ގާސިމް އިބްރާހިމް

އިންޑިއާގެ ސަފީރު މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ގާސިމް އިބްރާހީމުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، މިއަދު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާއިގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޑީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީންއާންމު ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް ފާތިމަތު ފިލްޒާއާއި ޑިރެކްޓަރ ފޮރިންގ ރިލޭޝަންސް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.