ގަތަރު ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް: ކްރޮއޭޝިއާ 2-1 މޮރޮކޯ (ފުލްޓައިމް)

18 Dec 03:02

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފު ވެގެން ގޮސްފައިވަނީ ފޯރިގަދަ ހާފަކަށް
  • ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާއިން ރަނގަޅަށް ފަށައި ގޯލެއް ޖެހި
  • އެ ގޯލު ޖެހީ ޑިފެންޑަރު ގްވާޑިއޯލް، އޭގެ އިރުކޮޅެއް ފަހުން މޮރޮކޯ ނަތީޖާ ހަމަހަމަކުރި
  • މޮރޮކޯގެ ގޯލު ޖަހައިދިނީ ދާރީ
  • އޭގެ ފަހުން އަނެއްކާވެސް ކްރޮއޭޝިއާއިން މެޗުގެ ކޮންޓްރޯލު ހޯދައި ގޯލު ޖެހި
  • ކްރޮއޭޝިއާގެ ދެވަނަ ގޯލަކީ އޮރްސިޗް ޖެހި ގޯލެއް
  • ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދު ނަމަވެސް މޮރޮކޯއިން ފަހުކޮޅުގައި ހަމަލާތައް އުފެއްދި
  • އެން ނަސީރީއަށް ލިބުނު ދެ ފުރުސަތެއް ފެނިގެން ދިޔަ އިރު، އޭނާގެ ފުރަތަމަ ހަމަލާ މަތަކުރީ ލިވަކޮވިޗް
  • އޭގެ ފަހުން އޭނާގެ ދެވަނަ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މައްޗަށް
  • މިއީ ކްރޮއޭޝިއާއިން ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދި ތިންވަނަ ފަހަރު، 1998 ވަނަ އަހަރުވެސް ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދި
  • މިދިޔަ 2018 ވަނަ އަހަރުގެ ރަނަރަޕް ހޯދި ކްރޮއޭޝިއާއަށް އަނެއްކާވެސް މިއީ ކާމިޔާބެއް
18 Dec 02:55

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން. ކްރޮއޭޝިއާއަށް ތިންވަނަ.

18 Dec 02:54

'90+6 - މޮރޮކޯއަށް ރަނގަޅު ފުރުސަތެއް. އަތިޔަތަﷲ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެން ނަސީރީ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކްރޮއޭޝިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

18 Dec 02:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

18 Dec 02:45

'87 - ކްރޮއޭޝިއާއަށް ހުސް ފުރުސަތެއް. އޯސިޗް ދިން ބޯޅައަކުން ޕެނަްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ، މަޓިއޯ ކޮވަސިޗް ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Dec 02:34

'76 - މޮރޮކޯއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އެން ނަސީރީ ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައި.

18 Dec 02:32

'75 - މޮރޮކޯގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަޝްރަފް ހަކީމީ ނުރައްކާކުރުމުގެ ކުރިން ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ވަނީ ދިފާއުކޮށްފައި.

18 Dec 02:29

'71 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ވްލަސިޗް ފޮނުވާލި ބާރު ހަމަލާ ދިޔައީ މޮރޮކޯ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

18 Dec 02:25

'67 - މޮރޮކޯ އިން އިތުރު ބަދަލެއް. އެލް ޔަމީގްގެ ބަދަލުގައި ކުޅެން ނުކުތީ ސެލީމް އަމާލާ.

18 Dec 02:24

'66 - ކްރޮއޭޝިއާ އިން އިތުރު ދެ ބަދަލު. ލަވާޔާ އާއި މަޔާގެ ބަދަލުގައި ބްރޫނޯ ޕެޓްކޮވިޗް އާއި މާރިއޯ ޕަސަލިޗް.

18 Dec 02:22

'64 - މޮރޮކޯ އިން ބަދަލެއް. ޑާރީ އާއި ބުފާލްގެ ބަދަލުގައި ކުޅެން ނުކުތީ ބަދްރު ބެނޫން އާއި އަނަސް ޒަރޫރީ.

18 Dec 02:19

'61 - ކްރޮއޭޝިއާ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ކްރަމަރިޗްގެ ބަދަލުގައި ކުޅެން ނުކުތީ ނިކޮލާ ވްލަސިޗް.

18 Dec 02:13

'56 - މޮރޮކޯ އިން ބަދަލެއް. ބިލާލް އެލް ކަނޫސްގެ ބަދަލުގައި ކުޅެން ނުކުތީ އަޒެއްދީން އުނާހީ.

