އަހްމަދު މަހްލޫފު

އިންތިޚާބު ބާތިލްކުރަން ކުރާ ހުކުމެއް އިދިކޮޅުން ބަލައެއް ނުގަންނާނެ: މަހުލޫފް

މުހައްމަދު އައުޒަމް

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލުކުރިޔަސް އެކަން އިދިކޮޅު ކޯލިޝަނުން ގަބޫލުނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ އިންތިޚާބު ބާތިލުކުރަން އަމުރުކޮށްފިނަމަ ސިފައިންނާ ފުލުހުންނާއެކު އެރެއިން އެރެއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމާނެ ކަމަށެވެ. އެހެންނަމަވެސް އިންތިޚާބު ބާތިލު ނުކުރާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަށް ވެރިކަމުގައި ދެމިނުހުރެވޭނެ. އިންތިޚާބު ބާތިލުކޮށްފިއްޔާ އެއެއް ބަލައެއް ނުގަންނާނެ. އަޅުގަނޑުމެން ބަލައެއް ނުގަންނާނަން. އެކަމަކު އަޅުގަނޑަށް 100 ޕަސެންޓު ޔަގީންކަން އެބައޮތް މި އިންތިޚާބު ބާތިލު ނުކުރާނެކަން،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ގަދަބާރުން ވެރިކަމުގައި ހުންނަވަން ރައީސް ޔާމީން އުޅެފިނަމަ ގެމްބިއާގެ ކުރީގެ ރައީސް ޔަހުޔާއަށް ވެގެންދިޔަ ގޮތް އެމަނިކުފާނަށް މެދުވެރިވާނެ ކަމަށެވެ.

"ކިހިނެއްތޯ ގެމްބިއާގަވީ. ޔަހުޔާއަށް ވެސް ވީ ހަމަ މިހެންނޭ. ފުރަތަމަ ބަލި ގަބޫލުކުރައްވާފަ ކުއްލިއަކަށް އެ ގޯސްވީ. އިރުކޮޅަކުން މިލިޓަރީގައި ތިއްބެވި އޭނައަށް ތާއީދުކުރާ ސިފައިންތަކެއް ނުކުމެގެން އަޅުގަނޑު ހަނދާންވާގޮތުން އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެމްބަރުން ރަހީނުކޮށް މިކަހަލަ ކަންތައްތަކެއް ހިންގަން ފެށި،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވުމުގެ އެންމެ ބޮޑު ސަބަބުތަކަކީ ވައްކަމާއި އަނިޔާވެރިކަން ކަމަށެވެ. އަދި މުޅި އިންތިޚާބުގައި އެމަނިކުފާނު ބަރޯސާވީ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށްއެރި ބްރިޖަށް އަރާފަ މީގެން ދުއްވާފަދާ މީހާ ރައީސް ޔާމީނަށް ވޯޓު އެ ނުދެނީ ސަބަބުތަކެއް ހުރީމައޭ. އެ ސަބަބަކީ 300 މިލިއަން ޑޮލަރަށް އެޅި ބްރިޖު 100 މިލިއަން ޑޮލަރަށް އެޅެން އޮތީމަ. އޭގެން އެކުރި ވައްކަން ރައްޔިތުން ބަލައެއް ނުގަނޭ. އޭތި ގަބޫލެއް ނުކުރޭ ރައްޔިތުން. ތަރައްގީ ގެންނަންވާނީ ގަބޫލުކުރެވޭ އިމެއްގެ ތެރެއިން ކުރެވޭ ޚަރަދެއްގެ ތެރެއިން ކަމަށް ރައްޔިތުން ގަބޫލުކުރޭ،" މަހުލޫފް ވިދާޅުވިއެވެ.

"ދެވަނަ ކަމަކަށް ސީދާ އަނިޔާވެރިވުން. ވަރަށް ބޮޑަށް ރައްޔިތުންނަށް އަނިޔާކޮށްފި ކަމާއި ގާނޫނު އަސާސީ އާއި ގާނޫނުތައް މުގުރައިފި ކަމާއި ރައްޔިތުންގެ ހައްގުތައް ފޭރިގެންފި ކަމާއި މިކަންކަމާ. ކޮންކްރީޓް ގެނެސް އެކި ދިމަދިމާލަށް އަޅާލިޔަސް އަދި އެ ވޯޓަށް ބަދަލުވެގެން ނާންނަކަން. އެއަށްވުރެ ދިވެހިރައްޔިތުންގެ ވިސްނުން ފުޅާވެއްޖެކަން،"

އޭނާ ވިދާޅުވިގޮތުގައި ރައީސް ޔާމީނަކީ ކެމްޕެއިން ކުރަން ދަންނަ ބޭފުޅެއް ނޫނެވެ. މިސާލެއްގެ ގޮތުގައި މަހުލޫފް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޑޯޓްޑޯއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ދެންނެވުމުން އިންކާރު ކުރެއްވި ކަމަށެވެ.

"2013 ގައި ރައީސް ޔާމީންގެ އަތުގަ ހިފާފަ ގަދަކަމުންނޭ އަޅުގަނޑު ޑޯޓުޑޯއަށް ގެންދިޔައީ،" މަހުލޫފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކެމްޕެއިން ޖަލްސާތަކަށް މީހުން ގެންދިޔައީ ސަރުކާރު ކުންފުނިތަކުގެ ވެރިން ލައްވައި މުވައްޒަފުންނަށް ބިރުދައްކައި މަޖުބޫރުކޮށްގެން ކަމަށާއި އެއީ ލޯމަތިން ފެންނަން ހުރި ކަންކަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ރައީސް ޔާމީންގެ ފަހަތުގައި ތިބީ މަދު ބައެއް ކަމަށާއި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށް އިދިކޮޅު ކޯލިޝަންގެ އެތައް ސަޕޯޓަރުންނެއް ދިޔައިރު، ޕީޕީއެމް އިން ދިޔައީ 23 ވަރަކަށް މީހުން ކަމަށެވެ.