ޓެކްނޮލޮޖީ

ޗައިނާ އައިފޯނު ފެކްޓަރީގެ ހަމަނުޖެހުމާ ހެދި އެޕަލްއަށް 6 މިލިއަން އައިފޯނުގެ ގެއްލުން

އާދަމް ނަސީރު

އެޕަލް އައިފޯނު އުފައްދާ އެންމެ ބޮޑު ފެކްޓަރީގެ ހުންނަ ޒެންގްޒޯގައި އުފެދިފައިވާ ހަލަބޮލިކަމުގެ ސަބަބުން މިއަހަރު ގާތްގަނޑަކަށް 6 މިލިއަން އައިފޯނު 14 ޕްރޯ އުފެއްދުމަށް ހުރަސް އެޅި ބޮޑު ގެއްލުމަކާ ކުރިމަތިވެއްޖެއެވެ.

މި މައްސަލަ ގޯހުން ގޯހަށް ދިޔައީ ފޯނު އެސެމްބްލް އޮޕަރޭޝަން ތަކުގައި އުޅޭ ގިނަ މުވައްޒަފުން ފެކްޓަރީ ދޫކޮށް ދިއުމާއި ގުޅިގެންނެވެ. ބައެއް ފަރާތްތަކުން ފެކްޓަރީ ދޫކޮށް ފިލާފައިވާއިރު އަނިޔާގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން އެޕަލް އައިފޯނު 14 ޕުރޯގެ ސަޕްލައިއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.

އެޕަލްގެ ގިނަ ފިހާރަތަކުން އައިފޯން 14 ޕްރޯ ލިބުމުގައި ބޮޑެތި ދަތިކަމެއް އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންވެންޓްރީގެ %35-40 ދެމެދުގެ ދަށްވުމެއް ފެންނަ ކަމަށާއި މި މައްސަލަގަނޑުގެ ތެރޭގައި އައިފޯނު ވިއްކާ އަދަދު %5 އިން %10 އަށް ދަށްވެދާނެ ކަމަށްވެސް ހަބަރުތައް ވަނީ ފެތުރިފައެވެ.

މި ބޮޑު ހަމަނުޖެހުމާއި ގުޅިގެން އެޕަލްގެ ބަހެއް ހޯދުމަށް އެދުމުން އާންމު އުސޫލުން އެޕަލް އިން އެއްވެސް ޖަވާބެއް ނުދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެޕަލް އަކީ އެ މީހުންގެ ފޯނު ތަކާއި އަދި މިފަދަ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މާގިނަ މައުލޫމާތު ފޯރުކޮށްދޭ ފަރާތެއް ނޫނެވެ. މި ހަލަބޮލިކަމުގައި ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނީގެ ގޮތުގައި ބެލެވޭ އެޕަލް ކުންފުނީގެ ހިއްސާގެ އަގު %2.9 ދަށް ވެ 143.78 ޑޮލަރަށް ވެއްޓުނެވެ.

ޗައިނާގައި "ޒީރޯ ކޯވިޑް" ސިޔާސަތުގެ ދަށުން ގެދޮރާއި ވިޔަފާރި ބަންދުކުރުމާ ގުޅިގެން ރައްޔިތުން މުޒާހަރާ ކުރަމުންދާއިރު، ބޮޑެތި ސިޓީ ތަކަށް މުޒާހަރާތައް ފެތުރި، ރައީސް ޝީ ޖިންޕިން މަގާމުން ވަކިވުމަށް ވެސް ދަނީ ގޮވާލަމުންނެވެ. "ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތުގެ ސަބަބުން މުޅި ގައުމުގައި މުޒާހަރާތައް ހިނގަމުންދާއިރު، އެޕަލްގެ އުފެއްދުންތަކަށް ދިމާވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެޕަލް އައިފޯނު އުފައްދާ ފެކްޓަރީތައް އެހެން ގައުމުތަކުގައި ހުޅުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މިހުރިހާ މައްސަލަތަކާ ހެދި އެޕަލްގެ އައިފޯނުތަކުގެ އަގުބޮޑުވުމަކީވެސް ވަރަށް ކައިރި ކަމެއްގެ ގޮތުގައި ބެލެވެއެވެ.