ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް، އެނބުރި އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ސުޝްމާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަތީ މިއަދު މެންދުރުފަހުއެވެ. އެކަމަނާގެ މިދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ސުޝްމާގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ.
އެކަމަނާގެ މިދަތުރުފުޅުގައި އިއްޔެ ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކުގެ ވިސާގެ ކަންތައް ފަސޭހަ ކުރުމާއި އިއާދަކުރަވަނިވި ހަކަތައިގެ މަޝްރޫއުގެ އިތުރުން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ އެއްބަސްވުމެއްގައެވެ.
މީގެ އިތުރުން ފަސް ދާއިރާއަކުން ރާއްޖެއަށް އެހީވުމާ ގުޅޭ ގޮތުންވެސް ދެގައުމުގެ މެދުގައި އިއްޔެ ވަނީ މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން ޑިފެންސް، ސިއްހީ ދާއިރާ، ވިޔަފާރި، އިގްތިސޯދު، އަދި ކެޕޭސިޓީ ޑިވެލޮޕްމެންޓް ހިމެނެއެވެ.