ޓެކްނޮލޮޖީ

ވައިފައި ސްޕީޑު މާ ދަށީތަ؟ މި 4 ކަންތައް ކޮށްލައިގެން ހައްލެއް ހޯދިދާނެ

އާދަމް ނަސީރު

ކޮވިޑް-19ގެ އާލަމީ ވަބާއަށް ފަހު އަހަރެމެން މަސައްކަތްކުރާ ގޮތަށް ވަރަށް ބޮޑަށް ބަދަލު އައެވެ. ގޭގައި ތިބެގެން އޮންލައިންކޮށް އިތުރު މަސައްކަތް ކުރުމާއި އިންޓަނެޓްގައި ވަގުތު ހޭދަކުރުމަކީ އާންމު ކަމަކަށް ވެގެން ދިޔައެވެ. މިއަދުގެ ސަރުކާރުން އިންޓަނެޓްގެ ސުޕީޑަށް ހެޔޮ ބަދަލެއް ވަނީ ގެނެސްދީފައެވެ. ކުރިން އަގުބޮޑު ކަމަށް ބުނި އިންޓަނެޓްގެ އަގުވެސް މިހާރު ވަނީ ބޮޑު ތަނުން ކުޑަ ވެފައެވެ.

ހަމަ އެއާއިއެކު ދިވެހިންގެ ދިރިއުޅުމުގެ ތެރެއަށް ވައިފައި ވަދެގެންގޮސް މިހާރު ކޮންމެ ގެއެއްގެ ނަމުގައި ދޫކޮށްފައިވާ ވައިފައި ނުވަތަ ވަޔަލެސް އިންޓަނެޓް ހުރެއެވެ. ކުދި ރަށްތަކުން ފެށިގެން ބޮޑެތި ރަށްތަކާއި ހަމައަށް މިކަން އޮތީ މިހެންނެވެ. އެހެން ނަމަވެސް ކުރިން ނުކުރާ ޝަކުވާއެއް މިހާރު އެބައޮތެވެ. ވައިފައި ލަސްވާހަކަ އެވެ. ނުވަތަ ގޭގައި ހަރުކޮށްފައިވާ ރައުޓަރުގެ ސިގްނަލް ދަށް ވާހަކައެވެ. ގިނަ ގެތަކުގައި ރައުޓަރު ހަރުކޮށްފައި ހުންނަނީ އެ ގޭގެ ސިޓިންރޫމްގައެވެ. ރަށްރަށުގައި ހުންނަ ބޮޑެތި ގޯތިތަކުގެ ހުރިހާ ހިސާބަކަށް އެންމެ ފުރިހަމައަށް ވައިފައި ނުލިބޭ ޝަކުވާވެސް އަޑު އިވެއެވެ. ތިރީގައި މި ފާހަކަ ކުރާ ހަތަރު ކަންތައް ރަނގަޅު ކޮށްލުމުން ވައިފައި ލަސްވެގެން (ސުލޯ) ވެގެން ކުރާ ޝަކުވާއަށް ބޮޑު ހައްލެއް ލިބޭނެއެވެ.

ވައިފައި ރައުޓަރު ނިންވާލުމަށް ފަހު އޮންކުރުން

ގިނަ ދުވަސްވަންދެން ކަރަންޓު ދީފައި ހުންނަ ވައިފައި ރައުޓަރު ތަކަކީވެސް ކަރަންޓްގެ ހޫނުކަމާއި އެކު ކޮންމެވެސް ވަރަކަށް ދޮންބޮޑުވެފައި ހުންނާނެ އާލާތެކެވެ. މެދުނުކެނޑި އިންޓަނެޓުން ފޮނުވާ ސިގުނަލްތަކުގެ ސަބަބުން ރައުޓަރުގެ މަސައްކަތް ހުންނާނީ އަބަދުވެސް ހިންގަހިންގައެވެ. އެހެން ކަމުން ރައުޓަރު ނިންވައި ނުލައި ގިނަދުވަސްވުމުން އިންޓަނެޓްގެ (ސުޕީޑް) ހަލުއިކަމަށް އަސަރު ކުރެއެވެ. ރައުޓަރުގެ ހޫނުކަން ބޮޑުވެ ސިގްނަލް ދަތުރުކުރުމަށް ލަސްކަމެއް އާދެއެވެ. އެހެން ކަމުން ކުޑަ އިރުކޮޅަކަށް ނިންވާލުމަށް ފަހު ރައުޓަރު އަލުން ހުޅުވުމުން (އޮން) ކުރުމުން ވެސް އިންޓަނެޓްގެ ސުޕީޑް އަވަސް ކަމަށް އިހުސާސް ކުރެވޭނެއެވެ.

