ރިޕޯޓް

އެންމެ ފުރިހަމަ ވޯލްޑްކަޕާއެކު މުޅި ދުނިޔޭގެ ލޯބި ގަތަރަށް، މޮރޮކޯގެ ދަތުރާއި މެސީގެ ފުރިހަމަ ފައިނަލް!

މުޙައްމަދު ޝަމްޢޫން

1

ލުސައިލް އައިކަނިކް ސްޓޭޑިއަމުން ރޭ ދައްކާލި ބަޑިބޭހުގެ ކުޅިވަރާއެކު ވޯލްޑް ކަޕް 2022 ނިމިއްޖެއެވެ. ފަސް ބިލިއަނާ ގާތް ކުރާ އަދަދަކަށް މީހުން ބެލިއެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުން ގަތަރަށް ޒިޔާރަތް ކުރިއެވެ. ޗެމްޕިއަނަކީ އާޖެންޓީނާއެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނަލް މެސީއެވެ. އެންމެން ލޯބި ދިން އަނެއް ޓީމަކީ މޮރޮކޯއެވެ. ރަނަރަޕަކީ ފްރާންސެވެ. ތާރީހީ އެތައް ކަމެއް ދަނޑު މަތިން ދައްކުވައިދިން ފައިނަލެކެވެ. ދަނޑު ބޭރުން ގަތަރު ދިނީ ޖަވާބުތަކެކެވެ. ހުޅަނގަށް ސާބިތުކޮށްދިނީ ސާފު އިބާރާތްތަކެކެވެ. ގަތަރު ވޯލްޑް ކަޕް ބެންޗްމާކް ކަނޑަޅައިފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ނަޒަރުގައިވެސް، މިއީ އެންމެ ފުރިހަމަ ވޯލްޑް ކަޕެވެ.

"އިންތިޒާމުކުރުމުގެ ގޮތުންނާއި ސްޓޭޑިއަމްތަކުގެ ފެންވަރުގެ ގޮތުންވެސް މިއީ މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ ވޯލްޑްކަޕް. ގަތަރުގެ ހުރިހާ ކަމަކަށް، ގަތަރުގައި މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އިންފަންޓީނޯ ބުންޏެވެ.

ވޯލްޑް ކަޕްގެ ކުރިން ގަތަރާއި މުސްލިމުން ބަދުނާމު ކުރަން ހުޅަނގުން ޕްރޮޕެގެންޑާތައް ފެތުރިއެވެ. ގަތަރުގެ އިސްލާމީ އުސޫލާ ހެދި ވޯލްޑް ކަޕް ދޯހަޅިވާނެ ކަމަށް ބުނެދޭން މަސައްކަތް ކުރިއެވެ. ދާން ހެޔޮވާވަރު ތަނެއްވެސް ނޫންކަން ދައްކަން އިނގިރޭސި ކުރީގެ ކުޅުންތެރިޔާ ގެރީ ލިނެކާ ފަދަ ކުޅުންތެރިން ހާއްސަ ޓުއާތައްވެސް ގަތަރުގައި ކުރިއެވެ. އެކަމަކު އެކަމެއް ނުހިނގިއެވެ. އެއަށް ސަމާލުކަންދީ، ހުޅަނގުގެ ޕްރޮޕެގެންޑާއަށް އަޅުދާސްތުވާނެ މީހަކު ނުވިއެވެ. މުސްލިމުންނާއި ގަތަރުގެ މެހުމާންދާރީ މާ ފުރިހަމައެވެ. ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ނިމިގެން ދިޔައީ ފުލް ސްޓޭޑިއަމްގައެވެ.

