ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަތު އެމްޑީޕީއަށް ހޯދައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ފަތުހުﷲ އަހުމަދުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް ރޭ ބިލަބޮން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝައިޚު އިމްރާން ވިދާޅުވީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އަރައިގަނެވެން އޮތީ މަޖިލިސް އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރެވެން އޮތީ އަދާލަތު ޕާޓީއާ އެމްޑީޕީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި އަދާލަތަށް ވެސް އެކަށީގެންވާ މިންވަރަށް މަޖިލިސް ތަމްސީލު ކުރަން ފުރުސަތު ލިބުނު ކަމަށެވެ.
އަދި ރައްޔިތުން 2015ގެ ހާލަތަށް ދިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ރައްޔިތުންނަށް ހައްގުވާ މިންވަރު ހޯދައިދެން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު އިމްރާން ވަނީ ނިލަންދޫ ދާއިރާ އާއި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އަދާލަތު ޕާޓީގެ ކެންޑިޑޭޓަށް އެމްޑީޕީން ތާއީދުކުރަން ނިންމުމާ ގުޅިގެން އެކަމަށްޓަކައި ރައީސް ސޯލިހަށާއި އެމްޑީޕީގެ ރައީސް، ނަޝީދަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓަށް އަދާލަތު ޕާޓީން ފުރިހަމައަށް ތާއީދުކުރަން ނިންމާފައިވާކަން ވެސް އިމްރާން ހާމަކުރެއްވިއެވެ.