ރައްޔިތުންގެ މަޖިލިސް

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީވުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމުގެ މައްސަލަ ގައުމީ ސަލާމަތު ކޮމިޓީއަށް

އިބްރާހިމް ޒަކީ

1

ޖިނާއީ ކުށްތައް ހުއްޓުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާބެހޭ އެއްބަސް ވުމުގައި އިންޑިއާ އާއެކު ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުމަށް ރައީސުލް ޖުމްޖޫރިއްޔާ އިބްރާހިމް މުހައމަދު ސޯލިހު ފޮނުވި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލައަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވެވުމުން، މައްސަލަ ދިރާސާކުރުމަށް ގައުމީ ސަލާމަތު ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރެއްވީ، ރިޔާސަތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

ގާނޫނުއސާސީގެ 93 ވަނަ މާއްދާގައި ބުނާގޮތުން ބައިނަލް އަގުވާވީ އެފަދަ އެއްވެސް އެއްބަސް ވުމެއްގައި ރައީސުލް ޖުމްޖޫރިއްްޔާ އސޮއިކުރައްވާއިރު މަޖިލީހުގެ ރުހުން ހޯއްދަން ޖެހެއެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ސޮއި ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ލަފާ ދެއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 12އިގައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މި ޓްރީޓީގެ ބޭނުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާޢީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ.

ކޯޓަށް ހާޒިރުކުމުގަ އާއި، ކޯޓު އަމުރު ތަންފީޒުކުރުމުގަ އާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއްގައުމުން އަނެއް ޤައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

އަދި މިފަދަ މުޢާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި، ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގގުކުރުމަށް ދެގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށް ބާރުއެޅުމެވެ.

އަދި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިޓްރީޓީގެ ވަރަށްބޮޑު ބޭނުމެކެވެ.

މި ޓްރީޓީގެ ދަށުން، އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަހުގީގުކުރުމުގަ އާއި، ޝަރީއަތް ހިންގުމުގަ އާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

މިޓްރީޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައި ވެއެވެ. މިގޮތުން، ޤާނޫނު ނަންބަރު: 2015/2 (ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީ އަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. މި ޓްރީޓީގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ހަރަދެއް، މި ޓްރީޓީގައި ކަނޑައެޅިގެން ބަޔާންކުރެވިގެންވާ ހަރަދުތައް ފިޔަވައި، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ގައުމަކުންނެވެ.

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ބުނީ، މި ޓްރީޓީގެ ސަބަބުން މިހާރު ޢާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަހުގީގުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުޞަތުވެސް މިޓްރީޓީގެ ދަށުން ފުޅާވެގެންދާނެ ކަމަށެވެ.

މި ޓްރީޓީގެ ދަށުން ތަހުގީގުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުސޫލުތައް ތަރައްގީކޮށް މިކަމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