ރާއްޖޭގައި ފެންވައިރު ކުރުމުގެ ގައުމީ މިންގަނޑެއް އެކުލަވައިލުމަށް ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
ބޯފެނަށް ކުރަންޖެހޭ ހަރަދާއި ޕްލާސްޓިކް ފުޅި މަދުކުރަން ސަރުކާރުން ވެފައިވާ ވައުދާ ބެހޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ކަރަންޓު ވައިރުކުރުމުގައި އަމަލުކުރަންޖެހޭ ގައުމީ މިންގަނޑެއް އޮންނަ ފަދައިން ފެން ވައިރުކުރުމުގައި ވެސް ގައުމީ މިންގަނޑެއް އޮންނަންޖެހޭ ކަމަށެވެ.
އަދި ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރުމުން ސިއްހީ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ފެން ވައިރުކުރުމުގައި ވެސް ވަކި މިންގަނޑެއް ބެހެއްޓުން މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ 153 ރަށެއްގައި މިހާރު ވެސް އެކަށީގެންވާ ފެނުގެ ނިޒާމެއް ގާއިމްކޮށްފައި ނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެމައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި 20-25 މިލިއަން ރުފިޔާ ހޭދަކޮށްގެން އެ ރަށްރަށުގައި ފެނުގެ ނިޒާމެއް ގާއިމްކުރާއިރު، އެއީ ބޯން ބޭނުންކުރަން އެކަށީގެންވާ ފެނަށް ވުން މުހިއްމު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޯފެނަށް ކުރަންޖެހޭ ހަރަދާއި އުފުލަންޖެހޭ ތަކުލީފު ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިން ފޯރުކޮށްދޭ ފެން ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރި ކުރުމާއި އަދި ފެނުގެ ކޮލިޓީ ޔަގީންކޮށްދިނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.