  • ރައުޓަރުގެ އެންޓަނާ

ގިނަ ވައިފައި ރައުޓަރު ތަކުގައި އެންޓަނާ ނުވަތަ ކުޑަ 2 ދަނޑިކޮޅު 2 ކޮޅުގައި ހުންނާނެއެވެ. ވައިފައި ރައުޓަރުތައް ހުންނަ ހިސާބުގެ ސަބަބުން އޭގެ ސިގްނަލް ވެސް ފޯރާނެ ދުރުމިން ބައެއް ފަހަރު ތަފާތު ވެގެން ދެއެވެ. ގިނަ ފަހަރަށް ރައުޓަރު ބެހެއްޓިފައި ހުންނަނީ ގޭގެ ސިޓިން ރޫމްގައެވެ. ގިނަ ގެތަކުގައި ހާއްސަކޮށް ރަށްރަށުގައި ހުންނަ ގެތަކުގައި ސިޓިންރޫމަކީ ގޭގެ އެންމެ މެދެއް ނޫނެވެ. ވައިފައި ރައުޓަރުގެ ސިގްނަލް ފެތުރޭނީ އެ ރައުޓަރެއް ހުންނަ ތަނުން ފެށިގެން ވަށައިގެންވާ ވަކި ދުރުމިނަކަށެވެ. ނުވަތަ އޭގެ އެންޓަނާ ދިއްކޮށްފައިވާ ދިމާ އަކަށެވެ. އެހެންކަމުން ގޭގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރިއަށް ވައިފައި ސިގްނަލް އެންމެ ރަނގަޅަށް ނުލިބިދާނެއެވެ. ސިގްނަލް ދަށްކޮށް ލިބޭނަމަ ކިތަންމެ ހަލުއި އިންޓަނެޓް ޕެކޭޖެއް ގުޅާފައި ހުރިނަމަވެސް އެ ހަލުއިކަން ކޮޓަރީގައި ގެންގުޅޭ ފޯނަށް ނުވަތަ ލެޕްޓޮޕަށް ނުލިބިދާނެއެވެ. މި ކަމުގެ ހައްލަކީ ރައުޓަރު ކޮޓަރިއާއި ކަރިއަށް ބަދަލުކުރުމެވެ. ނުވަތަ ގޭގެ މެދަށް ޖެއްސުމެވެ. ނުވަތަ ރައުޓަރުގެ އެންޓަނާ ބޮޑު ކުރުމާއި އެ އެންޓަނާގެ މިސްރާބު ބަދަލު ކުރުމެވެ.