އެއީ ދަނޑު ބޭރެވެ. ދަނޑުމަތިންވެސް ގަތަރު ވޯލްޑް ކަޕް ފުރިހަމައެވެ. މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތަކަކީ ތަފާސް ހިސާބަށް ބެލި ނަމަވެސް، އެންމެ ޝައުގުވެރިވި ގްރޫޕް ސްޓޭޖެވެ. އެންމެ ހައިރާން ކުރުވަނިވި ނަތީޖާތައްވެސް ގިނަ ގްރޫޕް ސްޓޭޖެވެ. އެ ފެށުމުން ވޯލްޑް ކަޕް ފެށީ ތަފާތު ދައްކަމުންނެވެ. ނޮކްއައުޓްގައި މޮރޮކޯއިން އެތައް ބައެއްގެ ލޯބި ހޯދައި، މުބާރާތް ނިމިގެންދިޔައީ ވޯލްޑް ކަޕްގެ ޒަމާންވީ ތާރީހުގެ އެންމެ ފޯރިގަދަ ފައިނަލުންނެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ މެސީ، ތަށި އުފުލާލައިގެންނެވެ.

ގަތަރުގެ މެހުމާންދާރީއާއި އަމާންކަން ރަލާއިނުލައި، ފަލަސްތީނަށް ހާއްސަ ވޯލްޑް ކަޕެއް

ގަތަރުން ވޯލްޑް ކަޕަށް ދެއްކި އެއް ނަމޫނާއަކީ އިސްލާމް އުސޫލު މުގުރާނުލުމެވެ. މުޅިން އާ ސިޓީއަކަށް ފަހިކޮށް، އާ 8 ސްޓޭޑިއަމެއް ބިނާކޮށް، އާ އެތައް މަގެއް ހަދައި، ހޮޓާތަކާއި ސަހަރާގެ ފޭލިގެތައްވެސް މެހުމާނުންނަށް ހާއްސަކޮށް ގަތަރުން ތައްޔާރު ކުރިއެވެ. އެ ހުރިހާ ތައްޔާރީތަކެއްގެ ތެރެއިންވެސް ގަތަރަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ފުރަތަމަ ވީ ގައުމުގެ އުސޫލު މުގުރާލައި ސްޓޭޑިއަމް ސަރަހައްދުގައި ރާ ބުއިމަށް ހުއްދަ ދޭން ޖެހުމެވެ. އެގޮތަށް ފުރަތަމަ އެކަން އޮތް ނަމަވެސް، އިސްލާމީ އުސޫލު ނަގަހައްޓަން ގަތަރުން އެ ނިންމުން ބަދަލުކުރީ ފަހު ވަގުތުއެވެ. އެ ބަދަލު ފުރިހަމަވީ ސަޕޯޓަރުންނަށް މާހައުލު ހިތްގައިމުވެފައި އަމާންވުމުންނެވެ. މިއީ އަންހެން ސަޕޯޓަރުންނަށްވެސް އެންމެ އަމާން ވޯލްޑް ކަޕް ކަމަށް ބަލަން ދިޔަ އެތައް އަންހެން ސަޕޯޓަރުންނެއް ފާހަގަކުރި ކުރުން އެއީ ގަތަރަށް ލިބުނު އުންމީދެވެ. އަހެން ސަޕޯޓަރުން އެންގީ އަމިއްލަ ގައުމުތަކުގެ މަގުތަކަށްވުރެވެސް، އަމިއްލަ ގައުމުގެ މެޓްރޯއަށްވުރެވެސް ގަތަރު މާ ސަލާމަތްކަން ބޮޑު ކަމަށެވެ. އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެއީ ގަތަރުން އެޅި ރަލުގެ ފިޔަވަޅުގެ ނަތީޖާ ކަމަށް ބެލެވިދާނެއެވެ. ފީފާ ރައީސް އިންފަންޓީނީގެ ނަޒަރުގައިވެސް މިއީ ސަޕޯޓަރުންގެ ބޮޑު ހަމަނުޖެހުމެއް ފެނިގެން ނުދާ ނަމޫނާ ވޯލްޑް ކަޕެކެވެ. އެ އަމާންކަމުން، މުޅި މާހައުލު އުފާވެރި ކޮށްލަންވެސް ގަތަރުގެ އެތައް ރައްޔިތުންނެއް ތިބީ ތައްޔާރަށެވެ. އެތައް ބަޔަކު މިސްކިތްތަކަށް ޒިޔާރަތްކޮށް އިސްލާމީ އުސޫލުތައް ދަސްކުރަން މަސައްކަތް ކުރިއެވެ. ގަތަރުގެ އެތައް ގެޔަކުން ސަޕޯޓަރުންނަށް ކާ އެއްޗެހި ފޯރުކޮށްދީ، ގަތަރުގެ އިސްލާމީ އާދަކާދަ ތައާރަފު ކޮށްދިނެވެ. އެ މަންޒަރުތަކުންވެސް ވޯލްޑްކަޕަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

