެ ބެލުމުގެ ދަށުން އިމާރާތުގެ ބޭރުން ފަރީދީމަގަށް ޖަމާކޮށްފައި ހުރި ހިލަ ބަސްތާތަކާއި، ސިމެންތި ބަސްތާތައް ސަވާޖީއެއް ބޭނުންކޮށްގެން ވިންޗުގެ އެހީގައި ނުވަ ވަނަ ފަންގިފިލާއަށް އެރުވުމުގެ މަސައްކަތް ކުރިއިރު، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އިހުމާލުވެފައިވުމުގެ ސަބަބުން، ނުވަވަނަ ފަންގިފިލާއަށް ސިމެންތި އުފުލަން ބޭނުންކުރި ސަވާޖީން ސިމެންތި ބަސްތާއެއް ވެއްޓި، އެވަގުތު ފަރީދީމަގުން ހުޅަނގު ދެކުނުން ހިނގާފައި ދިޔަ ރައުޝަން ޖިއާންގެ ކަނދުރާ މަތީގައި ޖެހި ލިބުނު އަނިޔާތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް 17 ޑިސެންބަރު 2018 ދުވަހުގެ 12:40 އެހައިކަށްހައިއިރު، ރައުޝަން ޖިއާން ނިޔާވެފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.