ފުރާނަދަންދެން

ފުރާނަދަންދެން -8

އާއިޝަތު ލިޔުޝާ

1

"އަހަރެންނަށް އެންމެފުރަތަމަ ފެނުނުއިރު އަޒްކީ ހީވަނީ މޫނުމަތިން ލޭދަމާލާފައި ހުރި މާކަނަލެއްހެން. އަދި ކިރިޔާއެއްނު އަންހެނަކަށް ތިވަނީ..... އޭރު ހުންނާނީ ފިލާގަނޑެއްހެން. އަޅައިގަންނާނެ ތަނެއްވެސްނެތް" ނާހިދް ބުނެލިއެވެ. ވަގުތުން ނާހިދުގެ މޭމަތީގައި އަޒްކާ ތަޅައިގަތެވެ. އޭނާގެ މޫނުމައްޗަށް ހީވީ ލޭގަނޑެއް ޖަމާވެފައިވާ ހެންނެވެ. ލަދުގަތްވަރުން ނާހިދަށް ބަލާލަންވެސް ނުކެރުނެވެ.

"އެކަމު އޭރުވެސް ވަރަށް ލޯބި. މިހާރު އަދި މާ ލޯބި....... މާޝާﷲ" ނާހިދު ބުނެލިއެވެ. އަޒްކާ ނާހިދަށް ބަލައިލިއިރު އޭނާގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އަސްލުތަ!" އަޒްކާ އިސްޖަހާލަމުން ބުނެލިއެވެ.

"އާނ... އަދި ތިގޮތަށް ލަދުން އިސްޖަހާލީމަ ހާދަ ލޯތްބޭ" ނާހިދު ބުނެލިއެވެ. ނާހިދު މަޑުމަޑުން އަޒްކާގެ ދަތްދޮޅީ ކޮޅުގައި ހިފާލުމަށްފަހު ކުޑަކޮށް އުފުލާލިއެވެ. އަޒްކާ މަޑުމަޑުން އޭނާ އެސްފިޔަތައް ހިއްލާލުމަށްފަހު ނާހިދާއި ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ. ނާހިދުގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ވަގުތުން އޭނާގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. މިއިން ދުވަހަކުވެސް ނާހިދުގެ އެ ބެލުން އޭނާއަށް ފެނިފައެއްނުވެއެވެ. މަޑުމަޑުން ދެ މޫނު ގާތްވަމުން އައިސް އެކަކު އަނެކަކު ނޭވާ އިހުސާސްވާހާ ގާތަށް އައެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުގެ ނިމުން ގެނުވީ މޭޒުމަތީގައި ބާއްވާފައި އޮތް ނާހިދު ފޯނެވެ. ދިރާގުން އެފޯނަށް އައި މެސެޖާއެކު ދެމީހުން ވަކިވިއެވެ. އަޒްކާއަށް ނާހިދު އާއި ހަތަރުކަޅި ހަމަކޮށް ބަލައިލަންވެސް ނުކެރުނެވެ. އަޒްކާގެ ރަތްވެފައިވާ ތުންފަތާއި އެއްވަރަށް ކޯތާފަތަށް ޖަމާވެފައިވާ ޖަންބުކުލަ ފެނުމާއެކު ނާހިދަށް ހެވުނެވެ. ގޮނޑިން ތެދުވެ އަޒްކާ ދުއްވައިގަތެވެ. އަޒްކާ ދިޔަ ދިމާލަށް ބަލަން އިން ނާހިދު ހީލަމުން އެއްއަތުން އޭނާގެ ތުންފަތް ކައިރި ފޮހެލިއެވެ. އަދި ދުވަމުން ސިޑިން އަރައިގެންދިޔަ އަޒްކާއަށް ފްލައިން ކިސްއެއް ފޮނުވާލިއެވެ. އޭނާގެ ހިތަށް ވަނީ މިއިން ދުވަހަކުވެސް ނުލިބޭވަރަށް އުފަލާއި ހިތްހަމަޖެހުން ލިބިފައެވެ. އެލޯބި ހާޞިލްކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ.

***********************************

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަށް ވުމާއެކު އަޒްކާވެސް އަދި ނާހިދުވެސް ގޭގައި އުޅުނެވެ. މެންދުރުގެ ކެއްކުމަށް އަޒްކާ ބަދިގެއަށް ވަތް ވަގުތު ނާހިދު އެރީ އޭނާގެ ކުރިމައްޗަށެވެ. ވަގުތުން އަޒްކާ އިސް އޮބާލިއެވެ. ރޭގެ ހާދިސާއަށްފަހު އޭނާ ހުރީ ނާހިދު ކުރިމައްޗަށް ނާރަން ނިންމައިގެންނެވެ.

"ތެންކިޔު" ނާހިދު ބުނެލިއެވެ.

"ފޯރ ވަޓް" އަޒްކާ މަޑުމަޑުން ބުނެލިއެވެ. އޭނާ މަސައްކަތްކުރީ ނާހިދާއި ހަތަރުކަޅި ހަމަނުކުރުމަށެވެ.