ގަތަރުން ވޯލްޑް ކަޕާ ދިމާކޮށް އިސްލާމް ދީން ދުނިޔެއަށް ދައްކާލަން ކުރި މަސައްކަތްތަކުގެ ތެރޭގައި ހަދީސް ބޯޑުތައް މަގުތަކުން އިތުރަށް ފެންނާނެ ގޮތް ހެދުމާއި، ހޮޓަލުގެ ކޮޓަރިތަކުގެ ބާކޯޑް މައުލޫމާތު ޝީޓުތައް ފާހަގަވިއެވެ. ބާކޯޑް ރީޑް ކޮށްލުމުން ހަދީސްތަކާއި އިސްލާމީ އާދަކާދަތައް ކިޔައިދޭ މައުލޫމާތު ކާޑުތައް ފެންނާނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.

އޭގެ އިތުރުން ސްޓޭޑިއަމްތަކުގެ ބޭރުގައި ހުކުރު ކުރުމުގެ އިންތިޒާމުން ފެށިގެން ގޮސް، ސްޓޭޑިއަމްތަކުގައިވެސް ނަމާދުކުރުމަށް ހާއްސަ ސަރަހައްދުތައް ގިނަކަން ފާހަގަވިއެވެ. އެ ހުރިހާ ސިފަތަކެއް ގަތަރުން ފެނިގެން ގޮސް، ފަލަސްތީނަށްވެސް ދިނީ ހާއްސަ ކަމެކެވެ. ސީދާ ފްލައިޓްތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ވޯލްޑް ކަޕް ހުޅުވާލުމުގެ އިތުރުން، ގަތަރުގެ ދަނޑުތަކުން ވިހުރުވަމުންދިޔަ ފަލަސްތީނުގެ ދިދަތައް ހާއްސައެވެ. މުސްލިމް ގައުމުތަކުގެ ކުޅުންތެރިންވެސް ފަލަސްތީނު ދިދައާއެކު އުފާފާޅުކޮށް، އެގައުމާއެކު ތިބިކަން ދައްކާލުންވީ މުޅި މުސްލިމް އާއިލާއަށް ލިބުނު ހިތްވަރަކަށެވެ.

އެންމެ ހައިރާންކަން ބޮޑު ގްރޫޕް ސްޓޭޖު މެޗުތައް

ގްރޫޕް ސްޓޭޖުގެ ކުޅުނު 13 ދުވަހުން ނިންމާލީ 48 މެޗެއް ކުޅެފައެވެ. ގްރޫޕް ސްޓޭޖު ނިމުމާއެކު ފީފާއިން ވަނީ ގްރޫޕް ސްޓޭޖުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ހާއްސަކޮށް ސަޕޯޓަރުންނާއި އިންތިޒާމާ ގުޅޭ ތަފާސް ހިސާބުތަކެވެ. ގަތަރުގެ ހިދުމަތްތަކުގެ ތަފާސްހިސާބެވެ. އެ އަދަދުތަކުން ގަތަރު ވޯލްޑް ކަޕް ހާއްސަކަން އެތައް ގޮތަކުން ޔަގީން ވިއެވެ.

ގްރޫޕް ސްޓޭޖުގެ މެޗު ބަލަން ދަނޑުތަކަށް ވަން މީހުންގެ އަދަދު 2.45 މިލިއަނަށް އެރިއެވެ. ސްޓޭޑިއަމަށް ވަން މީހުންގެ އަދަދަށް ބަލާއިރު، އެއީ 96 ޕަސެންޓްގެ ސްޓޭޑިއަމް ކެޕޭސިޓީއެވެ. ގަތަރުން އިއުލާނުކުރި އަދަދަށްވުރެ ގިނަ މީހުން ވަދެވޭނެ ގޮތަށް ސްޓޭޑިއަމްތައް ބޮޑުކޮށް ހަދާފައިވާ އިރު، ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި އާޖެންޓީނާ އާއި މެކްސިކޯ ވާދަކުރި މެޗަށް 88،966 ސަޕޯޓަރުން ވަދެފައިވެއެވެ. އެއީ 1994 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗަކަށް އެންމެ ގިނަ މީހުން ވަން މެޗެވެ.

