ސްޕެޝަލް އޮލިމްޕިކްސްއިން ކެއާ ސޮސައިޓީގެ ދަރިވަރު ޝިފުނާ އިބްރާހީމަށް ގޯލްޑް މެޑަލް ލިބިއްޖެ އެވެ.
އަބޫދާބީގައި ކުރިއަށް ދިޔަ ސްޕެޝަލް އޮލިމްޕިކްސްގައި ޝިފުނާ ރަން މެޑަލް ހާސިލް ކޮށްފައިވަނީ 100 މީޓަރު ދުވުމުގައި ބައިވެރިވެގެންނެވެ. އޭނާގެ އިތުރުން 100 މީޓަރު ދުވުމުގައި ރާއްޖެއިން ދެން ބައިވެރިވެފައި ވަނީ މަރްޔަމް ނޫރާ އެވެ. ނޫރާއަށް މި ދުވުމުން ލިބިފައިވަނީ ފަސް ވަނައެވެ.
ރާއްޖެއިން ސްޕެޝަލް އޮލިމްޕިކްސްގައި އިތުރު ދެ ބައިވެރިއަކު ވަނީ ބައިވެރިވެފައެވެ. އެއީ ވަސްމީ ވަހީދާއި އަލީ އަމީނެވެ. މި ދެ ބައިވެރިން ވަނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައި ބައިވެރިވެފައެވެ. އެގޮތުން ވަސްމީ ވަހީދަށް 200 މީޓަރު ދުވުމުން ވަނީ ރިހި މެޑަލް ލިބިފައެވެ. އަދި އަލީ އަމީނަށް ވަނީ 200 މީޓަރު ދުވުމުން ފަސްވަނަ ލިބިފައެވެ.
ރާއްޖޭގެ އެތުލީޓުން ސްޕެޝަލް އޮލިމްޕިކްސް 2019ގައި ބައިވެރިވެފައި ވަނީ ހަމައެކަނި ދުވުމުގެ ބައިގައެވެ. މިމަހު 14ގައި ފެށި މި މުބާރާތް މި މަހު 21ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވުމުގެ ބައިތައް މިހާރު ވަނީ ނިމިފައެވެ.