"ލާސްޓް ނައިޓް.... ކިސް...." ނާހިދު ބުނެލިއެވެ. އެދިމާލަށް މީކާ އަންނަތަން ފެނުމުން އަޒްކާއަށް އެއްޗެއް ނުބުނެވެނީސް ނާހިދު ޖެހުނީ އެތަނުން ދާށެވެ. އަޒްކާ ހީލަމުން ބަދިގެއަށް ވަނެވެ. އޭނާ ކެއްކުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާއިރު އަބަދުވެސް ހުރެވުނީ ހިނިތުން ވެލައިގެންނެވެ.

"މީކާ! އައިމް ސޯ ހެޕީ. މިހާރު އެބަހީވޭ އަހަރެންނަށް އެލޯބި ލިބިދާނެހެން" އޭނާއާއި ދާދި ގާތުގައި ހުރި މީކާއަށް އަޒްކާ ބުނެލިއެވެ.

"މީކާވެސް ވަރަށް އުފާވަނީ ކޮއްކޮ އުފަލުން ހުންނާތީ. ގޯޑް ބްލެސް ޔޫ" މީކާ ބުނެލިއެވެ. އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމުގައި ގަޔާވެގެން ބަދިގޭ މަސައްކަތްތަކެއް ކުރަމުން ދިޔައިރު ބޯމަތިވެފައިވާ ވިއްސާރަ ވިލާގަނޑުގެ ހިލަމެއްވެސް ނުވެއެވެ. އެ އުފާވެރިކަމަކީ ހިނދުކޮޅެއްގެ ކަމެއްކަން އޭނާގެ ހިތަށް ނިޔަތަށްވެސް ނާރައެވެ. އިންސާނުން ކިތަންމެ ވަރުގަދަ ރޭވުން ރާވަމުން ދިޔަސް އެމީހެއްގެ ތަޤްދީރުގައި ލިޔެފައިވާ ވާހަކަތައް އެއްވެސް އިންސާނަކަށް ބަދަލުކޮށެއް ނުލެވޭނެއެވެ. އިންސާނާ ދުނިޔެއަށް އައުމުގެ އެތައް ޤަރުނެއް ކުރިން އިންސާނާގެ ތަޤްދީރު އެކަލާނގެ ވަނީ ލިޔުއްވާފައެވެ.

***********************************

ކޮފީތަކަށް އެކުވެރިން ދިން ދަޢުވަތު ނާހިދު ޤަބޫލުނުކުރިއެވެ. އަޒްކާ އެކަނި ގޭގައި ބަހައްޓާފައި ދާން އެއްގޮތަކަށްވެސް އޭނާ ހިތް އެއްބަހެއް ނުވިއެވެ. އޭނާ ތައްޔާރުވަމުން ދަނީ އަޒްކާއަށް ލޯބި ހުށައަޅާނެ މޮޅު ގޮތަކާއި މެދުގައެވެ. ފޭސްބުކުން ފެނުނު ކޭކް އަޅާ މީހަކު ހިންގާ ޕޭޖު ހާވާލި އިރު އެމީހާ ވީ އެކި މުނާސަބުތަކަށް ކޭކް އަޅައިދޭ މީހަކަށެވެ. އޭގައިވާ ފޯން ނަންބަރ ނަގައިގެން އޭނާ ޗޮކްލެޓް ކޭކަކަށް އޯޑަރ ދިނެވެ. އެރެއިން އެރެއަށް ބޭނުންވުމުން އިތުރަށް ލާރި ދައްކަންވެސް ޖެހުނެވެ. މިރޭ އަޒްކާ އޭނާގެ ހަޔާތަށް ގެންނަން ނިންމައިގެން ހުރެ ގޭ ޓެރަސްމަތި ތައްޔާރުކުރަމުން ދިޔައެވެ. އެކަމުގައި އޭނާގެ އެކުވެރި އިމްރާންވެސް ބައިވެރިވަމުން ދިޔައެވެ. އަޒްކާއަށް އަންގާވެސް ނުލާ އޭނާ އެކަމަށް ބޭނުންވާ އެތައް ސާމާނެއް ގަނެގެން އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ކޮޓަރިން ނިކުތީ އަޒްކާގެ ހަބަރެއް ނުވެ ގިނައިރު ވުމުންނެވެ. އޭރު ގަޑިން އިރުއޮށްސެން ހުރީ ކުޑަ ވަގުތުކޮޅެކެވެ. ސިޓިންގރޫމް ސޯފާގައި އިށީނުމަށްފަހު އޭނާ ޓީވީ ހުޅުވާލިއެވެ. މީކާ ސައިބޯން އަންނަން އެދުމުން އޭނާ ދެކޮޅުހެދިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އަޒްކާގެ ނަންބަރަށް ގުޅާލިއެވެ. ފޯނަށް ޖަވާބުނުދިނެވެ. އޭނާ ތެދުވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތްތަނާ އަޒްކާ އަންނަތަން ފެނުމުން ހުއްޓުނެވެ. ކަނޑު ނޫކުލައިގެ ޑިޒައިން ޖެހި ދިގު މިޑީ ހެދުމުގައި އަޒްކާ ވަރަށް ޗާލެވެ. އިސްތަށިގަނޑު ހުރީ ފަހަތަށް ދޫކޮށްލާފައެވެ. ނާހިދު ބަލަން ހުރިކަން އެނގުމުން އޭނާ ސިޑިން ފޭބީ ވަރަށް ވިސްނައިގެންނެވެ. އޭނާގެ ދެފައި އޮޅިދާނެތީއެވެ. އެ ބެލުމުން އަންހެންކުއްޖެއް ވިއްޔާ މޮޔަވެދާނެއެވެ. ނާހިދުގެ ލޯތްބަށްޓަކައި އޭނާގެ މޭތެރޭގައިވާ ޅަ ހިތް އެދަނީ މޮޔަވަމުންނެވެ.