އެންމެ "ޝޮކިން" ނަތީޖާތައް ފެނުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖަށް މި ފަހަރުގެ ގްރޫޕް ސްޓޭޖު ވީ ގަދަ ބާރުތަކާ އެހެން ގައުމުތައް އަރައިހަމަކުރި މަންޒަރު ފެނުމުންނެވެ. އަންދާޒާތަކާއި ހިލާފު ނަތީޖާތަކެއް ފެނުމުންނެވެ. ބޮޑެތި ބާރުތަކަށްވެސް ގްރޫޕް ސްޓޭޖު ފަސޭހައެއް ނުވިއެވެ. ގަދަ ބާރުތައް ބަލިވެ، ޗެމްޕިއަނުން އަލްވަދާއުވެސް ކިޔައިފިއެވެ. ޖަރުމަނާއި ބެލްޖިއަމެވެ. ހަތަރު ތަރީގެ ޖަރުމަނު ކެޓީ ޖަޕާން އަތުންވެސް ބަލިވެގެންނެވެ. ބެލްޖިއަމް ކެޓީ މޮރޮކޯ ކައިރިން ސަލާމަތް ނުވެވިއެވެ.

އޭގެ އިތުރުން ޖަޕާނުން ސްޕެއިން ބަލިކުރުމާއި ކޮސްޓަ ރީކާއިން ޖަޕާން ބަލިކުރުންވެސް އެއީ ހީނުކުރާނެ ނަތީޖާތަކެވެ. އޭގެ އިތުރުން ފެށުން ހަނދާން ނައްތާލެވޭކަށް ނެތެވެ. އާޖެންޓީނާ ފެށީ ސައުދީ އަރަބިއާ އަތުން ބަލިވެގެންނެވެ. އެންމެފަހުން ބްރެޒިލް ކެމަރޫން އަތްދަށުވެ، އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ޓިއުނީޝިއާ އަތްދަށުވިއެވެ. އަދި ޕޯޗުގަލް ވަނީ ފަހު މެޗުގައި ދެކުނު ކޮރެއާ އަތުންވެސް ބަލިވެފައެވެ.

މޮރޮކޯގެ ދަތުރަށް ލޯތްބާއި އިހުތިރާމް

މޮރޮކޯ ވޯލްޑް ކަޕަށް ނުކުތީ ބެލްޖިއަމާއި ކްރޮއޭޝިއާގެ އިތުރުން ކެނެޑާ ހިމެނުނު ގްރޫޕް އެފްގައެވެ. އެ ގްރޫޕުގެ ފެވަރިޓުންނަކީ ޔަގީނުންވެސް ބެލްޖިއަމާއި ކްރޮއޭޝިއާއެވެ. ކެނެޑާއަށްވެސް މޮރޮކޯއަށްވުރެ ބޮޑު އުންމީދެއް އެތައް ބަޔަކު ދިނެވެ. އެއީ ކެނެޑާ ދިޔައީ އުތުރު އެމެރިކާގެ ކޮލިފިކޭޝަންގައި ތަފާތު ދައްކާފައި ކަމަށްވާތީއެވެ. ކޮންމެއަކަސް ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ އެއްވަރުކޮށް، ދެން ޖެހުނު މެޗުގައި މޮރޮކޯއިން ބެލްޖިއަމް ބަލިކުރީ 2-0 އިންނެވެ. އަދި ފަހު މެޗުގައި 2-1 އިން ކެނެޑާ ބަލިކޮށް ގްރޫޕް އެއްވަނަ ހޯދީ ހައިރާންކަން ގެނުވައިފައެވެ.