  • ވައިފައި އެކްސްޓެންޑަރެއް ބޭނުން ކުރުން

ގޭގެ އިންޓަނެޓް ޕެކޭޖުގެ ސުޕީޑް (ހަލުއި) ކަން ކިތަންމެ ބޮޑަސް ކޮޓަރިއަށް ވައިފައި ސިގްނަލް ލިބޭ ވަރު ދަށްނަމަ ލިބޭނެ އުފަލެއްނެތެވެ. އިންޓަނެޓް ވަރަށް ލަސްކަމަށްވެސް ދައްކާނެއެވެ. އެކަން ހައްލު ކުރުމަށް ސިޓިންރޫމްގައި ހުންނަ ވައިފައި ރައުޓަރު އެކި ތަންތަނަށް ބަދަލު ނުކޮށްވެސް ވައިފައި އެކްސްޓެންޑަރެއް ބޭނުން ކުރުމުން ސިގްނަލް ވަރުގަދަ ކުރެވިދާނެއެވެ. އެގޮތުން ކޮޓަރިއާއި ދުރުނޫން ހިސާބެއްގައި ވައިފައި އެކްސްޓެންޑަރެއް ހަރުކުރުމުން ސިގްނަލް ނުލިބޭ މައްސަލަ ހައްލުވާނެއެވެ. ވައިފައި އެކްސްޓެންޑަރު މެދުވެރިކޮށް އިންޓަނެޓްގެ ސުޕީޑް އިތުރަށް ހަލުއި ކޮށްލެވޭނެއެވެ. ހަދަންޖެހޭނީވެސް ވަރަށް ކުޑަ ކުޑަ ފަސޭހަ ސެޓިން އެކެވެ.

ވައިފައި އާއި ގުޅިފައި ހުންނަ އެއްޗެހި ނިންވާލުން

ވައިފައި ދޫކޮށްފައި ހުރުމުން އެކި ފަހަރު އެކި އެކި އާލާތްތައް އެ ވައިފައިއަށް ވަންނަމުންދާނެއެވެ. ގޭގައި ހުންނަ ހުރިހާ ކޮންޕިއުޓަރަކާއި ހުރިހާ އެންމެންގެ މޯބައިލް ފޯނުތަކުގެ އިތުރުން ފަހުގެ ސުމާޓް ޓީވީވެސް ހުންނަނީ ވައިފައިއާ ގުޅިފައެވެ. ކުދީން ކުޅޭ ޕީއެސްގެ އިތުރުންވެސް ޓެބްލެޓާއި އެނޫންވެސް ސާމާނުތައް ވައިފައިތެރޭގައި ހުންނަނީ ގުޅި ހަރުލައިފައެވެ. ގިނަ ފަހަރަށް އަހަރެމެންނަށް ނުވެސް އެނގިއެވެ. އެއްފަހަރު ވަނުމުން އޮޓޯއިން ގުޅޭގޮތަށް ހެދިފައި ހުންނަ ވައިފައި ހުންނަ ހުރިހާ އާލާތެއް އޮން ކުރުމާއެކު ވައިފައި ރައުޓާރާއި އަމިއްލައަށް ގުޅޭނެއެވެ. އެ އާލާތްތަކުގައި ހުންނަ އެކި އެކި އެޕްލިކޭޝަންތަކުން އިންޓަނެޓް މެދުވެރިކޮށް އެކި އެއްޗެހި ޑައުންލޯޑް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އެހެން ކަމުން ގޭގެ އިންޓަނެޓްގެ ބޭންޑްވިތު ވައިފައިއަށް ގުޅިފައިވާ ހުރިހާ ދިމާއަކުން ދާނީ ބޭނުން ކުރަމުންނެވެ. ނޭނގި ނަމަވެސް ވައިފައިއަށް ގުޅިފައިވާ މި އާލާތްތަކުގެ ސަބަބުން އިންޓަނެޓްގެ ހަލުއިކަމަށް ބޮޑު އަސަރެއް ކުރެއެވެ. ގޭގެ އިންޓަނެޓް ލަސް ކަމަށް އިހުސާސް ވާނަމަ ބޭނުން ނުކޮށް، އޮން ކޮށްފައިވާ ހުރިހާ ކޮންޕިއުޓަރަކާއި ޓެބްލެޓް އަދި ޕީއެސް އާއި ސުމާޓް ޓީވީވެސް ނިންވާލުމުން ވައިފައި ބޭނުން ކުރުން ހުއްޓޭނެއެވެ. އޭރުން އިންޓަނެޓް އަދި ވައިފައި އިތުރަށް ހަލުއިވެގެން ދާނެއެވެ.