ޑރ. މުހައްމަދު ޖަމީލް އަހްމަދު

ކޯލިޝަން ދަމަހައްޓަން ގެންނަންޖެހޭނީ ގައުމީ ފިކުރުގެ މަޖިލީހެއް: ޑރ: ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރު ކޯލިޝަން ދަމަހައްޓަން ގެންނަންޖެހޭނީ ގައުމީ ފިކުރުގެ މީހުން ތިބި ރައްޔިތުންގެ މަޖިލީހެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ރިޔާޒުގެ ކެމްޕެއިން ލޯންޗްކުރުމަށް ރޭ ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ކޯޓުތައް ވާން ޖެހޭނީ ރައްޔިތުންނަށް އިންސާފު ޔަގީންވާ ތަނަކަށް ކަމަށާއި ދައުލަތް ވާންވާނީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭ ތަނަކަށް ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެތަނެއްގެ ހިމާޔަތާއި ރައްކާތެރިކަމަށްޓައި ރައްޔިތުން ފަޚުރުވެރިވާންޖެހޭ ތަނެއް ކަމަށާއި ދިވެހި ރާއްޖޭގެ ކޯޓުތައް ވާންޖެހޭނީ އެތަނެއްގެ އިންސާފަށްޓަކައިި ޔަގީންކަން އޮންނަ ތަނަކަށް ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވާންޖެހޭނީ ހުރިހާ ދިވެހި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ރައްކާތެރި ބޭފުޅަކަށް ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަ ކަމަކީ އިސްލާމް ދީނުގެ އަސާސް ކަމަށާއި ރާއްޖޭގެ ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާ ތަކަކީ ރައްޔިތުންގެ މަސައްކަތުން ގެނައި ތަންތަން ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ފިކުރު ކަމަށެވެ.

އަދި ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ ދިވެހިންގެ ފަޚުރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ބަދަލަކަށް ބޭނުންވެގެން މަގުތަކާއި ޕޯޑިއަމްތަކާއި އެކި ފޯރަމްތަކުގައި ހިޔާލުފާޅު ކުރީ ރާއްޖޭގެ ގައުމީ ފިކުރު ހިމާޔަތް ކުރުމަށް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން ގެނައީ ގައުމީ ފިކުރުގެ ވެރިކަމެއް ކަމަށާއި ވެރިކަން ގެނައުމަށްޓަކައި ކުރެވުނު މަސައްކަތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންގެ މެދުގައި އެތައް ވައުދަކާއި އަހުދުތަކެއް ވެފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް މަޖިލިސް ވާންޖެހޭނީ ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތަށް ގައުމީ ފިކުރު ތަންފީޒު ކުރާ މަޖިލީހަކަށް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.