ޝަހީދާ އަބްދުﷲ ސައީދު
2019 ވަނަ އަހަރު ނިމެންވާއިރަށް ގދ. ފަރެސްމާތޮޑާގައި އަޅައި އެއާޕޯޓްގެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ހުންނެވި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް މިރޭ ބިލަބޮންގ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ ފަރެސްމާތޮޑާގައި ހަދަން ނިންމާފައިވާ އެއާޕޯޓް އަވަހަށް ހަދައި ނިންމައިދިނުމަށް ރައްޔިތުން އެދެމުންދާކަމަށާއި ދާއިރާގެ ރައްޔިތުންގެ ތަރައްގީ ގުޅިފައިވަނީ ކޮން ދިމާލަކަށްކަން އެނގިވަޑައިގަންނަވާކަމަށެވެ.
އަދި އެކަމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުންވާކަމަށް އަސްލަމު ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނެތި ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާކަމަށާއި އެދުވަސްވަރު ކަންކަން ކުރަންޖެހުނީ ވަރަށް ދަތިކޮށް ކަމަށެވެ.
މަޖިލީހުގެ ތެރޭގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ހުރަސްތައް ވަރަށް ބޮޑަށް ކުރިމަތިވި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުއެއް ހިންގުމަށް ވިޔަސް އަދި ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ކަމުގައި ވިޔަސް އިދިކޮޅު މެންބަރުން ދަތިކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''އެތަޖުރިބާގެ އަލީގައި އަޅުގަނޑަށް ވަރަށް ފާުކޮށް ދަންނަވަން ކެރޭނެ ރިޔާސީ އިންތިހާބު އަޅުގަނޑުމެންނަށް ލިބިއްޖެ. ވެރިކަމުގައި ތިބެގެން ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވައުދުތައް ފުއްދައި އޮމާންކަމާއެކު ފަސް އަހަރުގެ ދައުރެއް އަދާކޮށް ވައުދުތައް ފުއްދެން އަންނަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ ކޯލިޝަނަށް ލިބިގެން.'' މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ އެކުގައި މަސައްކަތް ކުރަން ބަޔަކު އެއްވެގެން އުޅޭއިރު ތަފާތު މައްސަލަ ޖެހޭނެ ކަމަށައި މައްސަލައެއް ޖެހޭއިރަށް ބޮޑާ ހާކާލާފައި އެހެން ދިމާއަކަށް ދިއުމަކީ ހައްލެއް ނޫން ކަމަށެވެ.
އަދި ކޯލިޝަނެއްގައި އެއްބަސްވެވޭނެ ކަންކަމާއި އެއްބަސް ނުވެވޭނެ ކަންކަން ވެސް ހުންނާނެ ކަމަށާއި އެއްބަސް ނުވެވޭ ކަންކަމުގައި ވާހަކަދައްކައިގެން ހައްލު ހޯދޭނެ ކަމަށް މިނިސްޓަރު އަސްލަމު ވިދާޅުވިއެވެ.