މުޙައްމަދު ޝަމްޢޫން
މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިފަހަރު 102 ޓީމަކުން ބައިވެރިވެއްޖެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023، އަންނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މިފަހަރު މުބާރާތުގައި 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދާނެއެވެ.
މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން، އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާއެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރިއާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވާ އިރު، މިފަހަރުގެ މުބާރާތުގެ ފޯމެޓަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.
އެގޮތުން ފޯމެޓަށް ގެންނަން ނިމްމާފައިވާ އެއް ބަދަލަކީ ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި ލީގު ބުރު ނިންމައި، އިތުރު ފައިނަލެއް ކުޅޭނެ ގޮތަކަށް ހެދުމެވެ. މީގެ ކުރިން އޮންނަ ގޮތުން ހަ ޓީމަށްވުރެ މަދުން ޓީމުތައް ބައިވެރިވާ އަތޮޅުތަކުގައި، އަތޮޅު ޗެމްޕިއަން ހޮވަނީ ލީގު އުސޫލުން ބަލައިގެން ނަމަވެސް، މިފަހަރު އެ އަތޮޅުތަކުގެ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެޓީމު ވަކިން ފައިނަލެއް ކުޅޭނެއެވެ. އެ އަތޮޅުން ޒޯން ބުރަށް ކޮލިފައިވާނީ ފައިނަލުން ޗެމްޕިއަންކަން ހޯދާ ޓީމެވެ.
މިފަހަރުގެ މުބާރާތުގައިވެސް ހަ ޓީމަށްވުރެ ގިނައިން ބައިވެރިވާ އަތޮޅުތަކުގައި ކުޅޭނީ ދެ ގްރޫޕަށް ޓީމުތައް ބަހާލައިގެންނެވެ. އެހެން ނަމަވެސް ފައިނަލެއްގެ ކުރިން ސެމީ ފައިނަލް ދެ މެޗެއް ކުޅޭނެ ގޮތަށް މިހާރު ވަނީ ނިންމައިފައެވެ. ކުރީގެ އޮންނަ ގޮތުން ލީގު ބުރު ނިމޭ އިރު، ދެ ގްރޫޕުގެ އެއްވަނަވެސް ޒޯނަށް ކޮލިފައިވާ އިރު، ޗެމްޕިއަން ހޮވާނީ ސީދާ ފައިނަލަކުންނެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު ލީގު ބުރުގައި ދެ ގްރޫޕުގެ އެއްވަނައާއި ދެވަނަ ކޮލިފައިވާނީ ސެމީ ފައިނަލް ދެ މެޗަކަށެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ގްރޫޕް އެކެއްގެ އެއްވަނައާއި ގްރޫޕް ދޭއްގެ ދެވަނަ ޓީމެވެ. އަނެއް ސެމީގައި ކުޅޭނީ ގްރޫޕް ދޭއްގެ އެއްވަނައާއި ގްރޫޕް އެކެއްގެ ދެވަނައެވެ.
އެ ފޯމެޓާއެކު ހަ ޓީމަށްވުރެ އިތުރަށް ޓީމުތައް ބައިވެރިވާ އަތޮޅުތަކުން ޒޯނަށް ދާނީ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމެވެ. ޗެމްޕިއަންކަން ހޮވާނީ ސެމީ ކާމިޔާބުކުރާ ދެޓީމުގެ ދެމެދުގައި ކުޅޭ ފައިނަލް މެޗުންނެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ރަށްރަށުގެ ކައުންސިލްތަކާއި ކުރީގެ މެނޭޖުމަންޓްތަކަށް ފުރުސަތު ހުޅުވާލުމަށްފަހު، ފަހުން ވަނީ މުޅި ރާއްޖެއަށް އެއްކޮށް ފުރުސަތު ހުޅުވާލައިފައެވެ. ބައިވެރިވުމަށް ބޮޑު ތަރުހީބެއް ލިބިފައިވުމާއެކު މިފަހަރުގެ މުބާރާތް ކުރިއަށްވުރެވެސް ފޯރިގަދަވާނެ ކަމުގައި ބެލެވެއެވެ. ހާއްސަކޮށް ފޯމެޓަށް އައި ބަދަލާއެކުވެސް މުބާރާތް އިތުރަށް ފޯރިގަދަވެގެން ދާނެއެވެ.
މިއަހަރު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖް މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، ސަޕޯޓަރުންގެ ފޯރި ފެނުނީ ވަރަށް ގަދަކޮށެވެ. ހާއްސަކޮށް ރަށްރަށުގައިވެސް މުބާރާތުގެ ފޯރި ނަގާފައިވާކަން ފާހަގަވެފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެފަހުން ބޭއްވި ފޯރިގަދަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތ. ތިމަރަފުއްޓެވެ. އެރަށަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރަށްވެސް މެއެވެ. 2016 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ގޯލްޑަން ފުޓްސަލް ތަށި ހޯދާފައިވާ ތިމަރަފުށިން ވަނީ މިއަހަރު ފައިނަލުގައި ކ. ގާފަރު ބަލިކޮށް ތަށި ދިފާއުކޮށްފައެވެ.
މިފަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ.