އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެހިން ތިބި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބީޖީ ހޮޓަލުގައެވެ. މިއީ ދިވެހިން އާންމުކޮށް ގޮސް ތިބޭ ހޮޓަލެކެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަ ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާގެ ޑްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިންތިބި ހޮޓަލެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާކަމަށެވެ.
އެހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުން ނުވާކަމަށާއި އަލިފާން ރޯވެފައިވަނީ އިމާރާތުގެ ޓެރަސްގައި ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ އެހާދިސާ ހިނގިއިރު ހޮޓަލުގައި 80 ދިވެހިން ތިބި ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. އަދި އެހާދިސާ ހިނގުމާއެކު އިމާރާތުން ކަރަންޓް ކެނޑުނު ކަމަށެވެ.
ނަމަވެސް އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އެތަނަށް ގޮސް ހޮޓެލުގެ ވެރިންނަށް ގުޅައި ކަރަންޓު އަލުން ފޯރުކޮށްދިނުމަށް އެހީތެރިވެދީފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ދިމާވާ އެކިއެކި ހާދިސާތަކާއި ދަތި ތަކާ ގުޅިގެން އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
އަދި ބޭރުގައި ތިބޭ ދިވެހިންގެ ހާލު ބެލުމާއި ހާދިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.