އިބްރާހިމް ޒަކީ
މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނެ ދުވަހެއް ދެންނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މައްސަލަތައް އައިސްގެން، ނުވަތަ އިތުރު މައްސަލައެއް ހުށަހެޅިގެންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައި ލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށި އިރު ތިއްބެވީ 22 މެންބަރުންނެވެ.
މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީވެސް އެންމެ މައްސަލައެކެވެ. އެއީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅާފައިވާ މައްސަލަ ކޮމިޓީއަށް ފޮނުވުމެވެ.
އެ މައްސަލަ ކޮމިޓީއަށް ފޮނުވިކަން އިއުލާން ކުރެއްވުމަށްފަހު މަޖިލީހުގެ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިިންމުމަށް ދީފައިވާ ސުންގަޑި މަޖިލީހުގެ ރައީސް ވިދާޅުވެދެއްވިއެވެ. އޭގެ ތެރޭގަައި، ގައުމީ ތަރައްގީ ކޮމިޓީން ކުރިއަށް ގެންދާ ތައުލީމުގެ ބިލާއި، ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށްވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުން އިތުރު މައްސަލައެއް މަޖިލީހުގެ ތަޅުމަށް އައިސްފައި ނުވުމާއި އިތުރު މައްސަލައެއް މަޖިލީހުގައިވެސް ނެތުމާއެކު މަޖިލީހުގެ ޖަލްސާ ނިންމަވައިލެއްވިކަން 9:36ގައި މަޖިލީހުގެ ރައީސް އިއުލާން ކުރެއްވިއެވެ.
"ކޮމިޓީތަކުން މައްސަލަތަކެއް އައުމަށްފަހުގައި މެނުވީ އަޅުގަނޑުމެނަށް ކުރެވޭނެކަމެއް މިވަގުތަކު ނެތީމަ އަޅުގަނޑު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައިލާނަން އާދެ، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ދުވަހެއް އަޅުގަނޑު، މެންބަރުންނަށް ދަންނަވާނަން އަދި މިހާރު އަޅުގަނޑުމެންގެ އަތުގައި މައްސަލައެއްް ނެތުމާ އެކީގަ ވަކި ދުވަހެއް ކަނޑައަޅައި ދެންނެވޭނީ، ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުނީމަ، ނުވަތަ އިތުރު މައްސައެއް މިތަނަށް އައިސްގެންމެނުވީ ހުށަހެޅޭނެ އެއްވެސްކަމެއް ނެތީމަ އަޅުގަނޑު ޖަލްސާ ނިންމައިލިވާހަކަ ދަނަންވަން،" މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.