ކްރިމިނަލް ކޯޓް

މުހުތާޒާއި ނިހާންގެ މައްޗަށް ކުރާ އިތުރު ދައުވާތަކުގެ ހުކުމްކުރުން އަންނަ އާދީއްތަ ދުވަހު

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއް އިއްވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ކުރި އިތުރު ދައުވާތަކަށް އަންނަ އާދީއްތަ ދުވަހު ހުކުމްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވެ، މުހުތާޒާއި ނިހާންގެ މައްޗަށް 2016 ވަނަ އަހަރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

މިއަދު ވަނީ މުހުތާޒާއި ނިހާންގެ މައްޗަށް ދައުލަތުން ކުރި އިތުރު ދައުވާތަކުގެ ފަހު އަޑުއެހުންތައް ކުރިއަށްގޮސްފައެވެ. އެއީ މުހުތާޒުގެ މައްޗަށް ދެ ދައުވާއާއި ނިހާންގެ މައްޗަށް ތިން ދައުވާއެވެ. މިއަދުގެ އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އެ ދައުވާތަކަށް ހުކުމް އިއްވާނެ ކަމަށެވެ.

މުހުތާޒުގެ މައްޗަށް ދައުލަތުން ކުރި އިތުރު ދައުވާތަކަކީ ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާއެވެ.

އަދި ނިހާނުގެ މައްޗަސް އުފުލި ދައުވާތަކަކީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި މުހުތާޒްގެ ވަކީލް ވިދާޅުވީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގައި ނުވަތަ އެ ކުށުގެ އަމަލު ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި މުހުތާޒްގެ މައްޗަށް ކުރި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދައުވާތައް ބާތިލްކޮށްދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ހައިލަމް ވިދާޅުވީ މުހުތާޒްގެ މައްޗަށް އުފުލި ދައުވާތަކާ ގުޅިގެން ހެކި ހުށަހަޅައި ހުލާސާ ބަޔާން އިއްވައި ނިމި، ހުކުމަކާ ހަމައަށް އައިސްފައިވާތީ ޝަރީއަތުގެ މި މަރުހަލާގެ ތެރޭގައި ދައުވާތައް ބާތިލް ނުކުރެވޭނެ ކަމަށެވެ. އަދި މުހުތާޒްގެ ވަކީލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދުނު އަމުރު ރިވިއުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ނިހާންގެ ވަކީލު ވިދާޅުވީ ނިހާންގެ މައްޗަށް އުފުލި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ކުރުމުގެ ދައުވާ ފިޔަވައި ދެން ހުރި ހުރިހާ ދައުވާތަކެއް ބާތިލްކުރަން ޖެހޭ ކަމަށާއި ނިހާންގެ ބަންދުގެ މުއްދަތު ރިވިއުކޮށްދިނުމަށް އެދޭ ކަމަށެވެ.