ގަދަ 16 އަށް މޮރޮކޯ ދިޔައީ 1986 ވަނަ އަހަރަށްފަހު ކުރި އިންތިޒާރަށް ނިމުން ގެނުވައިފައެވެ. އެހިސާބުން ކާމިޔާބީ ހިފައިގެން އެނބުރި ގައުމަށް ދާނީ ކަމަށް ބެލެވުނީ ސްޕެއިންނާ ޖެހުމުންނެވެ. އެކަމަކު ކަންވީ ހީކުރި ގޮތާ މުޅިން ހިލާފަށެވެ. މޮރޮކޯއިން ޕެނަލްޓީގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ބަލިކުރިއެވެ. ބަލިކޮށް، އެގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލަށް ދިޔައީ އެތައް ބަޔަކު ސިއްސުވާލައިފައެވެ.

ދެން ޖެހުނީ ޔޫރަޕްގެ ޗެމްޕިއަނެއް ކަމަށްވާ ޕޯޗުގަލާއެވެ. އެއީވެސް މޮރޮކޯގެ ދަތުރުގެ ނިމުން ކަމަށް ބެލެވި، އެރޭ ތިބީ މޮރޮކޯއަށް އެފްރިކާގެ ތާރީހު ނުލިޔެވޭނެ ކަމަށް ބަލައިގެންނެވެ. އެ ހީކުރުމަށްވެސް މޮރޮކޯ ޖަވާބު ދިނެވެ. 1-0 އިން ޕޯޗުގަލް ބަލިކޮށް، މޮރޮކޯ އެފްރިކާގެ ތާރީހުވެސް ލިޔެލިއެވެ. މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމެވެ. ސެމީއާ ހަމައަށް ދިޔައިރު، ކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ. އެވެސް ބައިކޮޅަށް ވަން ގޯލެކެވެ.

ސެމީގައި އެންމެފަހުގެ ޗެމްޕިއަނުން ފްރާންސް ކައިރީވެސް ފަހަތަކަށް ނުޖެހެއެވެ. އަނިޔާގެ އެތައް މައްސަލަތަކަކާއެކުވެސް ޖާނާއިމާލު ގައުމަށް ދީ ދަނޑުން ފޭބީ ފަހުރުވެރިކަމާއެކުގައެވެ. 2-0 އިން މެޗުން ބަލިވި ނަމަވެސް ހިތްތައް އަތުލިއެވެ. މޮރޮކޯގެ މެޗުތަކަށްފަހު އެގައުމުން ޖަގާ ޝުކުރުގެ ސަޖިދައާއި މައިންބަފައިންނަށް ދޭ ލޯބި ހާއްސަވިއެވެ. ފަލަސްތީނު ދިދައާއެކު، އެގައުމާއެކު ތިބިކަން ހާމަކުރުމަށް މޮރޮކޯގެ އެތައް ކުޅުންތެރިންނެއް އުފާފާޅުކުރިއެވެ. އެކަމަށް މުޅި އިސްލާމީ އުންމަތް ލޯބި ދިނެވެ. ދެން އޮތީ އާއިލީ ގުޅުމަށް މޮރޮކޯ ބެހެއްޓި ލޯތްބެވެ.

މޮރޮކޯގެ ހިތްވަރާއި، ކުޅުންތެރިން ގައުމަޓަކަށް ވާ ގުރުބާނީގެ ތެރެއިން އެގައުމަށް މުޅި ދުނިޔެ، ރާއްޖެވެސް ހިމެނޭ ގޮތުން ދެމުން ދިޔަ ލޯބީގެ ފަހަތުގައި ކުޅުންތެރިންގެ އާއިލާތައް ކުޅޭ ރޯލު ވަރަށް ބޮޑެވެ. ކޮންމެ މެޗަކަށްފަހު ކުޅުންތެރިން، މަންމައާއި ދަރީންނާއެކު އުފާފާޅުކުރާ މަންޒަރުން ހިތްތަކަށް ފިނިކަން ގެނެސްދެއެވެ.