"ސައިބުއީތަ؟" ނާހިދާއި އަރާ ހަމަވެފައި އަޒްކާ ވާހަކަދެއްކިއެވެ. ނާހިދުގެ ނަޒަރު އަޒްކާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް ނުނެއްޓެއެވެ.

"ސާބަސް..." ރަކިވީވަރުން އަޒްކާއަށް ބުނެވުނެވެ. ނާހިދުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

"ބިޔުޓިފުލް..." ނާހިދަށް ބުނެވުނީ އެވަރަށެވެ. އޭނާ ހަމަބިމަށް އާދެވުނީ އަޒްކާ އޭނާގެ އަތުގައި ވިކާލުމުންނެވެ.

"އަހަރެންގެ މޫނުން ކޯޗެއް ފެންނާތީ ތިވަރަށް ތިބަލަނީ" އަޒްކާ ބުނެލިއެވެ. ރަކިވިޔަސް އެކަން އަންގަން އަޒްކާ ބޭނުމެއް ނުވިއެވެ.

"އަހަރެން ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ތިމޫނުން އަހަރެންނަށް އެބަފެނޭ. އަހަރެންގެ ހިތް އެދެމުންދާ ލޯބި ތިދެލޮލުން އަހަރެންނަށް އެބަފެނޭ. ބޭނުމީ ތިދެލޮލުގެ ފުންމިން ނޭނގޭ ކަނޑަށް ޤަރަޤުވާން. އަޒްކީ ނިކަން އަހަރެން ހައްޔަރުކޮށްބަލަ. ތިހިތު ތެރޭގައި ދާއިމަށް.... މުއްދަތެއްނެތް ގޮތަށް އަހަރެން އަރުވާލަބަލަ" އެހުރިހާ ވާހަކަތަކެއްވީ ނާހިދުގެ ހިތު ތެރޭގައެވެ.

"ސާބަހޭ...." ނާހިދު ޖަވާބެއް ނުދިނުމުން އަޒްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ކީކޭ އެއްޗެއް ބުނިންތަ؟" ނާހިދު އަހާލިއެވެ.

"ކޮން ދުނިޔެއެއްގަ. އަހަރެން އެހީ ސައިބޮއެފިންހޭ..." އަޒްކާ ވާހަކަދެއްކިއެވެ.

"އާނ... ނޫން ނުބޮން...." ނާހިދު ޖަވާބުދިނެވެ.

"ހިނގާ ސައިބޯން" އަޒްކާ އެދުނެވެ. ނާހިދު އަޒްކާ ފަހަތުން ހިނގައިގަތެވެ.

ބަދިގެއަށް ވަދެ މޭޒު މައްޗަށް އަޒްކާ ސައިހަދަން ފެށުމުން ނާހިދު ގޮނޑީގައި އިށީނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަޒްކާއަށެވެ. އަޒްކާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތަށް ހިތްހަމަޖެހުން ގެނުވައެވެ.

"ވަރަށް ރީތި ހެދުމެއް. ކާކު ގިފްޓް ކުރި ހެދުމެއްތީ. ކުރިން ނުލާ" އަޒްކާ އިށީނުމުން ނާހިދު ބުނެލިއެވެ.

"އިނާއްތަ....އައި މީން މަންމަ..." އަޒްކާ ލަދުން އިނދެ ބުނެލިއެވެ.

"ވަރަށް ރީތި. ވަރަށް ލޯބި. އަޒްކީއާއި ވަރަށް ގުޅޭ....." އެތެރެއަށް ވަދެގެން އައި އިމްރާން ފެނި އަޒްކާ ހިމޭންވިއެވެ. އޭނާ އަދިވެސް ނާހިދު ނޫނީ އެހެން ފިރިހެނުންނާއި ވާހަކަދައްކާ ނަހަދައެވެ. އޭނާއަށް އެނޫން ފިރިހެނަކަށް ބަލާލަންވެސް އުނދަގުލެވެ.

"ކިހިނެއްވީ ހިމޭންވީ؟" ނާހިދު ބުނެލިއެވެ. އޭރު އިމްރާން އެހިސާބާއި އަރާ ހަމަވަނީއެވެ.

"އިންމަ ކަލޭތަ؟ އާދޭ އާދޭ....." އިމްރާން ގޮނޑީގައި އިށީންނަމުން އިސް އޮބާލައިގެން އިން އަޒްކާއަށް ބަލާލިއެވެ. އޭނާ ކަނާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލީގެ ކޮޅު ޖައްސާލަމުން އިޝާރާތުން ޕާރފެކްޓް މެޗްއޭ ބުނެލިއެވެ.

"އަޒްކީ! މިއީ އިންމަ އިނގޭ. މައި ބެސްޓް ފްރެންޑް.." އަޒްކާ އިސްއުފުލާ ނާހިދަށް ބަލާލަމުން ހީލިއެވެ. އަދި އިމްރާނަށް ހިނިތުންވުމެއް ދިނެވެ. އިތުރު ބަހެއް ބުނަން އޭނާއަށް ނުކެރުނެވެ.

