ފެނަކަ ކޯޕަރޭޝަން

ފެނަކައިގެ ވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ

އިބްރާހިމް ޒަކީ

ފެނަކަ ކޯޕަރޭޝަންގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިއަދު ހާޒިރު ކޮށްފައިވަނީ، ޗެއާމަން މުހައްމަދު ރަޝީދު އާއި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އާއި ޑެޕިއުޓީ ޑިރެކްޓަރުން ކަމަށްވާ އަބުދުﷲ ވަހީދު އާއި އުސެއިދު ހުސެއިންގެ އިތުރުން ފައިނޭޝަލް ކޮންޓްރޯލާ މިންހަޖު އަދި ކޮމްޕެނީ ސެކްރެޓަރީ ޔަޝްރާ އަބުދުﷲ އެވެ.

އެބޭފުޅުން ކޮމިޓީއަަށް ހާޒިރުކޮށްފައި މިވަނީ ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށް ވިދާޅުވެ ހަތަރު މެންބަރަކު ސޮއިކުރައްވައި ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

އެމައްސަލަ ހުށަހަޅުއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ މެންބަރަު މުހައްމަދު އިސްމާއީލާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި މިލަންދޫ ދާއިރާގެ މެންބަރަު ހަސަން މުފީދެވެ.

ހަތަރު މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަަކިކުރަމުންދާތީ، އެކަމުގެ ޝަކުވާ ގިނަ ފަރާތްތަކުން ކުރަމުން ދާކަމަށެވެ.