ހައިރާންކުރުވަނިވި ފައިނަލެއް، މެސީއަށް ހުވަފެނީ ނިމުމެއް

ފައިނަލްތަކުގެ ތެރެއިންވެސް ފައިނަލެކެވެ. އާޖެންޓީނާއިން ނުކުތީ މެސީގެ ފަހު ވޯލްޑް ކަޕަށް އަލްވަދާއެއް ދިނުމަށެވެ. އަނެއްކޮޅުން ފްރާންސް ނުކުތީ 60 އަހަރަށްފަހު ވޯލްޑް ކަޕްގެ ތަށި ދުފާއުކުރާ ފުރަތަމަ ގައުމަކަށްވުމަށެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ފެނިގެން ދިޔައީ ފުރިހަމަ ފުޓުބޯޅަ ފައިނަލެކެވެ. ފުރަތަމަ އާޖެންޓީނާއިން ދެ ގޯލް ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލްގައި ވިދާލާނެ ކަމަށް އުންމީދުކުރި ދެ ތަރިންވެސް ވިދާލިއެވެ. 33 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ މެސީއެވެ. ދެވަނަ ގޯލް އާޖެންޓީނާއިން ޖެހީވެސް މެސީގެ ސިކުނޑީގެ ބޭނުންކޮށްގެންނޭ ބުނެވިދާނެއެވެ. ކައުންޓާގައި އެ ގޯލް ޖެހީ އެންހޭލް ޑި މާރިއާ އެވެ. ދެވަނަ ހާފަށް ނުކުމެ، ފްރާންސަށް އެއްވަރުކޮށްދިނީ އެމްބާޕޭގެ ޖާދުވީ 90 ސިކުންތުގެ ތެރޭގައެވެ. އިތުރު ވަގުތަށް ގޮސް މެސީ އާޖެންޓީނާއަށް ތިންވަނަ ގޯލެއް ޖަހައިދިން ނަމަވެސް، އަނެއްކާވެސް އެމްބާޕޭ ގޯލް ޖެހިއެވެ. ޕެނަލްޓީގައި އާޖެންޓީގެ ހީރޯއަކީ ރަން އަންގި ހޯދި އެމިލިއާނޯ މާޓީނޭޒެވެ.

މީގެ ކުރިން 1978 ވަނަ އަހަރު ޑެނިއެލް ޕަސަރެއްލާއެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއެވެ. ދެން މިއަހަރު، މެސީއެވެ. ގައުމަށް ތަށި ގެނެސްދިން އެ ކެޕްޓަނުންގެ ލެގަސީ ރޭ މެސީ އަލުން ލިޔެލައިފިއެވެ. މަރަޑޯނާގެ މޭސްތެރިކަމުން ނެގި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް ގެނުވާފައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު 1986 ވަނަ އަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތައް އަދިވެސް ފަނޑުވުމެއް ނެތެވެ. އެ ވާހަކަތަކަށް މިހާރު މެސީގެ ބާބެއްވެސް އިތުރުވާނެއެވެ. މެސީ މި ވޯލްޑް ކަޕްގައި އެކަނި ހަތް ގޯލް ޖެހިއެވެ. އޭގެ ތެރެއިން ފަސް ގޯލަކީ ނޮކްއައުޓް ގޯލް ތަކެވެ. މި ވޯލްޑް ކަޕް މެސީ ނެގީ ބަޔަކަށް ޖަވާބުދީ، ސާބިތުކޮށްދީފައެވެ. 2016 ވަނަ އަހަރު ހިތްދަތިކަމުގެ ރިޓަޔާމަންޓްގެ ހަނދާން ފަސްއަޅައި ފޮރުވާލައިފައެވެ.

އެ ހާއްސަ މަންޒަރާއެކު ގަތަރު ވަކިވެގެންދަނީ އެންމެ ފުރިހަމަ ވޯލްޑް ކަޕް ގެނެސްދީފައެވެ. ގަތަރާ ހަމަކުރަން އެހެން ގައުމުތަކަށް ދައުވަތެއް ދީފައެވެ. މުޅި ދުނިޔެ ގަތަރަށް ބަންޑުންކުރަމުން އަންނަ ޝުކުރު ހައްގެވެ. ހަތަރު އަހަރުފަހަށް އިންތިޒާރު ކުރަން ގަތަރުން ދޫކޮށްލީ ތާރީހީ މަންޒަރުތަކެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