"މިއަންނަނީ އިނގޭ..." އަޒްކާ ދުރަށް ޖެހިލިއެވެ. ނާހިދާއި އިމްރާން އެކަކު އަނެކަކަށް ބަލާލާފައި ހީލިއެވެ.

"ވަރަށް ލަދުން ދޯ އިންނަނީ..." އިމްރާން ބުނެލިއެވެ.

"ލަދުގަންނާނެއްނު. ކަލޭ ތިއައީ އެންމެ ނުބައި ގަޑިއަށް" ކުރިމަތީގައި ހުރި ފެންތަށިން ކޯވަރެއް ބޯލަމުން ނާހިދު ބުނެލިއެވެ.

"ހެހެހެ... ދާންވިދޯ... މަށެއް ނެތިން ލަވް ބާރޑްސްއަށް އުނދަގުކުރާކަށް. ތަން ރެޑީ އިނގޭ. މަ ދަނީ ދެން. މަންމަ ޑްރޮޕް ކޮށްލަން މިދަނީ އޮފީހަށް.... ގުޑް ލަކް މޭން...." ނާހިދުގެ ކޮނޑުގައި ޖަހާލަމުން އިމްރާން ވާހަކަދެއްކިއެވެ.

"އޯކޭ... ވިލް މީޓް ޔޫ ފަހުން. އަޒްކީ ހުންނާނީ ސުވާލު އުފެދިފަ. އަދި ދުވަހަކުވެސް މަގޭ ރައްޓިއްސެއް ތިނޫނީ މިގެއިން އެ މަންޖެއަށް ނުފެންނާނެ" އިމްރާން ގައިގައި ކުޑަކޮށް ބައްދާލަމުން ނާހިދު ބުނެލިއެވެ.

***********************************

އިމްރާން ދިޔަތާ ދިހަ ވަރަކަށް މިނިޓް ފާއިތުވެ ދިޔައިރުވެސް ބަދިގެއަށް ވަދެގެން ދިޔަ އަޒްކާގެ ހަބަރެއް ނުވިއެވެ. އޭނާ ތެދުވެގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ބަގީޗާ ފެންނަ ގޮތަށް ހުޅުވާލާފައިވާ ކުޑަދޮރު ކައިރީގައި އަޒްކާ ހުރިތަން ފެނުމުން ނާހިދު ގާތްވެލިއެވެ. އަޒްކާ ބަލާލުމާއެކު އޭނާ ލޮލުން އިޝާރާތެއް ކޮށްލިއެވެ.

"ކިހިނެއްވީ މިތާ" ނާހިދު އަހާލިއެވެ.

"ނާހިދް ފްރެންޑާއެކު ވަގުތުކޮޅެއް ދޭންވެގެން" އަޒްކާ ބުނެލިއެވެ.

"ސީރިޔަސްކޮށް މިއަދު ވަރަށް ތަފާތު. މިއީ މަށަށް ހީވާ ގޮތްތަ؟ ނޫނީ އަސްލުތަ؟" އަޒްކާ ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ނާހިދުގެ މޫނަށް ބަލާލިއެވެ. އަދި ހަމަ އެހާ މަޑުމަޑުން އިސްއޮބާލިއެވެ. އަޒްކާގެ އެ އަދާއިން ނާހިދުގެ ހިތް ލޯބިން ފުރުނެވެ. އޭނާ ހިތާއި ދިމާލުން މޭގައި ފިރުމާލިއެވެ. އޭނާ މޮޔަވަނީއެވެ. ކޮންފަދަ އިހުސާސެއް ހެއްޔެވެ؟ އަޒްކާގެ އުނަގަނޑުގައި މަޑުމަޑުން އަތް ވަށާލީ އޭނާގެ އިހްތިޔާރުން ބޭރުގައެވެ. އުމުރުގައިވެސް އޭނާ މިފަދަ އިހުސާސެއް ކުރެވޭ މިއީ ފުރަތަމަ ފަހަރެވެ.

"މީކާ އައިސްދާނެ" އަޒްކާ ލަދުން ހުރެ ބުނެލިއެވެ.

"އަންނަ ބޭނުންވާ މީހަކު އަޔަދީ..." މަސްތުން ފުރިގެންވީ އަޑަކުން ނާހިދު ބުނެލިއެވެ. އަޒްކާ ދިޔައީ ނާހިދުގެ އަތު ތެރެއިން ނިކުންނަން މަސައްކަތް ކުރަމުންނެވެ.

"މީކާ ނޫނީ އިމްރާންމެންގެ މީހަކަށް ފެނިދާނެ" އަނެއްކާވެސް އަޒްކާ ބުނެލިއެވެ.

"ބަލަން ބޭނުންވާ މީހަކަށް ފެނުނަދީ..." ނާހިދު ބުނެލިއެވެ. އޭނާ އަޒްކާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ. އަޒްކާ ދައްކާ އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވޭ ކަހަލައެވެ.

"ނާހިދު..." މަޑުމަޑުން އަޒްކާ ގޮވާލިއެވެ.