18 Dec 02:05

'47 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އޯސިޗް ފޮނުވާލި ހަމަލާ، މޮރޮކޯގެ ޑިފެންޑަރު ޖަވާދް އެލް ޔަމީގްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

18 Dec 02:03

ދެވަނަ ހާފަށް މޮރޮކޯ އިން ނުކުތީ ބަދަލަކާއެކު. ސަބީރީގެ ބަދަލުގައި ކުޅެން ނުކުތީ އިލިއާސް ޗެއާ.

18 Dec 02:02

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

18 Dec 01:53

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ހާފް ވެގެން ގޮސްފައިވަނީ ފޯރިގަދަ ހާފަކަށް
  • ފުރަތަމަ ކޮޅުގައި ކްރޮއޭޝިއާއިން ރަނގަޅަށް ފަށައި ގޯލެއް ޖެހި
  • އެ ގޯލު ޖެހީ ޑިފެންޑަރު ގްވާޑިއޯލް، އޭގެ އިރުކޮޅެއް ފަހުން މޮރޮކޯ ނަތީޖާ ހަމަހަމަކުރި
  • މޮރޮކޯގެ ގޯލު ޖަހައިދިނީ ދާރީ
  • އޭގެ ފަހުން އަނެއްކާވެސް ކްރޮއޭޝިއާއިން މެޗުގެ ކޮންޓްރޯލް ހޯދައި ގޯލު ޖެހި
  • ކްރޮއޭޝިއާގެ ދެވަނަ ގޯލަކީ އޮރްސިޗް ޖެހި ގޯލެއް
18 Dec 01:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ކުރީގައި އޮވެގެން.

18 Dec 01:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

18 Dec 01:44

'42 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފި. މާކޯ ލިވާޔާ ދިން ބޯޅަ، މިސްލާވް އޯސިޗް ވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ރީތިކޮށް މޮރޮކޯގެ ކީޕަރު ބޯނޯގެ ބޯމަތިމަތިން ފޮނުވާލާފައި. އެ ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ މޮރޮކޯ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.

18 Dec 01:37

'37 - މޮރޮކޯގެ ނުރައްކަލެއް. ޒިޔެޗް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޔޫސުފް އެން ނަސީރީ ބޮލުން ފޮނުވާލި ހަމަލާ، ކްރޮއޭޝިއާގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Dec 01:24

'24 - ކްރޮއޭޝިއާގެ ނުރައްކަލެއް. މަޔާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ހަމަލާ، ކީޕަރު ޔަސީން ބޯނީ ވަނީ މަތަކޮށްފައި.

18 Dec 01:19
18 Dec 01:18

'18 - ކްރޮއޭޝިއާއަށް ރަނގަޅު ފުރުސަތެއް. ޕެރިސިޗް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އަންދްރޭ ކްރަމަރިޗް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯގެ އަތަށް.

18 Dec 01:15

'15 - ކްރޮއޭޝިއާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޖޮސިޕް ސަޓަނިސިޗް ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.

18 Dec 01:09

'9 - މޮރޮކޯ އިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފި. ހަކީމް ޒިޔެޗް ނަގައިދިން ހިލޭ ޖެހުން، މަޔާގެ ބޮލުގައި ޖެހި ލިބުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަޝްރަފް ޑާރީ.

18 Dec 01:08

'7 - ކްރޮއޭޝިއާ އިން ގޯލެއް ޖަހައި، ލީޑު ހޯދައިފި. ހިލޭ ޖެހުމަކުން ލޮވްރޯ މަޔާ ދިން ބޯޅައަކުން އިވާން ޕެރިސިޗް ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖޮސްކޯ ގުވާޑިއޯލް.

18 Dec 01:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ކްރޮއޭޝިއާ އިން.

ގަތަރު ވޯލްޑް ކަޕްގެ ތިންވަނަ ހޮވާ، ބްރޯންޒް ފައިނަލްގައި ކްރޮއޭޝިއާއާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައިވެސް މޮރޮކޯއާއި ކްރޮއޭޝިއާ ވާދަކުރި. އެ މެޗު ގޯލެއް ނުޖެހި ވީ އެއްވަރު. ކްރޮއޭޝިއާ ތިންވަނަ ހޮވާ މެޗަށް ނުކުންނަނީ ސެމީ ފައިނަލުގައި އާޖެންޓީނާ ކައިރިން ބަލިވެގެން. އަނެއްކޮޅުން ވޯލްޑް ކަޕްގައި ތަފާތު ހައިރާންކުރުވަނިވި ދަތުރެއްގައި ކުރިއަށް ދިޔަ މޮރޮކޯއިން ތިންވަނަ ހޮވާ މެޗުގައި ނުކުންނަނީ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެން.

