އާދަމް ނަސީރު
އޮޕްޓިކަލް ކޮމްޕިއުޓަރަކީ އަލި (ލައިޓް)ގެ އެހީގައި ހިންގާ ކޮމްޕިއުޓަރުގެ ޕުރޮސެސަރުތައް ހިމެނޭ ކޮމްޕިއުޓަރެވެ. ނުވަތަ ކޮމްޕިއުޓަރުގެ މަސްނޫއީ ސިކުނޑި މިހާރު މި ބޭނުން ކުރާ ކޮމްޕިއުޓަރުގައި ހުންނަ ގޮތާއި ހިލާފަށް އާ ގޮތަކަށް ބަދަލުވާ ބަދަލުވުމަށްވެސް އޮޕްޓިކަލް ކޮމްޕިއުޓިންއޭ ކިޔައެވެ. މިއީ އަޅުގަނޑުމެން މިހާރު ކޮމްޕިއުޓަރެއްގެ ސިފަތައް ވިސްނާ ގޮތް ބަދަލުކުރުމުގެ ގާބިލުކަން ހުރި އިންގިލާބީ ޓެކްނޮލޮޖީއެކެވެ. މިހާރު މިބޭނުން ކުރާ ކޮމްޕިއުޓަރުތަކަކީ އޭގެ ޕުރޮސެސަރުން ހިސާބުތައް ހެދުމަށް ކަރަންޓުގެ ސިގްނަލްތައް ބޭނުންކުރާ ސަގާފީ ކޮމްޕިއުޓަރެވެ. އެއާއި ހިލާފަށް އޮޕްޓިކަލް ކޮމްޕިއުޓިންގައި ބޭނުންކުރަނީ އަލި (ލައިޓް) އެވެ. މިއީ ޑޭޓާ ޕްރޮސެސިންގެ ފްރީކުއެންސީ މާ މަތި އަދި ގަބޫލުކުރަން ދަތިވަރުގެ ހަލުއިމިނުގައި އެންމެ އުނދަގޫ ހިސާބުތައްވެސް ނުވަތަ ޑޭޓާތައް ޕުރޮސެސްކޮށްލެވޭނެހާ ވަރުގަދަ މަސްނޫއީ ސިކުނޑި (ޕުރޮސެސަރު) ހިމެނޭ ކޮމްޕިއުޓަރެކެވެ.
ކުޑަ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. ކުރީގައި ބޭނުން ކުރަމުން އައި އެންމެ އާންމު ނެޓްވޯކް ކޭބަލަކީ ކެޓްފައިވް ގެ ނަން ދީފައިވާ ކަރަންޓް ސިގްނަލް އެ ކޭބަލްގެ ތެރެއިން ފޮނުވާ ކޭބަލްތަކެވެ. އެ ކޭބަލްތަކުގެ ތެރެއިން ގުޅިފައިވާ ނެޓްވޯކްތަކަށް ލިބޭ އެންމެ ހަލުވި ސުޕީޑަކީ 1024 އެމްބީގެ ސުޕީޑް ނުވަތަ 1 ޖީބީގެ ސުޕީޑެވެ. އެ ހަލުވިމިނަށްވުރެ މަތީ ނެޓްވޯކް ތަކަށް ދެވޭނެ ގޮތަކީ ފައިބަރު އޮޕްޓިކަލް ކޭބަލް ބޭނުން ކުރުމެވެ. މިހާރު އާންމު ގެތަކަށް ނެޓްވޯކް ގުޅުމަށްވެސް ބޭނުން ކުރަނީ ފައިބަރު އޮޕްޓިކަލް ކޭބަލެވެ. ނުވަތަ ކަރަންޓްގެ ބަދަލުގައި އަލި ދަތުރު ކުރާ ކޭބަލެވެ. ނެޓްވޯކްތައް މިހާރު ކުރިއާއި ހިލާފަށް އެތައް ގުނައެއް ހަލުވި ވެގެން މި ދިޔައީ އޮޕްޓިކަލް ނުވަތަ އަލި ދަތުރު ކުރާ ކޭބަލް ބޭނުން ކުރުމުގެ ސަބަބުންނެވެ.
އެހެން ކަމުން އެ ހަލުވިކަން އާންމު ކޮމްޕިއުޓަރު ތަކަށްވެސް ހޯދުމަށް ކުރެވުނު ދިރާސާތަކާއެކު އޮޕްޓިކަލް ކޮމްޕިއުޓިން ވުޖޫދުވެގެން އައެވެ. އަލިން އުފައްދާ ފުރިކުއެންސީތަކުގެ ބޭނުންކޮށް އެ އަލިން ހިންގާ ޕުރޮސެސަރުތަކުގެ ފަހަތުގައިވާ މުހިންމު އެއް ޓެކްނޮލޮޖީއަކީ ވެސް ކަރަންޓް ސިގުނަލްގެ ބަދަލުގައި އަލި (ލައިޓް) ބޭނުންކޮށްގެން ހިސާބުތައް ހެދުމަށް ބޭނުންކުރާ ފޮޓޯނިކް ކޮމްޕިއުޓިން ޓެކްނޮލޮޖީ އެވެ.
