ސުޕްރީމް ކޯޓް

މާދަމާގެ އަޑުއެހުމަށް ނަން ނޯޓުކުރުން ހެނދުނު 8:30 އިން ފެށިގެން

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ދެވަނަ އަޑުއެހުމަށް މާދަމާ ހެނދުނު 8:30 އިން ފެށިގެން ނަން ނޯޓު ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

މާދަމާ ހެނދުނު 10:30ގައި ފެށުމަށް ހަމަޖެހިފައިވާ އެ އަޑުއެހުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން 9:45އަށެވެ. މިއަދު 1:00އަށް ތާވަލުކުރި އަޑުއެހުމަށް ވަނުމަށް ވެސް މިއަދު ހެނދުނުން ފެށިގެން މީހުން ކިޔޫ ހަދަން ފަށާފައިވެއެވެ.

ސުޕްރީމް ކޯޓުން މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި އޮތީ ދައުވާއާ ގުޅޭގޮތުން ހުރިހާ ފަރާތްތަކުން ވާހަކަދެއްކުމެވެ. އޭގެ ތެރޭގައި މައްސަލައަށް ތަދައްހުލްވި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ހިމެނެއެވެ.

މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުންނާއި އެ މައްސަލައަށް ތަދައްހުލްވި ފަރާތަކުން ވެސް ބުނެފައިވަނީ ދައުވާގައި އޮތީ ހިޔާލީ ވާހަކަތަކެއް ކަމަށާއި ތުހުމަތެއްގެ ގޮތުގައި ބެލެވޭނެ ފަދަ އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށެވެ. އަދި ނަތީޖާ ބަދަލުކުރުމަށް އަނގޮޓިތަކެއް ބޭނުންކުރި ވާހަކައަކީ ވެސް ހިޔާލީ ވާހަކައެއްގެ ގޮތުގައި ފާހަގަވާ ކަމަށް ވެސް ބުނެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ބައެއް އާންމުން ވެސް އަޑުއެހުމުގައި ބައިވެރިވިއެވެ.