ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ރޫމް ބޯއީންނަށް ނިސްބަތްކޮށް އިހާނެތި ބަސްބުނި ކަމަށް ބުނެ، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މަޖިލިސް ބަހުސްގައި ދެއްކެވި ވާހަކަތަކަށް މާފަށް ނޭދޭނަމަ ސަލީމްގެ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން ގޮވާލައިފި އެވެ.
ލޭބާ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ސަލީމް މަޖިލިސް ބަހުސްގައި ދެއްކެވި ވާހަކައިގައި ވާދަވެރި ކެންޑިޑޭޓަކަށް ނިސްބަތްކޮށް ރޫމް ބޯއީން މަޖިލީހަށް ވާދަކުރުން ކުފޫ ހަމަނުވާކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާކަމަށާއި އޭނާގެ ވާހަކަތައް ނުސީދާކޮށް އަމާޒުކޮށްފައިވަނީ ލޭބާ ޕާޓީގެ ކެންޑިޑޭޓަކަށް ކަމަށް ބެލެވޭ ކަމަށެވެ.
އަދި އެއަމަލަކީ މަސައްކަތްތެރިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ، ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބަޔާނުގައިވެއެވެ.
''އޭދަފުށީ ދާއިރާގެ އެންމެހާ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާތަކުން އަދި މަސައްކަތްތެރިންނަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން މަސައްކަތްތެރިންނާއި ބައިވެރިވުމުގެ ގޮތުން އަހުމަދު ސަލީމަށް އިންތިހާބުގައި ވޯޓް ނުދިނުމަށް މިޕާޓީން ގޮވާލާ ކަމަށާއި އަދި އޭނާގެ އެނާތަހުޒީބު އަމަލަށް މާފަށް ނޭދޭނަމަ އެނާގެ ވިޔަފާރިތަށް ބޮއިކޮޓް ކުރުމަށް މިޕާޓީން ގޮވާލަމެވެ.'' ލޭބާ ޕާޓީގެ ބަޔާނުގައިވެއެވެ.
ލޭބާ ޕާޓީގެ ބަޔާނުގައިވަނީ އަހުމަދު ސަލީމު ފަދަ މަދު ބައެއް މަހުޖަނުން ފައިސާގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ދައުލަތުގެ ބާރުތަށް ފިރުކާލައިގެން ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް އަތްގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އެޕާޓީން ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި މަޖިލީހުގެ އިންތިހާބުގައި ގައުމުގެ ކުރިމަގާމެދު ވިސްނައި މަހުޖަނުންނަށް ފައިސާއަށް ވޯޓް ނުވިއްކުމަށާއި މަސައްކަތްތެރިން ބާރުވެރި ކުރުވައި ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ލޭބާ ޕާޓީގެ ބަޔާނުގައި ގޮވައިލާފައިވެއެވެ.
ލޭބާ ޕާޓީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އޭދަފުށީ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަދައްކަވަމުން އެދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު ސަލީމުގެ ވާހަކައިގައި މަސައްކަތްތެރިންނަށް އިހާނެތި ބަސް ބުނި ކަމުގެ ތުހުމަތުގައެވެ. ބެލެވޭ ގޮތުގައި ސަލީމް އެހެން ވިދާޅުވީ، ލޭބާ ޕާޓިގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރާ ޔޫސުފް މޫސާ (ޔޫސޭ) އަށް ނިސްބަތްކޮށެވެ.
ސަލީމުގެ ވާހަކައިގައި ވިދާޅުވެފައިވަނީ ''ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ މި ކުރަންހުރީ ކިހާވަރެއްގެ މަސައްކަތެއް ކަމާއި، ތިމާ އަށް ކުރެވޭނީ ކިހާ މަސައްކަތެއް ތޯ؟ ތިމާގެ ގާބިލުކަން ހުރީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ގާބިލުކަން ހުރި މިންވަރު އަޅުގަނޑުމެންގެ އަމިއްލަ ވިޔަފާރިންނާއި، އަޅުގަނޑުމެން ކޮށްފައި ހުރި މަސައްކަތުންނާއި، އަޅުގަނޑުމެން މިހާތަނަށް ދިރިއުޅެމުން އައި ގޮތާއި، މި ހުރިހާ ތަފްސީލުން އަޅުގަނޑުމެން ކުރިއަށް ގޮސްފައި ހުރި މިންވަރު ވަރަށް ސާފުކޮށް އެނގޭނެ،" ކަމަށެވެ.