މިއީ ފޮޓޯންތައް ނުވަތަ ދެކޮޅަށް ހިންގާ އަލި ފަސޭހައިން މެނިޕުލޭޓްކޮށް ކޮންޓްރޯލްކޮށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވޭނެތީ، ކޮމްޕިއުޓޭޝަނަށް މާ ވަރުގަދަ އަދި ސިންތެޓިކް ގޮތެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އޮޕްޓިކަލް ކޮމްޕިއުޓިންގެ ދާއިރާއިން މުހިންމު އަނެއް ޓެކްނޮލޮޖީއަކީ އިންޓަގްރޭޓެޑް ފޮޓޯނިކްސް އެވެ. މިއީ ފޮޓޯނިކް ކޮމްޕޯނެންޓްތައް އިންޓަގްރޭޓްކޮށް، ކޮމްޕިއުޓޭޝަނަށް މާ ވަރުގަދަ އިންގިލާބީ ހަލުވިކަން ގެނެސްދިނުމަށް ކުރެވުނު މަސައްކަތުގެ ފޮނި ނަތީޖާއެވެ.
އޮޕްޓިކަލް ކޮމްޕިއުޓަރަކީ ފޮޓޯނިކް ކޮމްޕިއުޓަރުގެ ނަމުން ކަރަންޓް (އިލެކްޓްރިކް) ސިގްނަލްތައް ބޭނުން ނުކޮށް ފެންނަ އަލި ނުވަތަ އިންފްރާރެޑް (IR) ބީމްތަކުގައި ހުންނަ ފޮޓޯންތައް ބޭނުންކޮށްގެން އެ އަލިތައް އަހަރެމެންނަށް ކިޔަން އެނގޭނެ ބަހުރުވަޔަކަށް ބަދަލުކޮށް އޭގެ ތެރެއިން އުފައްދައިދޭ ކޮމްޕިއުޓޭޝަންތައް ހަދާ ވަސީލަތެއެވެ. އާންމު ކަރަންޓް ބޭނުންކޮށްގެން ހިންގާ ޕުރޮސެސަރުތަކުން ހިންގާ ކޮމްޕިއުޓަރުގެ ހަލުވިމިނަކީީ އަލި (އޮޕްޓިކަލް) ކޮމްޕިއުޓަރުގެ ސްޕީޑްގެ އެންމެ 10 ޕަސެންޓެވެ.
އާންމު ކަރަންޓު ބޭނުން ކޮށްގެން ޕުރޮސެސަރު ހިންގާ ކޮމްޕިއުޓަރު ތަކާއި ހިލާފަށް އަލި ނުވަތަ އިންފްރާރެޑް ބީމްތަކުގެ އަލި ހުރަސްކޮށް އެއަލި ހިނގާ ޕުރޮސެސަރު ހުންނަ އޮޕްޓިކަލް ކޮމްޕިއުޓަރެއް މިހާރު މި ގެންގުޅޭ އައި ސެވަން ނުވަތަ އެންމެ ފަހުގެ އައި ނައިންގެ 10 ވަނަ ޖީލުގެ އެންމެ ފަހުގެ ކޮމްޕިއުޓަރަކަށް ވުރެ 10 ގުނަ އަވަސް ކަން މިހާރު ވަނީ ހޯދައިފައެވެ. އެހެން ކަމުން އަލި ބޭނުން ކޮށްގެން ހިންގުމަށް ތައްޔާރުވާ އޮޕްޓިކަލް ކޮމްޕިއުޓަރަކީ އިންސާނުން މިދެކޭ ޓެކްނޮލޮޖީއަށް އިންގިލާބެއް ގެނެސްދޭނެ އަވަސް ކޮމްޕިއުޓަރެކެވެ.
އަލި ލޭޒަރ ބީމްތައް އެ ބީމްތަކުގެ މަގުތައް ހުރަސްވާ ގޮތަށް ފޮނުވާ އެކިއެކި ވިދުވަރުން (ބީމްތަކު)ގެ މެދުގައި އެއްވެސް ހުރަހެއް ނެތި އަވަސްކަމާއި އެކު ދަތުރު ކުރުމުން އެ އަލިތައް އިންސާނުންގެ އެކިއެކި ކަންކަމާ ގުޅުވައިދީ އެ ކިޔަން އެނގޭނެ ބަހުރުވަޔަށް ތިލަކޮށްލެވުމަކީ ކުރީން ކަރަންޓް ސިގުނަލުން ހިންގައިދިން ކޮމްޕިއުޓަރު ޕުރޮސެސަރުތައް މުޅީން އެހެން ގޮތަކަށް ބަދަލުވެގެން ދާނެ ކަމެވެ. ދިރާސާވެރީން ވަނީ ސަގާފީ ކޮމްޕިއުޓަރު ޕްރޮސެސަރުތަކުގައި ހުންނަ އާންމު އިލެކްޓްރޯނިކް ލޮޖިކް ގޭޓްތަކަށް ވުރެ މިލިއަން ގުނަ އަވަސް އަލި ބޭނުންކޮށްގެން ދެނެގަނެވޭ ލޮޖިކް ގޭޓްތައް ހިންގޭނެ ގޮތެއް ހޯދައިފަ އެވެ.
ވުމާއި އެކު ދުރުނޫން މުސްތަގުބަލެއްގައި އަލި ބޭނުންކޮށްގެން ޕުރޮސެސަރުތައް ހިންގާ 10 ގުނަ އަވަސް ކޮމްޕިއުޓަރު އަހަރެމެން ބޭނުން ކުރަން ލިބޭނެއެވެ.