މަސްތުވާތަކެތީގެ މައްސަލަތައް

ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު 111 ގްރާމުގެ އެކްސްޓެސީ އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ފަސް ފަހަރެއްގެ މަތީން ރާއްޖެއަށް އެތެރެކުރަން އުޅުނު 111 ގްރާމުގެ އެމްޑީއެމްއޭ ނުވަތަ އެކްސްޓެސީ، މޯލްޑިވްސް ކަސްޓަަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ގައުމުތަކުން ތަފާތު ފަހަރުތަކުގެ މަތީން ރާއްޖެއަށް މަސްތުވާތަކެތި ގެންނަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ. އެގޮތުން އެތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތަކެއް ބަލައި ފާސްކޮށް މިމަހުގެ 10ގައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ރާއްޖެއަށް އެ ތަކެތި ގެނެސްފައިވަނީ ޖަރުމަނުންނާއި ފަރަންސޭސިވިލާތުންނާއި ނެދަލެންޑްސް އަދި އިނގިރޭސިވިލާތުންނެވެ. އެތަކެތީގެ ތެރޭގައި އެކްސްޓެސީ ގުޅަ އާއި ޕައުޑަރު ހިމެނޭ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.