"އަޒްކީ... މަށަށް ކިހިނެއްތަ މިވަނީ....." އަޒްކާގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު މޫނުގެ ދެފަރާތުގައި ހިފާ އުފުލާލަމުން ނާހިދު ވާހަކަދެއްކިއެވެ. އަޒްކާ މަޑުމަޑުން އެސްފިޔަތައް އުފުލާލަމުން ނާހިދާއި ހަތަރުކަޅި ހަމަކުރިއެވެ.

"ބުނެބަލަ.....؟ އަޒްކީ މަށަށް ކީތްކުރީ..؟ ކޮބާތަ ކުރީގެ ނާހިދު؟" އަޒްކާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ނާހިދު އަހާލިއެވެ.

"ބުނަންވީތަ؟" އަޒްކާ އަހާލިއެވެ. ނާހިދު ބޯޖަހާލިއެވެ.

"ތިހުރީ މޮޔަވެފަ.....ހެހެހެ......" ނާހިދުގެ އަތުން ވީއްލިގަނެގެން ދުރަށް ޖެހިލަމުން އަޒްކާ ބުނެލިއެވެ. ހީލަމުން ނާހިދު އަޒްކާ އަތުގައި ހިފަން އުޅުނެވެ. އަޒްކާ ރެކިގަންނަން ކުރި މަސައްކަތްވީ ބޭކާރެވެ. ނާހިދު އެއްލި އަތުން އަޒްކާގެ އަތުގައި ހިފިއެވެ. ދަމައިގަތުމާއެކު އަޒްކާގެ ބުރަކަށި ތަތްވީ ނާހިދުގެ މޭގައެވެ. އަޒްކާގެ ހައްޔަރުވެފައި އޮތް އަތާއެކު ނާހިދު އޭނާ ހައްޔަރުކޮށްލިއެވެ. އަޒްކާއަށް ގުޑިވެސް ނުލެވޭ ވަރަށެވެ. އޭނާ މަޑުމަޑުން އަޒްކާގެ ކަންފަތާއި ގާތްވެލިއެވެ. އަދި އަޒްކާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އެދިމާލުން ކަންފަތް ހާކޮށްލިއެވެ. އަޒްކާގެ ކަންފަތާއި އަނގަ ކައިރިކޮށްލުމަށްފަހު ފުމެލިއެވެ. އަޒްކާގެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔުމާއެކު އިވުނު ލުއިލުއި ހީލުމުގެ އަޑު ނާހިދަށް އިވިގެން ދިޔައީ ހިތްގައިމު މިޔުޒިކެއް ފަދައިންނެވެ.

"މިރޭ.... ޓެންގަ. ޓެރަސްއަށް އައިސްދެއްޗެ. އަޒްކީގެ ރޫމުގަ މިހާރު އިންނާނެ ގިފްޓެއް. އޭގައި ހުރި އެއްޗެހި ބޭނުންކޮށްގެން އަންނާނީ. ޕްލީޒް އިނގޭ" އަޒްކާގެ ކަންފަތް ދަށުގައި ނާހިދު ބުނެލިއެވެ.

"ވައި؟" އެދަނޑިވަޅުގައި އަޒްކާ ކޮށްލީ ސުވާލެކެވެ.

"ކީއްވެތަ އަޒްކީ އެހާ ސުވާލު ގިނައީ..." ނާހިދު ސިއްރުން އަހާލިއެވެ.

"ނޭނގެ.... ހެހެހެ......" ނާހިދު ނުވިސްނާ ހުރި ވަގުތު އަޒްކާ ލޫދިގަތެވެ. އަދި ނާހިދަށް ދޫނެރިލިއެވެ. ހެމުން އަޒްކާ ދުވެފައި ދިޔަ މަންޒަރު ބަލަން ނާހިދު ހުރީ ހިނިއައިއްސައެވެ.

***********************************

ކޮޓަރިއަށް ވަތް ގޮތަށް އަޒްކާ އެތެރެއިން ތަޅުލި އެވެ. ނާހިދުގެ ބީހުންތައް ހިތަށް އެރުމާއެކު ހީލަމުން ދެއަތް ތިލައިން މޫނު ފޮރުވާލިއެވެ. އޭނާ ދުވެލާފައި ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ އުނގަނޑު މަތިން ނާހިދު އަތް އަޅުވާލި ހިސާބުގައި ފިރުމާލިއެވެ.

