މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މަރިޔަމް ޝަހުދާ

ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލްތަކުގެ މުސާރައާއި އިނާޔަތް ބޮޑު ކުރުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްތަކުގެ ބާރުތައް އަލުން އިޔާދަ ކުރެއްވުމާ ގުޅިގެނެވެ. އެގޮތުން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 30،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 10،000 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައެވެ.

އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ 27،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 8000 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ 24،000 ރުފިޔާއަށް އަދި ލިވިންގް އެލަވަން 6000 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައިގެ ގޮތުގައި ލިބެނީ 15،000 އަދި ލިވިންގް އެލަވަންސަށް 3،000 ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓި މޭޔަރަށް މުސާރައަށް 12،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 10،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ލިބެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަށް ވަނީ ބަދަލު ގެނެސްފައެވެ. އޭރު ސިޓީ ކައުންސިލްގެ މެމްބަރުންނަށް ދެމުން އައި މުސާރަ ވަނީ %50 ކުޑަ ކޮށްފައެވެ. ނަމަވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިން ދެމުން އައި މުސާރަ އަލުން އިއާދަކޮށްފައި ވަނީ މަދު ބަދަލު ތަކަކާ އެކުއެވެ.