ރިޔާސީ އިންތިހާބު

އިންތިހާބުގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފި، ދެވަނަ އަޑުއެހުން މާދަމާ ހެނދުނު

ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި ބާއްވާގޮތަށް ވަނީ ތާވަލުކޮށްފައެވެ. މިއަދު އޮތީ ދައުވާއާ ގުޅޭގޮތުން ހުރިހާ ފަރާތްތަކުން ވާހަކަދެއްކުމެވެ.

މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުންނާއި އެ މައްސަލައަށް ތަދައްހުލްވި ފަރާތަކުން ވެސް ބުނެފައިވަނީ ދައުވާގައި އޮތީ ހިޔާލީ ވާހަކަތަކެއް ކަމަށާއި ތުހުމަތެއްގެ ގޮތުގައި ބެލެވޭނެ ފަދަ އެއްވެސް ކަމެއް ހިމެނިފައިނުވާ ކަމަށެވެ. އަދި ނަތީޖާ ބަދަލުކުރުމަށް އަނގޮޓިތަކެއް ބޭނުންކުރި ވާހަކައަކީ ވެސް ހިޔާލީ ވާހަކައެއްގެ ގޮތުގައި ފާހަގަވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއާއި ހައިކޯޓަށް މައްސަލަ ހުށަނާޅާ ދައުވާގައި ބުނެފައިވާ ފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަން ވެސް އިލެކްޝަންސް ކޮމިޝަނާއި މައްސަލައަށް ތަދައްހުލްވި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މައްސަލައަށް ތަދައްހުލް ވެފައިވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ.

މިއަދުގެ އަޑުއެހުމުގައި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ބައެއް އާންމުން ވެސް އަޑުއެހުމުގައި ބައިވެރިވިއެވެ.

މިއަދުގެ އަޑުއެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ އަޑުއުފުލަން ފަށައިފައެވެ. އެއްވުމުގެ ތެރެއިން ހަމަނުޖެހުންތަކެއް ހިނގުމުން ފުލުހުން ވަނީ ކޯޓު ކައިރީ އެއްވެ ތިބި މީހުން ވަކި ހިސާބަކަށް ދުރަށް ޖައްސައި، އެމީހުން ބެރިކޭޑް ފަހަތުގައި ބައިތިއްބައިފައެވެ. އެ ސަރަހައްދުގައި އެސްއޯ ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރިވިއެވެ. އަދި ފަހުން ޕެޕާ ސްޕްރޭ ޖަހައި، ފުލުހުން ވަނީ އެއްވުމުގެ ތެރެއިން މީހަކު ވެސް ހައްޔަރުކޮށްފައެވެ.

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ދައުވާ ފޯމް ވަނީ ދާދިފަހުން ލީކުވެފައެވެ. އެ ދައުވާ ފޯމުގައި ރައީސް ޔާމީން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފައެވެ.

އޭގެ ތެރޭގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ.

ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވެއެވެ.

ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.

އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެއެވެ.

އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.