"މިރޭ ޓެން ގަ. އަނެއްކާ ކޮންކަމެއްބާ އޮތީ...." އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދައްކާލިއެވެ. ކުއްލިއަކަށް އޭނާ މުޅި ކޮޓަރިތެރެ ހޯދާލިއެވެ. އެނދުމަތީގައި ސިލްވަރ ކުލައިގެ ޕާރުސަލް ކަރުދާހުން ބަންދުކޮށްފައި ހުރި ހަދިޔާ އޭނާއަށް ފެނުމުން އެދިމާލަށް ހިނގައިގަތެވެ. އެނދުމަތީގައި އިށީނުމަށްފަހު އޭތި ނަގާ އުނގަށްލިއެވެ. 'ޓު: އަޒްކީ' ޖަހާލާފައި ޕާރުސަލް މަތީގައި ކަރުދާސްކޮޅެއް ތަތްކޮށްލާފައި އިނެވެ. އަދި އޭނާއަށް ދައުވަތުދީ އިނގިރޭސި ބަހުން އިބާރާތްކޮޅެއް ލިޔެލާފައި އިނެވެ. އޭނާ ޕާރުސަލް ކަނޑާލިއެވެ. އޭގައި އިން ރަތްކުލައިގެ ހެދުން ނަގާ ފަތުރާލިއެވެ. މާ ގޮތް ބޮޑު ހެދުމެއްނޫނެވެ. ކުޑަ އަތްކޮޅަކާއި މޭމަތިން ހަމަ އެކުލައިގެ މިނާތަކެއް ހަރުކޮށްފައި ހުއްޓެވެ. ބާކީ ހުރިހާ ބައެއް ވަނީ ލޭސްފޮތިންނެވެ. ފަހަތުން އުނގަނޑުމަތިން ބޮޑު ޓައީއެއް ހަރުކޮށްފައި އިނެވެ. އޭނާގެ ކަކުލާއި ހަމައަށް އަންނަ ވަރުގެ ހެދުމެކެވެ. އޭނާ ލޯގަނޑު ކުރިމަތީގައި ހުއްޓިލުމަށްފަހު ގައިގައި ހެދުން ޖައްސާލަމުން ހިނިތުންވެލިއެވެ. އަލުން އެނދުގައި ހެދުން ބޭއްވުމަށްފަހު ޕެކްކޮށްފައި ހުރި އެހެން ފޮށިތައް ކަނޑާލިއެވެ. އެކަތީގައި އިނީ މަޑު ރަތްކުލައެއްގެ ތިރި ބޫޓެކެވެ. އަޒްކާ އޭނާގެ މޭގައި ބޫޓް ޖައްސާލިއެވެ. ބާކީހުރި ޕާރުސަލްތައް ކަނޑާލިއިރު ހުރީ ބޮލުގައި ޖަހަން ބޭނުންކުރާ ތަފާތު ބޭންޑްތަކާއި ދަތިތަކެވެ. އެހުރިހާ އެއްޗިއްސާއި އެނާ ގަޔާވިއެވެ. އެސަކަރާތުގައި އުޅެނިކޮށް އޭނާއަށް ހޭވެރިކަމެއްވީ އިޝާނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. މަޣްރިބް ނަމާދު ފާއިތުވިއިރުވެސް އޭނާއަށް ރޭކާނުލިއެވެ. އެހެންކަމުން ހުރިހާ އެއްޗެއް ދޫކޮށްލުމަށްފަހު އޭނާ އަވަސްވެގަތީ އަވަހަށް ނަމާދުކުރުމަށެވެ.

އިޝާނަމާދުކޮށް ނިމިގެން މުސައްލަ އޮޅާލިތަނާ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. މުސައްލަ އޭގެ ޖާގައިގައި ބާއްވާފައި އޭނާ ފޯނު ނަގާ ބަލާލިއެވެ.

"ނުކައި ހުންނައްޗެ..... އެކަމު ފެއިންޓް ވަންދެން ނުހުންނާތި" ނާހިދުގެ އެ ސަމާސާ މެސެޖް ކިޔާލާފައި އޭނާ ހީލިއެވެ. ރިޕްލައިއެއް ނުދެވިގެން އުޅެނިކޮށް ދެވަނަ މެސެޖް ލިބުނެވެ.

"ބޭރަށް ނިކުމެލަނީމި. މީކާ އެބައުޅެއެއްނު ދޯ. ބީ ކެއަރފުލް އިނގޭ. ވިލް ބީ ބެކް ސޫން" އަޒްކާ ރިޕްލައި ކޮށްލީ ހަމައެކަނި ސްޓިކާއަކުންނެވެ.

ނާހިދުން ދިން ދަޢުވަތު ޤަބޫލުކޮށް އޭނާ ތައްޔާރުވާން ފެށިއެވެ. މިރޭ މިއީ އޭނާގެ ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހޭނެ ރެއެވެ. މިރެއަށް އޭނާ ކިހާ އިންތިޒާރެއް ކޮށްފިހެއްޔެވެ؟ ނާހިދުގެ ހަޔާތުން މިރޭ އޭނާއަށް ޖާގަލިބޭނެ ކަމުގައި އޭނާ ހުރީ އުންމީދު ކޮށްގެންނެވެ. އޭނާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލާ ނުދެއެވެ. އަބަދުވެސް ހުރެވެނީ އަނގައިން ކޮންމެސް ލޯބީގެ ލަވައެއްގެ ރާގު އަޅުވާލެވިފައެވެ. އޭނާއަށް ހީވަނީ މުޅި ސަރަހައްދުން ވަށައިގެން ނާހިދު ފެންނަހެންނެވެ. ކަންފަތުގައި ނާހިދުގެ ލޯބި އަޑު ހުންނަނީ ހަރުލާފައެވެ. އޭނާއަށް ހިތުގައިވާ ލޯބި ހާޞިލްވާން އުޅޭ ކަމުގެ ފެހި ސިގްނަލްތައް ލިބެމުންދާއިރު އޭނާގެ އެ އިންތިޒާރުގެ ނިމުން އަންނާނެ ގޮތާއި މެދު ވިސްނާވެސް ނުލައެވެ.