ދެޓީމުގެ ކޯޗުން މެޗާ ދޭތެރޭ ދެކޭ ގޮތް

ކްރޮއޭޝިއާ - ލަޓްކޯ ޑަލިޗް

"އަހަރެމެންނަށް މިއީ ބޮޑު މެޗެއް، ބޮޑު މުބާރާތެއްގެ ބޮޑު މެޗެއް. މިއީ މެޑައްޔަކަށް ނުކުންނަ ސީރިއަސް މެޗެއް. މިއީ މަހެއްވެސް ނުވަނީސް ޓީމުން ކުޅެންޖެހޭ ހަތްވަނަ މެޗު. އަހަރެމެން ވަރުބަލިވެފައި މި ތިބީ. އޭގެ ސަބަބުން ދިމާވާ އަނިޔާތައްވެސް ޓީމުގައި އެބަހުރި. އަހަރެން އަމިއްލައަށް ބުނިން ހުރިހާ ކުޅުންތެރިން ކައިރީ، އަނިޔާތައް ރިޕޯޓުކޮށް، ފިޒިކަލް ސްޓޭޓަސްވެސް ރިޕޯޓުކުރަން. އެންމެން ބޭނުންވޭ މި މެޗު ކުޅެން. އެކަމަކުވެސް ވަރަށް ސަމާލުވެގެން މި މެޗަށް ނެރޭ ކުޅުންތެރިން ނަގަން ޖެހޭނީ. އެއީ 100 ޕަސެންޓްގައި ނެތް ކުޅުންތެރިޔަކު އަރުވައިގެން ބަދަލުކުރުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫންވީމަ،"

"މޮރޮކޯއަކީ މުބާރާތުގެ ސަޕްރައިޒިން ޓީމު. އެ ޓީމުން ކޮލިޓީއާއި އެކުވެރިކަން އަދި ހިތްވަރު ދައްކައިދީފި. މޮރޮކޯއަށް މީހުން ދޭ ލޯތްބާއި ސަޕޯޓް އެ ޓީމަށް ހައްގު. މުބާރާތް ކުރިއަށްދިޔަ ވަރަކަށް މޮރޮކޯ ދިޔައީ ވަރުގަދަވަމުން. އެހެންވީމަ ފުރަތަމަ މެޗާ މި މެޗު ތަފާތުވާނެ. އަހަރެން މޮރޮކޯއަށް މަރުހަބާ ކިޔަން. މޮރޮކޯއަށް ވަރަށް އިހުތިރާމުވެސް ކުރަން. މި މެޗަކީ ދެ ޓީމަށްވެސް ފައިނަލަކަށްވާނެ،"

މޮރޮކޯ - ވަލީދު ރަކްރާކީ

"ފުރަތަމަ މެޗުގައި އަހަރެމެން ބަލިނުކުރެވުމުން ކްރޮއޭޝިއާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި. އަހަރެމެންނަކީ އޭރު ސަޕްރައިޒިން ޓީމެއް ނޫން. އެކަމަކު އެ ހިސާބުން ފެށިގެން ގޮސް އަހަރެމެން ދެ ޓީމުވެސް މިހާރު މިއޮތީ ސެމީ ކުޅެފައި. މިހާރު ކްރޮއޭޝިއާއަށްވެސް އިހުސާސްވެފައި އޮންނާނީ އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއްކަން. ފުރަތަމަ މެޗަށް ނުކުތް އިރު، ވަރަށް ބޮޑަށް ދެ ޓީމަށްވެސް ފަސްޖެހެވުނު. އެކަމަކު މި މެޗަށް ނުކުންނަ އިރު، ދެ ޓީމުވެސް މިއޮތީ މުބާރާތަށް ރަނގަޅަށް ހޭނިފައި،"

"އަހަރެމެން ހަގީގަތުގައި ބޭނުންވީ ފައިނަލުގައި ކުޅެން. އެކަމަކު ދެން އޮތީ ތިންވަނަ ހޯދުން. އަހަރެމެން ބޭނުންވަނީ އެފްރިކާގެ ޝަރަފުގައި ޕޯޑިއަމްގައި ނިންމާލަން. ވަރަށް ބޮޑަށް ވަރުބަލިކަން އެބަހުރި. އެހެންވީމަ މެޗުން މޮޅުވާން އުނދަގޫތަކެއް ހުންނާނެ. ނަމަވެސް އަދި އަހަރެމެންގެ ކުޅުންތެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ. އަހަރެމެން ޓީމު އޮތީ ތިންވަނައަށް ބޭނުވެފައި. މެޑައްޔަކަށް ބޭނުންވެފައި،"