ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ނިންމުމަށް ރައްޔިތުން އިންތިޒާރުގައި

15 Oct 02:36

މިއަދުގެ އަޑުއެހުން ނިންމާލައިފި. މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި ބޭއްވުމަށް ހަމަޖެހިފައިވޭ.

15 Oct 02:06

ސުޕްރީމް ކޯޓަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަދައްކަވާފައި.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހިންގެ ރައީސަކަށް އިންތިހާބު ކޮށްފައި ކަމަށާއި އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލުތަކާ ހިލާފަށް ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައިގެންފައި ކަމަށް. އަދި އެހެން ގޮތަކަށް އެކަން ނިންމުމުގެ ހައްގު އަދި ވަކިން ސުޕްރީމް ކޯޓަށް ވެސް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި.

15 Oct 02:00

15 Oct 01:58

ސުޕްރީމް ކޯޓުގައި އަޑުއެހުން ކުރިއަށްދާ އިރު، ކޯޓު ކައިރީގައި އަދިވެސް ގިނަ ބަޔަކު ދަނީ ޝުއޫރުތައް ފާޅުކުރަމުން. މިހާރު އެ ސަރަހައްދުން ފެންނަނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން.

15 Oct 01:54

15 Oct 01:28
މުހައްމަދު އައުޒަމް

ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފައި.

15 Oct 01:27
މުހައްމަދު އައުޒަމް

ސުޕްރީމް ކޯޓު ސަރަހައްދުގައި އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ފުލުހުން ހައްޔަރުކޮށްފި. އޭނާ ހައްޔަރުކުރި އިރު، އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ވަނީ ފުލުހުންނާ ދިމާއަށް ބިއްލޫރި ފުޅިއެއް ވެސް އެއްލާފައި. އެއްވެސް މީހެއްގެ ގައިގައި އެ ފުޅި ޖެހިފައެއް ނުވޭ.

15 Oct 00:59

އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ބަލިގަބޫލުކުރައްވައި އިބޫއަށް ރައީސް ޔާމީން މަރުހަބާ ދެންނެވި ނަމަވެސް ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު އިންތިހާބުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށްބުނެ ޕީޕީއެމުން ދަނީ އަޑުއުފުލަމުން. ޕީޕީއެމްއިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވި.

15 Oct 00:57

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި. އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އިބޫ ކުރި ހޯއްދެވީ 58.4 އިންސައްތައިގެ ވޯޓު ހޯއްދަވައިގެން.

15 Oct 00:51

15 Oct 00:47

ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ދައުވާ ފޯމް ވަނީ ދާދިފަހުން ލީކުވެފައެވެ. އެ ދައުވާ ފޯމުގައި ރައީސް ޔާމީން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފަ.

އޭގެ ތެރޭގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވޭ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވޭ.

ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފަ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވޭ.

ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ފާހަގަކޮށްފައިވޭ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފަ.

އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވޭ.

އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ.

15 Oct 00:46

15 Oct 00:43

އެ މައްސަލައިގެ އަޑުއެހުމަށް ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ޕާލެމަންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަދެފަ. މައްސަލައިގެ އަޑުއެހުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގާނޫނީ ވަކީލު ހިސާން ހަސަން ވަދެފައިވާ އިރު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވަދެފަ.

15 Oct 00:41

ސުޕްރީމް ކޯޓު ސަރަހައްދުގައި އެތައް ބަޔަކު އެއްވެ، ދިޔައީ އަޑުއުފުލަމުން. އެ ސަރަހައްދުގައި ތިބި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވަމުންދާ އިރު، ޕީޕީއެމްގެ ސަޕޯޓަރުން ގޮވަމުންދަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް.

ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރުފަހު 1:00އަށް ވަނީ ތާވަލުކޮށްފައެވެ. އަޑުއެހުމަށް ވަނުމަށް މިއަދު ހެނދުނުން ފެށިގެން މީހުން ވަނީ ކިޔޫގައި ޖެހެން ފަށައިފައެވެ.

އެ މައްސަލައިގެ އަޑުއެހުމަށް އިދިކޮޅު ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވަނީ ވަދެފައެވެ. ސުޕްރީމް ކޯޓަށް އެއްވެފައި ތިބި ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގަން ފެށުމުން ފުލުހުން ވަނީ އެމީހުން ވަކި ހިސާބަކަށް ފަހަތަށް ޖައްސައި، ބެރިކޭޑް ފަހަތުގައި ބައިތިއްބައިފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަށް ހުރިހާ ރައްޔިތުން ވެސް ތިބީ އިންތިޒާރުގައެވެ.