ފެންވަރައިގެން ނިކުމެ އިސްތަށިގަނޑު ހިއްކަން އުޅުނު ވަގުތު ފޯން ރިންގުވާން ފެށިއެވެ. ބަލައިލިއިރު ޑިސްޕްލޭއަށް އަރާ އިނީ ނަތާޝާގެ ނަމެވެ. އޭނާ ފޯނު ކަންފަތުގައި ޖަހަމުން އެނދުގައި އިށީނެވެ.

"ނަތާ! އައިމް ސޯ ހެޕީ ޓުޑޭ..." ނަތާޝާ ވާހަކަދެއްކުމުގެ ކުރިން އަޒްކާ ވާހަކަދެއްކިއެވެ.

"އަޒްކީ! މިގެއަށް އާދެވޭނެތަ....؟" ބަދަލުގައި ނަތާޝާ ބުނެލިއެވެ.

"މިގަޑީގަތަ. އަޅެ ނޯ އޭ ބުނެވޭނީ ނަތާ. ސޮރީ ޑާލިންގ.... މިއުޅެނީ ނާހިދާއެކު ޑޭޓަކަށް ދާން. މިހާރު ނައިން އެވަނީ. ރެޑީ ވަނީ މި. ވިލް މީޓް ޔޫ ޓުމޯރޯ. އިންޝާﷲ..." ދެރަވެފައި އަޒްކާ ބުނެލިއެވެ.

"އިޓްސް އަރޖެންޓް އަޒްކީ" ނަތާޝާގެ އަޑުގައިވީ ސީރިޔަސްކަން ފާހަގަވުމާއެކު އަޒްކާ ހިމޭންވިއެވެ.

"އިޒް އެވްރީތިންގް އޯލްރައިޓް؟" މަޑުމަޑުން އަޒްކާ އަހާލިއެވެ.

"ޕްލީޒް. ކަމް އޭސް ސޫން އޭސް ޕޮސިބަލް" ނަތާޝާ ބުނެލީ އެވަރަށެވެ. އޭނާ ފޯނު ކަނޑާލުމާއެކު ނަތާޝާގެ ގެއަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ. ޔަޤީނެވެ. ބޮޑު ކަމެއް ނުވާނަމަ ނަތާޝާ އެގޮތަށް އޭނާގެ އުފަލުގައި ބައިވެރިނުވެ އެގެއަށް އައުމަށް ނުބުނާނެއެވެ. އަވަސް އަރުވާލާފައި ހުރިވަރުން އޭނާ ތަނަކަށްދާ ވާހަކަ ނާހިދް ކައިރީގައި ބުނަން ހަނދާންނެތުނެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެގެއަށް ގޮސްފައި ވަގުތު ފާއިތުނުވަނީސް އެނބުރި ނާހިދް ކައިރިއަށް އައުމެވެ. ނާހިދުގެ އުންމީދުތަކުގައި ކޮޅުފައިން ޖަހަން ފަހަރެއްގައިވެސް އޭނާ ބޭނުމެއްނުވެއެވެ.

***********************************

ބައެއް ހާލަތްތަކުގައި މާލޭގެ މަގުތަކުން ޓެކްސީ ހޯދުމަކީ ފަސޭހަކަމެއް ކަމުގައި ވިޔަސް އަޒްކާއަށް ޓެކްސީއެއް ނުލިބުނެވެ. އޭނާ އެތައް ސެންޓަރތަކަށް ގުޅައިފިއެވެ. ބައެއް ތަންތަން ބިޒީވެފައި ގުޅުނު ސެންޓަރ ތަކުން ނަންބަރެއް ލިބޭ ގޮތެއް ނުވިއެވެ. އޭނާ އަތް ނަގައިގެންވެސް އެތައް މަސައްކަތެއް ކުރިއެވެ. އޭނާއަށް ޓެކްސީއެއް ލިބުނީ ނުވަގަޑި ބައިވެ ދިހައެއް ޖެހުމާއި ދާދި ގާތްވެފައި ވަނިކޮށެވެ. ލަސްނުކޮށް ނަތާޝާގެ އެޑްރެހަށް ގެންގޮސްދިނުމަށް އޭނާ ޑްރައިވަ ކައިރީގައި އެދުނެވެ. އެމަގަށް އެޅިއިރު ގޭ ދޮރުމަތީގައި ނަތާޝާ ހުއްޓެވެ. ޑްރައިވަރއަށް ފައިސާ ދީފައި އަޒްކާ ފޭބުމާއެކު ނަތާޝާ އައިސް އަޒްކާގެ އަތުގައި ހިފިއެވެ.

"ވަޓްސް ރޯންގް؟" އަޒްކާ ޙައިރާންކަމާއެކު އަހާލިއެވެ. ނަތާޝާ ބޯޖަހާލަމުން އަޒްކާ ގޮވައިގެން އެތެރެއަށް ވަނެވެ.

ވަދެގެން ގޮސް ސިޑިން އަރަން އުޅުނު ވަގުތު ނަތާޝާގެ ބޮޑުދައިތައާއި އެކުގައި ނިކުމެގެން އައި އަންހެނެއްގެ ނަޒަރުގައި އަޒްކާ އަޅައިގަތެވެ. އެމީހާގެ މޫނަށް އޭނާއަށް ބަލަން ހުރެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަޒްކާ ސިޑިން އަރައިގެން ނިވައިވަންދެން އެމީހާ ހުރީ ބަލަހައްޓައިގެންނެވެ.

