އަހަރެމެން ގެންގުޅޭ ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ތަކުގައި އާންމުކޮން ހުންނަނީ 8 ޖީބީ ނުވަތަ 16 ވަރަކަށް ޖީބީގެ ރެމްއެވެ. އެހެން ނަމަވެސް އެޕަލް އިން އާ މެކްބުކް ޕްރޯތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނާއިރު، އާ މޮޑެލްތައް ގީކްބެންޗް ލިސްޓިން އިން ފެނިގެން ގޮސްފައިވާ ގޮތުން އެ އަދަދުގައި 96 ޖީބީގެ ރެމް ހުންނާނެއެވެ.
މި ސައިޓުން ކުރިއަށް އޮތް މެކްބުކް މޮޑެލްތަކާ ބެހޭ މުހިންމު ބައެއް ތަފްސީލުތައް ވެސް ވަނީ ހާމަ ކޮށްފައެވެ. މިއީ މެކްބުކް ޕްރޯއަކަށް ވެދާނެ ކަމަށް އެ ސައިޓުން ސާފުކޮށް ނުބުނި ނަމަވެސް، މިއީ އެއް މޮޑެލަކަށް ވެދާނެ ކަމަށް ބުނާ ބައެއް ސަބަބުތައް އެބަހުއްޓެވެ.
މި ލިސްޓިން އިން ދޭހަވަނީ ކުރިއަށް އޮތް މެކްބުކް ލެޕްޓޮޕްގައި އެޕަލްގެ ރިލީޒް ނުކުރާ އެމް2 މެކްސް ޕްރޮސެސަރެއް ހިމެނޭނެ ކަމަށެވެ. އެއީ 96ޖީބީގެ ރެމް އާއި އެކު ނެރޭ ފުރަތަމަ ލެޕްޓޮޕަށް ވާނެއެވެ. މިކަމުން ދޭހަވަނީ މިހާރު 64ޖީބީގެ އޮޕްޝަނަށް ވުރެ ގިނައިން މި މޮޑެލްގެ ލެޕްޓޮޕްގައި ރެމް ހިމެނިފައިވާނެ ކަމެވެ. މިއީ މެކްބުކް ޕްރޯސް ނުވަތަ އަންނަ ޖީލުގެ މެކް ސްޓޫޑިއޯ ކަމަށް ވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ. ގިނަ ފިލްމުތަކާއި ވީޑިއޯތައް ހެދުމަށް އެންމެ މަގުބޫލު އެއްޗަކީވެސް މެކް ސުޓޫޑިއޯ އެވެ. އެހާ ބޮޑު ރެމްއެއް ހިމެނިފައިވަނީވެސް އެހެންވެއެވެ.
އެޕަލް އިން ދާދި ފަހުން ވަނީ އާ ޑިޒައިނާއެކު އާ މެކްބުކް އެއާ މޮޑެލަކާއި އެމް2/އެމް2 ޕްރޯ ޕްރޮސެސަރުތަކާއެކު 13 އިންޗީގެ މެކްބުކް ޕްރޯ މޮޑެލެއް އިއުލާންކޮށްފަ އެވެ. އެހެންކަމުން، ހައި އެންޑް ޗިޕަކާއެކު މެކްބުކް ޕްރޯގެ އާ މޮޑެލެއް އެކުންފުނިން ނެރޭނެ ކަމަށް މިހާރު ވަނީ އަޑު ފެތުރިފައެވެ. ގީކްބެންޗް ލިސްޓިން އިން ފެނިފައިވާ އާ މޮޑެލްތަކަކީ މެކްބުކް ޕްރޯ އަދި މެކްބުކް ސުޓޫޑިއޯ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ކުރީގެ މޮޑެލްތަކުގައި ތިން ތަންޑަބޯލްޓް 4 ސްލޮޓާއި އެޗްޑީއެމްއައި ޕޯޓަކާއި އެސްޑީއެކްސްސީ ކާޑު ސްލޮޓަކާއި 3.5 އެމްއެމް ހެޑްފޯން ޖެކެއް ހިމެނެ އެވެ. އެހެންވީމާ، އަލަށް ނެރޭ މެކްބުކްވެސް ނެރޭނެ ކަމަށް ބެލެވެނީ މި ހުރިހާ ސުލޮޓްތަކާއި އެކުގައެވެ.
އެޕަލް އަކީ އެމީހުންގެ އެއްވެސް އުފެއްދުމަކާ ބެހޭ މައުލޫމާތު ކުރިން އާންމުކުރާ ބައެއް ނޫނެވެ. އެހެން ކަމުން ބާކީ ހުރި ތަފްސީލެއް މިވަގުތަކު ނޭނގެ އެވެ. މަތީގައި ހުރި ހުރިހާ މައުލޫމާތެއް ދިމާވާނެ ކަމެއްވެސް ޔަގީންކަމާއި އެކު ބުނަން ދަތިވާނެއެވެ. ސަބަބަކީ އެޕަލް ކުންފުނީގެ ތެރެއިން މައުލޫމާތެއް އަތު ޖެއްސުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.