އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރެފިއެވެ.
އީސީން ރޭ އާންމުކުރި ލިސްޓުގައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި 264،442 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެން ވެއެވެ.
މިއިންތިހާބުގައި 387 ކެންޑިޑޭޓުން ވާދަކުރާއިރު، 505 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.
މިފަހަރުގެ އިންތިހާބުގައި އެ ދާއިރާއެއްގެ ވޯޓު ފޮށި އެއް މަރުކަޒެއްގައި ބެހެއްޓުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އީސީން ބުނެފައިވެއެވެ. އެގޮތުން މާލޭގައި 17 އިމާރާތެއްގައި، ކޮންމެ ތަނެއްގައި ހަތަރު ފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.
އަދި ވޯޓުލާ މަރުކަޒުގެ ބޭރުގައި އެ މީހަކު ވޯޓުލާންޖެހޭ ތަނާއި ފޮށްޓާއި ހުރިހާ މައުލޫމާތެއް އެނގެން ހުންނާނެ ކަމަށާއި އަދި އެހީތެރިވުމަށް ވެސް މީހުން ހަރަކާތްތެރިވާނެ ކަމަށް އީސީން ބުނެފައިވެއެވެ.