"ކާކުތަ އެއީ؟" އަޒްކާ އަހާލީ ނަތާޝާ ކައިރިންނެވެ.

"އެއީ އާންޓްގެ ޒަމާންވީ އެކުވެރިއެއް. ބަލިމީހެއް. ވަރަށް ގިނަދުވަހު ގުރައިދޫ މަރުކަޒުގަ ބަހައްޓާފައި ހުރީ. މިހާރު އެހެރީ ގެނެސްފަ" ވާހަކަދައްކަމުން އަޒްކާ ގޮވައިގެން ނަތާޝާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ނަތާޝާގެ މަންމަ ނުޝައިބާ އެކޮޓަރީގައި އިނެވެ. އެއްފަހަރު ނުޝައިބާގެ މޫނަށް އަނެއްފަހަރު ނަތާޝާގެ މޫނަށް އަޒްކާ ބަލަންހުރީ ވަމުންދާ ގޮތް ނޭނގިފައެވެ.

"ދަރިފުޅާ ކޮޓަރި ތަޅުލާބަލަ" ނުޝައިބާގެ އަމުރަށް ނަތާޝާ އެކޮޓަރި ތަޅުލިއެވެ.

"އަޒްކާ ދޯ! ކީއްވެ ކޮޅަށް ތިހުރީ. އާދޭ އިށީންނަން" އޯގާތެރި ހިނިތުންވުމަކާއެކު ނުޝައިބާ ބުނެލިއެވެ. އަޒްކާ އެނދުގައި އިށީނުމުން ނުޝައިބާ ކައިރިވެލިއެވެ.

"ތިއީ އަދި އުމުރުން ވަރަށް ޅަ ކުއްޖެއް. ޓެސްޓްގެ ނަތީޖާ އަހަރެން ބަލައިފިން. އެއްޗެއް ބުނުމުގެ ކުރިން އަންހެނުންގެ ޙާއްސަ ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަރެން ކަމެއް ޔަޤީންކޮށްލަން ބޭނުން. އޮށޯވެލާބަލަ" ވާނުވާ ނޭނގިފައި އިން އަޒްކާ ދިޔައީ ނުޝައިބާ ބުނިހާ ކަމެއް ކުރަމުންނެވެ. ނުޝައިބާ ކުރިހާ ސުވާލަކަށް ޖަވާބުދެމުންނެވެ.

"ޓެސްޓްގެ ނަތީޖާގައި އެއްވެސް މައްސަލައެއްނޫޅޭ. އަހަންނަށް ޔަޤީންވެއްޖެ. ވަރަށް ދެރަވެސްވެއްޖެ. އެކަމަކު ކުރާނެކަމެއްނެތް. ވެދިޔަތަން އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ. ކުރެވޭނީ އެންމެކަމެއް. ކެތްތެރިވުން" އެހިސާބަށް ނުޝައިބާގެ ވާހަކަތައް ދިޔަތަނާ ނަތާޝާ މޫނުމަތީގައި އަތް އެޅިއެވެ. އިސާހިތަކު ނަތާޝާއަށް ރޮވިއްޖެއެވެ.

"ކް....ކިހިނެއްވީ ނަތާ މަންމާ! ކީއްވެ ނަތާ ރޮނީ..." އަޒްކާ އަހާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ.

"އަޒްކާ ބަނޑުބޮޑު. ލަފާކުރެވޭ ގޮތުގައި ތިންމަސް ފުރި މިވަނީ ހަތަރު މަހަށް އަޅާފައި. ބޮޑަށް ޔަޤީންވާނީ ސްކޭން ހަދާލީމަ" އަޒްކާއަށް ހީވީ އޭނާގެ ބޮލަށް އުޑު ވެއްޓި އޭނާ ނޭވާހޮޅިއަށް އެޅުނު ހެންނެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން ގޮސް ވެއްޓެން ދިޔައެވެ. ނުޝައިބާ އޭނާގެ އަތުގައި ހިފާލިއިރު އޭނާގެ ދެލޮލަށް ވަނީ ފުސްވެފައެވެ.

"ކަންބޮޑުނުވޭ. ތިއުމުރުގަ މިހާރު ބަލިވެއިންނަ ކުދިން ވަރަށް ގިނަ. އެއްގޮތަކަށްވެސް ބިރުގަންނާނެ ކަމެއްނެތް. ތިއީ އަލަތު ދަރިފުޅު ދޯ" އަޒްކާ ހަމަޔަކަށް އެޅުނުކަން އެނގުމުން ނުޝައިބާ ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ރޮވޭ ވަރުން އަޒްކާއަށް ނުޝައިބާ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދެވެއެވެ.

"ދައްތައަށް އިނގޭ އަޒްކާ މީހަކާއި ކައިވެނިކުރިކަން. ނަތާ ހުރިހާ ވާހަކައެއް ކިޔާދިން" އަޒްކާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާ މީހަކާއި ކައިވެނިކުރީ ކޮންއިރަކު ހެއްޔެވެ؟

"ނޫން... އަ....އަޅުގަނޑު...." ނަތާޝާއާއި ދިމާލަށް އަޒްކާއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ވަގުތުން ނަތާޝާ އިޝާރާތުން އެވާހަކަ ހުއްޓާލުމަށް އަޒްކާއަށް އެންގިއެވެ. އަޒްކާ އިސްޖަހާލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