މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން. ފްރާންސް ފައިނަލަށް.
'90+4 - މޮރޮކޯގެ ނުރައްކަލެއް. އެޒަލްޒޫލީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އުނާހީ ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ފްރާންސް ޑިފެންޑަރު ޖޫލުސް ކޫންޑޭ ވަނީ ދިފާއުކޮށްފައި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.
'79 - ފްރާންސުން ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. މާކަސް ތުރާމް ދިން ބޯޅައަކުން ކިލިއާން އެމްބާޕޭ ފޮނުވާލި ހަމަލާ، އަބްދޭ އަޒަލްޒޫލީގެ ފައިގައި ޖެހި ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެންޑަލް ކޮލޯ މުއާނީ.
'79 - ފްރާންސް އިން ވެސް ބަދަލެއް. ޑެމްބެލޭގެ ބަދަލުގައި ކުޅެން ނުކުތީ ކޮލޯ މުއާނީ.
'78 - މޮރޮކޯ އިން ބަދަލެއް. އަމާލާގެ ބަދަލުގައި ކުޅެން ނުކުތީ އެޒަލްޒޫލީ.
'71 - ފްރާންސަށް ފުރުސަތެއް. ގްރީޒްމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، މާކަސް ތުރާމް ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'69 - ފްރާންސްގެ ހަމަލާއެއް. ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައި.
'66 - މޮރޮކޯ އިން ދެ ބަދަލެއް. އެން ނެސީރީ އާއި ބޫފާލްގެ ބަދަލުގައި އަބްދުއްރައްޒާގް ހަމްދުﷲ އާއި ޒަކަރިއާ އަބޫކްލާލް.
'65 - ފްރާންސް އިން ބަދަލެއް. ޖިރޫގެ ބަދަލުގައި ކުޅެން ނުކުތީ މާކަސް ތުރާމް.
'57 - މޮރޮކޯގެ އިތުރު ނުރައްކަލެއް. އޫނާހީ ދިން ބޯޅަ، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ހަކީމީއަށް ރަނގަޅަށް ކޮންޓްރޯލު ކުރެވިފައެއް ނުވޭ.
'52 - މޮރޮކޯގެ ނުރައްކަލެއް. ޔަހިއާ އަތިޔަތަﷲ ދިން ބޯޅަ، ގޯލު ކުރިމަތިން ޔޫސުފް އެން ނަސީރީއަށް ލިބުމުގެ ކުރިން ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ވަނީ ދިފާއުކޮށްފައި.
ދެވަނަ ހާފަށް މޮރޮކޯ އިން ނުކުތީ ބަދަލަކާއެކު. މަޒްރާއީގެ ބަދަލުގައި ކުޅެން ނުކުތީ ޔަހިއާ އަތިޔަތަﷲ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެން.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.
'44 - މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން އޯވަހެޑަކުން ޖަވާދް އެލް ޔަމީގް ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިއަށް.
'40 - ފްރާންސްގެ ނުރައްކަލެއް. ގްރީޒްމަން ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފައެލް ވަރާން ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'36 - ފްރާންސަށް ރަނގަޅު ދެ ފުރުސަތެއް. އޯރެލިއެން ޗުއަމެނީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކިލިއާން އެމްބާޕޭ ފޮނުވާލި ހަމަލާ، ގޯލަށް ވަންނަން ދަނިކޮށް، މޮރޮކޯ ޑިފެންޑަރު ޖަވާދް އެލް ޔާމިގް ވަނީ ދިފާއުކޮށްފައި. ރީބައުންސް ބޯޅަ ލިބުމާއެކު ޗުއަމެނީ ދިން ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން އޮލިވިއާ ޖިރޫ ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'32 - އެލް ޔާމިގް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މޮރޮކޯ ފޯވަޑް އެން ނަސީރީއަށް ލިބުމުގެ ކުރިން ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ދިފާއުކޮށްފި.
'27 - ތިއޯ ހެނާންޑޭޒަށް ކުރި ފައުލަކާ ގުޅިގެން މޮރޮކޯގެ ސޮފިއާން ބޫފާލްއަށް ރީނދޫ ކާޑެއް.
'21 - މޮރޮކޯ އިން ބަދަލެއް. އަނިޔާއަކާ ގުޅިގެން ކެޕްޓަން ރޯމަން ސައިސްގެ ބަދަލުގައި ކުޅެން ނުކުތީ ސަލީމް އަމާލާ.
'18 - ފްރާންސްގެ ނުރައްކަލެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޮލިވިއާ ޖިރޫ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޮކޯ ގޯލުގެ އަރިމަތީ ދަނޑިއަށް.
'17 - މޮރޮކޯއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ހަކީމް ޒިޔެޗް ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވޭ.
'10 - މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން އަޒެއްދީން އޫނާހީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
'5 - ފްރާންސުން ގޯލެއް ޖަހައި ލީޑު ހޯދައިފި. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ކިލިއާން އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތިއޯ ހެނާންޑޭޒް. ޕެނަލްޓީ އޭރިއާ ތެރެއިން ހެނާންޑޭޒަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.
މެޗުގެ ކުޅުން ފަށައިފި، ކިކްއޯފް ކުރީ މޮރޮކޯ އިން.
ގަތަރު ވޯލްޑް ކަޕް 2022ގެ ސެމީ ފައިނަލުގައި ފްރާންސާއި މޮރޮކޯ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
"އަހަރެމެން މިކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް. ދުނިޔޭގެ ފެންވަރުގެ އެތައް ކުޅުންތެރިންނަކާ ދެކޮޅަށް. އަދި އެހާމެ މޮޅު ކޯޗަކާވެސް ދެކޮޅަށް. އެކަމަކު ފުދިގެން ތިބެ މެޗަށް ނުކުންނަ ވިސްނުމެއް ނުގެންގުޅޭނަން. ބޭނުންވަނީ ހިތްވަރު ދައްކައި ފްރާންސްވެސް މާޔޫސްކޮށްލަން. ވޯލްޑް ކަޕް ފައިނަލަށް ދާން ނުވިސްނަންވީ ކީއްވެ؟ އެ ހުވަފެން ދެކުމަކުން ގެއްލޭނެ އެއްޗެއް ނެތް. ޓީމުން އެކަމަށް ބޭނުންވެފަ މިއޮތީ. އެކަމަކުވެސް މޮރޮކޯއަކީ ފެވަރިޓުން ނޫންކަން އަހަންނަށް އެނގޭ. އެހެންވިޔަސް ވަރަށް ކޮންފިޑެންސާއެކު މިތިބީ. އަހަރެމެން ބޭނުންވަނީ ފައިނަލް، އެއީ އެފްރިކާއާއި އަރަބި ދުނިޔޭގެވެސް ހައްގުގައި،"
"މޮރޮކޯގެ ޑިފެންސަކީ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ ޑިފެންސް. އަހަރެމެންނަށް ގޯލެއް ޖެހުމަށް މޮރޮކޯގެ ޑިފެންސް ފޫއަޅުވައިލެވެނޭ ގޮތެއް ހޯދަން ޖެހޭނެ. އެކަމަކު ސަމާލުކަން ދޭން އޮތީ މޮރޮކޯގެ ޑިފެންސަށް އެކަންޏެއް ނޫން. އެޓީމު އެހެން ހުރިހާ ގޮތަކުންވެސް ވަރަށް ވަރުގަދަ. އެހެން ނޫންނަމަ ސެމީއަކަށް ނާންނާނެ. އަހަރެންގެ ސްކޮޑުގެ ނަތީޖާއަކީއަކީވެސް ހައިރާންވާން ޖެހޭ ކަމެއް ނޫން. މި ޓީމުގެ ތަފާތު އަހަންނަށް ފެނިފައި އޮތީ، ޓީމު އެކުވެ އުޅޭ އުޅުން. ބައެއް ކުޅުންތެރިންނަކީ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޫން ނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމު އޮތީ ތަފާތު ރޫހެއްގައި. ނަތީޖާއިން ދައްކުވައިދެނީ ޓީމުގެ އެކުވުން،"